ބްރިޖާއި އެކު ތަރައްގީ ކުރަމުން އަންނަ ރިންގް ރޯޑް ގެ މަސައްކަތުގައި ގައިދީން ބައިވެރިވަނީ - ފޮޓޯ: އަވަސް

ޒުވާނުންނަކީ ޤައުމުގެ މުސްތަޤްބަލް!

"ޒުވާނުންނަކީ ޤައުމުގެ މުސްތަޤްބަލް"އެވެ. މިއީ މިރާއްޖޭގެ ސިޔާސީ ވެރިން ޕޯޑިއަމްތަކަށް އަރާ އަޑުހަރުކޮށް އެންމެ ގިނައިން ވިދާޅުވަމުން އަންނަ އެއް ވާހަކައެވެ. މިއީ ހަމައެކަނި ނަމަކަށް އެބޭފުޅުން ސިޔާސީގޮތުން ނުވަތަ މަޤާމުގެ ގޮތުން ޒުވާނުންގެ ސަޕޯޓް ހޯދުމަށް ބުނެލާ ބުނެލުމަކަށް ވަނީވެފައެވެ. އެއްވެސް ބޭފުޅަކު ޢަމަލުން އެކަން ދައްކާފައިނުވާކަމީ އެބޭފުޅުން އަޑުހަރުކޮށް ދައްކަމުންދާ ވާހަކަތަކުގެ އިތުބާރެއް ނެތްކަމުގެ ހެއްކެވެ.

ޝައްކެއްވެސް ނެތެވެ. މިއަދުގެ ޒުވާނުންނަކީ ޤައުމުގެ މުސްތަޤްބަލެވެ. އެހެންނަމަވެސް އެޒުވާނުންނަށް ލިބިފައިވާ ޤާބިލުމަކާއި ހުނަރާއި ޢިލްމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ފުރުޞަތު މި ފަސްގަނޑުގައި އެބައޮތްތޯއެވެ. މިގޮތުން މިޤައުމުގެ އިސްވެރިން ޒުވާނުން ބަލައިގަންނަ ގޮތް މާލޭގެ ރިންގް ރޯޑް ހެދުމުގެ މަސައްކަތުގައި އުޅުނު ޒުވާނުން މިއަދު އުޅެމުންދާ ޙާލަތައް ބަލާލިނަމަވެސް އެގޭނެއެވެ.

މާލޭގެ ވަށައިގެންވާ މަގުތަކުގައި ތާރު އެޅުމަށްޓަކައި ވޭތުވެދިޔަ އަހަރުގެ ފަހު ހަމަހުގެ ތެރޭގައި ޖަލުން ނެރުނު ޒުވާނުން އެމަސައްކަތް ނިމި ޝަރުތުތަކަކާއިއެކު މިނިވަންވެފައިވާއިރު އޭގެތެރެއިން ގިނަޒުވާނުން ތިބީ ވަޒީފާއެއް ނެތި އާމްދަނީ ހޯދާނެ ގޮތެއް ނެތިފައެވެ. އަދި މާޒީގައި ކުރެވިފައިވާ ކުށަށް އަދަބު ލިބި މިނިވަންވެ އިސްލާޙްވެގެން މުޖުތަމަޢުގެ ތެރެއަށް ނިކުންނަ ޒުވާނުންގެތެރެއިންވެސް ގިނަބަޔަކުތިބީ ވަޒީފާއެއް ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައެވެ.

ވަޒީފާއަކަށް ކުރިމަތިލައިގެން އެޒުވާނުންނަށް ވަޒީފާ ހޯދުމުގައި ދަތިވަމުންދާ އެންމެ ބޮޑު އެއްސަބަބަކީ މާޒީގައި ކުރެވިފައިވާ ކުށެވެ. ވަޒީފާދޭ ފަރާތަށް އެޒުވާނާއަކީ ޖަލުން ދޫކޮށްލާފައިވާ ފަރާތެއްކަން އެނގޭ ހިސާބުން ވަޒީފާގެ މައިދާނުން ބާކީ ކޮށްލައެވެ. އެގިލައްވާތޯއެވެ. ވަޒިފާގެ މައިދާނުން ތިޔަބޭފުޅުން ބާކީ ކޮށްލާ ޒުވާނާއަށް ތިޔަދެނީ ކުށްތަކަށް އަރައިގަތުމަށް ދެވޭ އިތުރު ފުރުޞަތެކެވެ. ކުރާނެކަމެއްނެތި ހުސްވަގުތު ގިނަވެ، މަގުތަކުގެ ކަންކަންމަތީ ގިނަވެ، ކުށްކުރުމަށް ހުޅުވާލައިދޭ އިތުރު ދޮރުތަކެކެވެ.  

ބްރިޖާއި އެކު ތަރައްގީ ކުރަމުން އަންނަ ރިންގް ރޯޑް ގެ މަސައްކަތުގައި ގައިދީން ބައިވެރިވަނީ - ފޮޓޯ: އަވަސް

ކޮންމެ ދުވަހަކު ހަވީރު މާލެވަށައިގެން ތާރުމަގުގައި ބުރުޖަހަން ނުނިކުންނަ މީހެއް މަދުވާނެއެވެ. އެމަގުން ދުއްވަން ފަސޭހަވުމުން އެމަގުން ނުދުއްވާ މީހެއް މަދުވާނެއެވެ. އެމަގުން ދުއްވާއިރު އެމަގު ހެދުމުގެ ބުރަމަސައްކަތް ކުރި ޒުވާނުން މަތިން ހަނދުމަފުޅުވަނީ ކިތައްބޭފުޅުންތޯއެވެ؟ އެއީ ތިޔަބޭފުޅުން ވަޒީފާގެ މައިދާނުން މިހާރުވެސް ބާކީކުރަމުންދާ ހުނަރުވެރި، ކެރޭ، ޤާބިލު މުރާލި ދިވެހި ޒުވާނުން ކޮށްފައިވާ ބުރަ މަސައްކަތެވެ. ހަމަގައިމުވެސް ތިޔަބޭފުޅުން އޭސީ އޮފީސްތަކުގައި ކުރަމުން ތިޔަގެންދާ މަސައްކަތައްވުރެ ބުރަ މަސައްކަތެކެވެ. ރޯމާދުވާލު މެންދުރު ގަޑީގައި ދިއްލާ ރޯއަވީގައި ކުރިމަސައްކަތުގެ ނަތީޖާ މިއަދު މިއޮތީ މަގެއްގެ ސިފައިގައި އަޅުގަނޑުމެން އެންމެނަށް ފެންނާށެވެ.

ނަމަވެސް އެޒުވާނުންކުރި މިންނެތް ބުރަ މަސައްކަތް އަގުވަޒަންކޮށްދިނީ ކޮން މުއައްސަސާއަކުންތޯއެވެ؟ އެޒުވާނުންކުރި މަސައްކަތުގެ އަގުވަޒަންކޮށްދިންނަމަ، މިއަދު ވަޒީފާގެ މައިދާނުން ބާކީއެއް ނުކުރާނެކަން ޔަޤީނެވެ.

ބްރިޖާއި އެކު ތަރައްގީ ކުރަމުން އަންނަ ރިންގް ރޯޑް ގެ މަސައްކަތުގައި ގައިދީން ބައިވެރިވަނީ - ފޮޓޯ: އަވަސް

މިގޮތަށް ޖަލުން ނިކުންނަ އެތައް ޒުވާނުންނަކީ ދިވެހި ދަރިންނެވެ. ދިވެހީންގެ ލެއެވެ. މިފަސްގަނޑުމަތީގައި ރަނގަޅުގޮތުގައި އެޒުވާނުން ދެމެހެއްޓުމަށްޓަކައި ޒިންމާ އުފުލުމަކީ ތިޔަކޮންމެ ބޭފުޅަކުވެސް ދިވެހި ޤައުމަށްޓަކައި އުފުލާ ޒިންމާއެއްކަމުގައި ދެކި، އެޒިންމާ އުފުލަށްވާށެވެ.

ކޮންމެފަދަ ކުށެއް ކޮށްފައިވީނަމަވެސް އެޒުވާނުންނަކީ ދެވަނަ ފަހަރަށް އެކުށް ތަކުރާރު ނުކުރާނެ ބަޔަކަށް ހެދުމަށްޓަކައި ސަރުކާރުގެ މުޢައްސަސާތަކުން އެޒުވާނުންނަށް ވަޒީފާގެ މައިދާނަށް ނިކުތުގެ މަގު ފަހިކޮށްދިނުމަކީ، ޕޯޑިއަމްތަކުގައި ގޮސް ތިޔަބޭފުޅުން އަޑު ހަރުކޮށް "ޒުވާނުންނަކީ ޤައުމުގެ މުސްތަޤްބަލް" އޭ ބުނުމަށް ޝަރުތުހަމަވާނެ ކަމެއްކަމުގައި ދެކެމެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ