ރާއްޖޭގައި ފަނޑިޔާރުންގެ ގޮތުގައި މިހާރު ވެސް އަންހެން ކަނބަލުން އެބަތިއްބެވި ކަމަށާއި މިކަމުގައި ބަލަންވީ ވަކި ޖިންސަކަށް ނޫންކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލު ވިދާޅުވެފައި ވަނީ، 11 ޖުލައި 2007 ގައި، ރައީސް މައުމޫންގެ ޒަޢާމަތުގައި އަޅުގަނޑުމެން ވާނީ އެ ނިންމުން ނިންމާފައިކަމަށާއި އެ ބަހުސް ވަނީ ނިމިފައިކަމުގައެވެ. އަދި ގައުމީ ޚިދުމަތުގައި ބަލަންވީ ގާބިލްކަމާއި ނަޒާހާތްތެރިކަމަށް ކަމަށާއި ވަކި ޖިންސަކަށް ނޫން ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.
#Maldives already has female judges. We appointed the first female judges on 11 July 2007, during Prez @maumoonagayoom's administration, after careful consideration. That debate is over. What should be considered in national service is capability & integrity, not the gender.
— Mohamed Jameel Ahmed (@MJameelAhmed) August 24, 2019
ޖަމީލުގެ މި ވާހަކައަށް ރައްދުދެއްވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒު ވިދާލުވެފައި ވަނީ ނުބައިކޮށް ކަމެއް ކުރެވިފައިވުން އެއީ ތާ އަބަދު އެގޮތުގައި ދެމި ހުންނަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ބެންޗް ފަހަކުން ހަތަކަށް އިތުރު ކުރުމަށް ޤާނޫނަށް ގެނަ އިސްލާހާއި ގުޅިގެން އިތުރަށް ނަގަންޖެހޭ ދެ ފަނޑިޔާރުންނަށް ސަރުކާރުން ހުށައަޅާފައިވަނީ އަންހެން ދެ ފަނޑިޔާރުންނެވެ. އެގޮތުން ޑރ. އަޒްމިރަލްދާ ޒާހިރު އާއި އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުށަހެޅުއްވި ހުށަހެޅުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ބަލައިގަންފައެވެ.
އަންހެން ފަނޑިޔާރުންގެ އަޑާއެކު ބޮޑެތި ބަހުސްތަކެއް ސޯޝަލް މީޑިއާގައި ވަނީ ފެށިފައެވެ. އެމްޑީޕީއާއި ރައީސް މަޢުމޫނަށް ތާޢީދު ކުރައްވާ ގިނަ ފަރާތްތަކުން ދަނީ މިކަން ދިފާޢުކޮށް ގިނަ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މަޢުމޫން ވަނީ ފަނޑިޔާރުކަމަށް އަންހެނުން އައްޔަން ކުރުމަކީ ޙުއްދަކަމެއް ކަމަށް ވިދާޅުވެ ވާހަކަ ފުޅުދައްކަވާފައެވެ.
ނަމަވެސް ރާއްޖޭގެ ފަތުވާ މަޖިލިސްއާއި ވަރަށް ގިނަ ދީނީ ޢިލްމުވެރިން ވަނީ ސަރުކާރުގެ މި ނިންމުމަށް ވަރަށް ބޮޑަށް ފަޑުވިދާޅުވެފައެވެ. ފަތުވާ މަޖިލީހުން ވަނީ އަންހެނުންނާއި ފަނޑިޔާރުކަން ހަވާލުކުރި މީހާ އާއި ހަވާލުވި މީހާ ވެސް ފާފަވެރިވާނެ ކަމަށް ވިދާޅުވެފައެވެ. އެއާއި އެކު ފަތުވާ މަޖިލިސް ބަދަލުކުރަން ޖެހޭކަމަށް ޖަލުތަކުގެ ހާލަތު ބަލާ ކޮމިޝަންގެ މެމްބަރު ޝަހިންދާ އިސްމާއީލް ވަނީ ބުނެފައެވެ.
މީގެ އިތުރުން ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންވެސް އަންނަނީ ފަނޑިޔާރުކަމަށް އަންހެނުން އައްޔަން ކުރުމަކީ ހުއްދަ ކަމެއް ނޫންކަމަށް ވިދާޅުވަމުންނެވެ.