ސީރީއާ - ވީއޭއާރުން ރޮނާލްޑޯގެ ލަނޑު ކެންސަލްކުރި ނަމަވެސް ފުރަތަމަ މެޗުން ޔުވެންޓަސްއަށް މޮޅެއް

އިޓާލިއަން ސީރީއާގެ މިއަހަރު ސީޒަން ރޭ ފެށިފައިވާއިރު ވީއޭއާރުން ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑު ކެންސަލްކުރި ނަމަވެސް ޖިއޯޖިއޯ ކިއެލީނީގެ ލަނޑަކާއެކު ފުރަތަމަ މެޗުން ޔުވެންޓަސްއަށް މޮޅެއް ލިބިއްޖެއެވެ.

ޕާމާ ދަނޑުގައި ކުޅެވުނު މިމެޗުގައި އެކްލަބުގެ މައްޗަށް ޔުވެންޓަސްއިން ކުރި ހޯދާފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

ހުރިހާ ގޮތަކުންވެސް ޔުވެންޓަސްއިން ކޮންޓްރޯލްކުރި މިމެޗުގެ ހަމައެކަނި ލަނޑު މެޗުގެ 21 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިނީ ޔުވެންޓަސްގެ ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީއެވެ. ލިބުނު ކޯނަރަކުން ހުރަސްވި ބޯޅައަކުން އެންމެންގެ ތެރޭގައިހުރެ ކިއެލީނީ ޖަހައިދިން މިލަނޑަކީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުން އެކްލަބަށް އޭނާ ޖަހައިދިން ފުރަތަމަ ލަނޑެވެ.

އޭގެ ވަގުތުކޮޅެއް ފަހުން ކްރިސްޓިއާނޯ ރޮނާލްޑޯ އިތުރު ލަނޑެއް ޖަހައި ޔުވެންޓަސްއަށް ލީޑު ފުޅާކޮށްދިނެވެ. ނަމަވެސް ބޯޅަ ޕާސްކުރި ވަގުތު ރޮނާލްޑޯ އޮފްސައިޑްގައި ހުރުމުން ވީއޭއާރުންވަނީ އެލަނޑު ކެންސަލްކޮށްފައެވެ.

ލިބިގެންދިޔަ ލަނޑުޖަހާނެ ގިނަ ފުރުޞަތުތައް ޔުވެންޓަސް އަތުން ބޭކާރުވެ، މެޗު ނިމިގެންދިޔައީ އިތުރު ލަނޑެއް ނުފެނި މިނަތީޖާގައި އޮވެއެވެ.

67.5 މިލިއަން ޕައުންޑް ޚަރަދުކޮށް ދާދިފަހުން ޔުވެންޓަސްއަށް ގެނައި ޒުވާން ޑިފެންޑަރު މަޓިޗް ޑެލީޓް ރޭ މެޗުގައި ކުޅެފައިނުވާއިރު، އާސެނަލް ދޫކޮށް ޔުވެންޓަސްއާއި ގުޅުނު ރަމްސޭ ރޭގެމެޗަށް ޔުވެންޓަސް ނެގި ޓީމުގައި ހިމެނިފައެއްނުވެއެވެ.

އަދި ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ ނިއުމޯނިއާ އަށް ފަރުވާ ހޯދަމުން އަންނާތީ، ރޭގެ މެޗުގައި ޔުވެންޓަސްއަށް އިރުޝާދު ދީފައިވަނީ އެކްލަބުގެ އެސިސްޓެންޓް ކޯޗު ޖިއޮވާނީ މާތަސިއެލޯއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ