ކޮމަންވެލްތު އެސެސްމަންޓް ޓީމު ހެލްތު މިނިސްޓަރާއި ބައްދަލުކުރައްވައިފި

ރަސްމީދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންއުޅުއްވާ ކޮމަންވެލްތު އެސެސްމަންޓް ޓީމު މިނިސްޓަރ އޮފް ހެލްތު އަބުދުﷲ އަމީންއާއި ބައްދަލުކުރައްވައިފިއެވެ.

ހެލްތު މިނިސްޓަރާއި އެމިނިސްޓްރީގެ އިސްވެރިން ބައިވެރިވަޑައިގެންނެވި މިބައްދަލުވުމުގައި ހެލްތު ދާއިރާ ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމާއިބެހޭ ގޮތުން ވާހަކަ ދެކެވުނުއިރު، އެދާއިރާ އިތުރަށް ތަރައްޤީ ކުރުމާއިބެހޭގޮތުންވެސްވަނީ މަޝްވަރާކުރެވިފައެވެ.

ދިވެހިރާއްޖެއަށް ވަޑައިގެންނެވި ކޮމަންވެލްތު ޓީމުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތްކުރައްވަނީ ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ ގަވަރނަންސް އެންޑް ޕީސް ޑައިރެކްޓަރޭޓްގެ ސީނިއަރ ޑިރެކްޓަރ މިސް ކެޓަލައިނާ ސަޕްލޯއެވެ.

ކޮމަންވެލްތުގެ ޓީމެއް ރާއްޖެއަށް ވަޑައިގެންފައި މިވަނީ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ކުރިއެރުންތަކެއް ހޯދާފައިވަނިކޮށެވެ.

ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ދިވެހިރާއްޖެ އަނެއްކާވެސް ވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ރިޔާސީ ވައުދުފުޅަކަށްވާއިރު، އެޖަމާޢަތުގެ މެމްބަރަކަށްވުމަށް އަލުން ހުށަހެޅުމަށް މިސަރުކާރު ވެރިކަމަށް އައި ފުރަތަމަ ހަފްތާގެ ތެރޭގައިވަނީ ނިންމަވައި، އެމަސައްކަތް ފަށާފައެވެ.

ކޮމަންވެލްތު އެސެސްމެންޓް ޓީމުގެ މިދަތުރުފުޅުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި ޝަރުޢީ ދާއިރާގެ ބައެއް ފަރާތްތަކާއިއެކު ބައްދަލުކުރައްވާ ގޮތަށްވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ