ފަނޑިޔާރުކަމުގެ މަޤާމަށް އަންހެން ބޭފުޅަކު ޢައްޔަން ކުރުމަކީ ޤާނޫނުއަސާސީއާއި ރާއްޖޭގައި ޢަމަލުކުރަމުން އަންނަ އެއްވެސް ޤާނޫނަކާ އަދި އިސްލާމް ދީނުގެ އެއްވެސް އަސާސަކާވެސް ޚިލާފު ކަމެއް ނޫންކަމަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިހެން ވިދާޅުވެފައިވަނީ ދާދިދެންމެއަކު ނެރުނު ނޫސް ބަޔާނެއްގައެވެ.
އެނޫސް ބަޔާނުގައި އެމްޑީޕީން ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މާފަންނު ސީނާ ޑޮކްޓަރ އަޒްމިރާލްދާ ޒާހިރާއި، މާފަންނު ކޮކާހަނދުވަރުގޭ އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ޢައްޔަންކުރެއްވުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ދެ ބޭފުޅުންގެ ނަންފުޅު ފޮނުއްވާފައިވާތީ އެކަމަށް މުޙައްމަދު ޞާލިޙަށް މަރުހަބާ ދަންނަވާކަމަށާއި، ފަނޑިޔާރުކަމަށް އަންހެނުުން ޢައްޔަން ކުރުމަކީ ދީނުގެ އެއްވެސް އަސާސަކާވެސް ޚިލާފު ކަމެއްނޫންކަމަށެވެ.
އަދި މިނިވަން ދިމިޤްރާޠީ އިސްލާމީ މުޖްތަމަޢުތަކުގައި އަންހެން ޖިންސުގެ ފަނޑިޔާރުން ކޯޓުތަކުގައި ފަނޑިޔާރުކަން ކުރަމުން ގެންދާތާވަނީ އެތައް އަހަރެއް ވެފައިވާއިރު، ދުނިޔޭގެ އެންމެ މުސްލިމުން ގިނަ ޤައުމު ކަމުގައިވާ އިންޑޮނީޝިޔާ އާއި އަދި ސައޫދީ އަރަބިއްޔާ ހިމެނޭ ގޮތުން މެދު އިރުމަތީގެ ގިނަ ޤައުމުތަކެއްގައިވެސް އަންހެން ޖިންސުގެ ފަނޑިޔާރުން ޝަރީޢަތް ކުރަމުން އަންނަކަންވެސް މިބަޔާނުގައި އެޕާޓީންވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން ދިވެހިރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް ހިއްސާ ކުރަނީ އަންހެނުންކަމަށްވާއިރު، ޤައުމު ބިނާ ކުރުމުގެ މަސައްކަތުގައި ވަކީން ޚާއްޞަކޮށް ޕްރޮފެޝަނަލް މަސައްކަތްތައް ކުރުމުގައި އާބާދީގެ ދެބައިކުޅަ އެއްބައި ބާކީކޮށްފައި ޤައުމެއް ބިނާ ކުރެވިދާނެ ކަމަކަށް ކުޑަކޮށްވެސް ޤަބޫލެއް ނުކުރާކަމަށްވެސް މިބަޔާނުގައި އެޕާޓީންވަނީ ވިދާޅުވެފައެވެ.
އިޤްޠިޞާދީ ކަންކަމުގެ އިތުރުން އިޖްތިމާޢީ އެންމެހައި ކަންކަމުގައިވެސް ބަސްބުނެ ގޮތް ނިންމުމުގެ ބާރު ފިރިހެނުންނެކޭ އެއް ގޮތަށް އަންހެނުންނަށްވެސް ލިބިދޭން ޖެހޭނެކަމަށް އެޕާޓީން ޤަބޫލުކުރާކަމަށާއި އެއްމެ އަސާސީ އެއް އުޞޫލަކީ، އިންސާނަކު ނިސްބަތްވާ ޖިންސެއްގެ ސަބަބުން އެމީހަކު ކުރަން ބޭނުންވާ މަސައްކަތެއް ކުރުން އޭނާއަށް ހުރަހަކަށް ވެގެން ނުވާނެ ކަމުގެ އުޞޫލްކަމަށްވެސް މިބަޔާނުގައި ވެއެވެ.
އިތުރަށް މިބަޔާނުގައި އެމްޑީޕީން ވިދާޅުވީ، މީގެއެތައް އަހަރެއް ކުރީންވެސް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ޝަރީޢަތް ކުރުމަށް އަންހެން ޖިންސުގެ ފަނޑިޔާރުން އައްޔަން ކޮށްފައިވާކަމަށެވެ.
"އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޖޭ.އެސް.ސީ އަށް ނަންފުޅު ފޮނުއްވި އަންހެން ދެ ފަނޑިޔާރުންނަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައާއި ސިވިލް ކޯޓުގައި އެތައް ބައިވަރު ޝަރީޢަތްތަކެއް ކުރައްވައި އެކަމުގެ އެތައް ބައިވަރު ތަޖްރިބާތަކެއް ލިބިވަޑައިގެންފައިވާ ކުރީގެ ދެ ފަނޑިޔާރުންނެވެ." އެމްޑީޕީން ވިދާޅުވިއެވެ.
އެމްޑީޕީގެ މިނޫސް ބަޔާން ނިންމާލައްވާފައިވަނީ އަދުލް އިންސާފުގެ ނިޒާމް އިޞްލާޙު ކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް މަރުހަބާއާ ޝުކުރު ދަންނަވަމުންނެވެ.
އެހެންނަމަވެސް، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވިދާޅުވީ، ފަނޑިޔާރުކަމަށް އަންހެނަކު އައްޔަނުކުރުމީ ހުއްދަކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.





2 Responses
އެމްޑީޕީ ވެރިކަން ދައުުރު ހަމަ ނުވަނީސް ވައްޓާލަން ޖެހޭ ކަމުގެ އަލާމާތްތައް ފާޅުވަނީ
އަހަ މިއޮތީ ފަތުވާދޭ މަތީ މަޖުލީހުން ފަތުވާނެރެފަ ދެން މީގަ ބުނާނެ އެއްޗެއްނެތް. الله مستعان