ސާޖިއޯ އަގުއޭރޯ ކެރިއަރުގައި ޖެހި 400 ވަނަ ގޯލާއެކު އިންގްލިޝް ޕްރިމިއާ ލީގުގައި ބޯންމައުތާއި ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ސިޓީ ތާވަލްގެ ދެވަނައަށް އަރައިފިއެވެ.
ބޯންމައުތު ދަނޑުގައި ކުޅެވުނު މިމެޗު ސިޓީން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.
ސިޓީގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީވެސް ސިޓީންނެވެ. ޑިބްރޫނޭގެ އެސިސްޓަކުން އަގުއޭރޯ ކާމިޔާބުކޮށްދިން މިލަނޑު ފެނިގެންދިޔައީ މެޗުގެ 15 ވަނަ މިނަޓްގައެވެ.
މީގެއިތުރުން ފުރަތަމަ ހާފު ނިމުނުގެ ކުރިން އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކުރިއިރު 43 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ޖަހައިދިނީ ރަހީމް ސްޓާލިންއެވެ. މީގެއިތުރުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ބޯންމައުތުންވަނީ ލަނޑެއްޖަހައި ފަރަގު ކުޑަކޮށްފައެވެ. ބޯންމައުތަށް އުންމީދު ލިބިގެންދިޔަ މިލަނޑު ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ފެނިގެންދިޔައިރު މިލަނޑު ޖަހާދީފައިވަނީ ހެރީ ވިލްސަންއެވެ.
ފުރަތަމަ ހާފު ނިމިގެންދިޔައީ އެއްލަނޑު ތަފާތުން ސިޓީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ފެނިގެންގޮސްފައިވަނީ އެންމެ ލަނޑެކެވެ. ސިޓީގެ އަގުއޭރޯގެ ފަރާތުން 64 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ އޭނާގެ ކެރިއަރުގައި ޖެހި 400 ވަނަ ލަނޑެވެ.
އުމުރުން 16 އަހަރުގައި ކެރިއަރުފެށި އަގުއޭރޯ ކެރިއަރުގައި ޖެހި ފުރަތަމަ ލަނޑު ޖަހާފައިވަނީ އެސްތޫޑިއެންޓެސްއާއި ދެކޮޅަށް އަވެލަނެޑާއާއެކު ކުޅުނު މެޗުގައެވެ. 2-2 ގެ ނަތީޖާއަކުން އެއްވަރުވި މިމެޗު ކުޅެފައިވަނީ 26 ނޮވެމްބަރު 2004 ވަނަ އަހަރުއެވެ.
2006 ވަނަ އަހަރު އެތުލެޓިކޯއަށް ބަދަލުވި އަގުއޭރޯ އަވެލަނެޑާއަށް 23 ލަނޑުވަނީ ކާމިޔާބުކޮށްދީފައެވެ. އަދި އެތުލެޓިކޯގައި ހޭދަކުރި ފަސް ސީޒަންގައި އޭނާ އެކްލަބަށް 101 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.
ކުޅުނު ތިން މެޗުން 7 ޕޮއިންޓް ލިބި ސިޓީއަށް ތާވަލުގެ ދެވަނަ ލިބިފައިވާއިރު، ކުޅުނު ތިން މެޗުންވެސް މޮޅުވެ 9 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައި އޮތީ ލިވަޕޫލްއެވެ.
މިސީޒަންގައި މިހާތަނަށް ސިޓީން ތިންމެޗު ކުޅެފައިވާއިރު، އޭގެތެރެއިން ދެމެޗު ސިޓީވަނީ ކާމިޔާބުކޮށްފައެވެ. އަދި ޓޮޓޭންހާމްއި ދެކޮޅަށް ކުޅުނު ލީގު ދެވަނަ މެޗުވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.




