ވީނަމަ ދެ ޖިންސް ހަމަހަމަ، ވާނޭ އުޑާ ބިމާ ހަމަ!

އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަ ކަމުގެ ވާހަކަ އަކީ މީގެ އެތައް ޒަމާނެއް ކުރިން ދެކެވެމުން އަންނަ ވާހަކައެކެވެ. އެވާހަކަތައް މި ރާއްޖޭގައިވެސް ދެކެވޭތާވެސް ދުވަސް ތަކެއް ވެއްޖެއެވެ. އެކަމަށް ވާކާލާތު ކޮށް އެކަން ހަޤީޤަތަކަށް ހެދުމަށް އަންހެނުންގެ ހައްޤުޤައި މަސައްކަތް ކުރާ އެތައް ބަޔަކު މިއަދު މިރާއްޖޭގައި އެބަތިބިކަން ޔަގީނެވެ.

އަންހެނުންގެ ޙައްޤުތަކަށް ގޮވާލާ އަންހެނުން ބާރުވެރި ބަޔަކަށް ހަދަން ބައިނަލް އަގުވާމީ ފެންވަރުގައިވެސް ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރެވެމުންނެވެ. އެގޮތުން ފިރިހެނުންނެކޭ އެއް ހަމައެއްގައި ހުރިހާ ދާއިރާއެއްގައިވެސް އަންހެނުންނަށް ހަރަކާތްތެރި ވެވޭނެކަމަށް ދަނީ ބުނަމުންނެވެ.

އަންހެނުންނަކީ އިސްލާމް ދީނުގައި މަތިވެރި ޤަދަރެއް ދެވިފައިވާ ބައެކެވެ. އިންސާނާ ދުނިޔެއަށް އައުމުގައިވެސް އަންހެނުންގެ ހިއްސާ ބޮޑެވެ. އަންހެނުންނަކީ އިޙްތިރާމް ލިބިގެންވާ މާތް ބައެއްކަމުގައި އިސްލާމްދީން އެކަނބަލުން ހެދިއެވެ. އިސްލާމް ދީން އައުމުގެ ކުރީގައި އަންހެނުންވީ އެންމެ ދަށުދަރަޖައިގެ ބައެއްކަމުގައެވެ. އެކަނބަލުންނަށް އެއްވެސް އިޙްތިރާމެއް ނުލިބެއެވެ. އޭރުގެ މުޖުތަމަޢުގައި ހާލަތު ހުރި ގޮތީ އަންހެން ދަރިޔަކު ވިހައިފިނަމަ ދިރިހުއްޓާ ވަޅުލާ ހާލަތުގައެވެ.

މިހާ ދަށުދަރަޖައިގައި އަންހެނުންގެ މަޤާމް ވަނިކޮށް އިސްލާމް ދީން ވަނީ އެކަނބަލުންނަށް ޙައްޤު އިޙްތިރާމް ހޯދައިދީފައެވެ. އިސްލާމް ދީނުގެ ސަބަބުން ކަނބަލުންނަށް ޢިއްޒަތްތެރިކަން ލިބުނުމެއެވެ. އެކަނބަލުންގެ މަޤާމް މަތިވެރިވެގެން ދިޔަމެއެވެ. އިންސާނާ އެންމެ ބޮޑަށް އިޙްތިރާމް ކުރަންޖެހެނީ ތިޔަ އުޚްތާއަށެވެ. އެހެނީ ބައްޕަ އަށް ވުރެ ތިންގުނަ އިތުރަށް މަންމަ އަށް އޯގާތެރި ވުމަށް އަޅުގަނޑުމެންގެ މާތް ނަބިއްޔާ ވަނީ އުންމަތަށް އިރުޝާދު ދެއްވާފައެވެ.

ނަމަވެސް މިއަދު އަޑުއިވޭ ވާހަކަ އަކީ އެކަނބަލުންނަށް ފުރުޞަތު ނެތް ވާހަކައެވެ. ޙައްޤު މިންވަރު ލިބެން ނެތް ވާހަކައެވެ. އެކަމަށް ވަކާލާތުކޮށް އަޑުއުފުލާ ފަރާތްތަށް ގިނަވެއްޖެއެވެ. ތެދެކެވެ. އަންހެނުންނާއި ފިރިހިނުންނަށްވެސް ފުރުޞަތުތައް ލިބެންޖެހެއެވެ. ޙައްޤުތައް ކަށަވަރުވާން ޖެހެއެވެ. މުޖުތަމަޢުގައި އަގުހުރި ބައެއްކަމުގައި ދެ ޖިންސް ގެ މީހުންވެސް ވާންޖެހެއެވެ. ތަޢުލީމް އުނގެނުމާއި އުނގަންނައި ދިނުމަކީ ވެސް އަންހެނުންގެ ޙައްޤެކެވެ. އާންމު ދިރިއުޅުމުގެ މައިދާނުގައިވެސް ކަނބަލުންނަށް ނުހަނުގިނަ ފުރުޞަތުތައް ލިބިދީފައިވެއެވެ. އިޖުތިމާއީ ގޮތުންނާއި ސިޔާސީ ގޮތުންވެސްމެއެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި ހުރިހާ ކަމެއްގައިވެސް އަންހެނުންނާއި ފިރިހެނުން ހަމަހަމަ ކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ. އެގޮތުން ތަފާތު މުޢާހަދާތައް ވަނީ އެކުލަވާލެވިފައެވެ. މީގެ 26 އަހަރުކުރިން 1993 ވަނަ އަހަރު ރާއްޖެއިން މިފަދަ މުޢާހަދާއެއްގައި ސޮއިކުރެއްވުމަށް ތައްޔާރު ވަމުންދިޔަ ދަނޑިވަޅެއްގައި އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް އަލްފާޟިލް އަޙްމަދު ޒަކީއަށް ފޮނުވިފައިވާ ސިޓީއެއްގައިވެއެވެ.

"އިސްލާމްދީނުގައި އަސާސީ ޙައްޤުތަކާއި ވާޖިބުތަކުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަވެގެންވެއެވެ. ގަނެވިއްކުމާއި، ދިނުމާއި، މަސައްކަތް ކުރުމާއި، ވަޒީފާ އަދާކުރުމާއި، މުސާރައިގައި ފިރިހެނުންނާއި އަންހެނުން ހަމަހަމަ ވެގެންވެއެވެ. ނަމަވެސް އިސްލާމްދީނުގައި ފިރިހެނުންނާއި އަންހެނުންނާއި ދެމެދުގައި ތަފާތު ކުރައްވާފައިވާ ބައެއްކަންތައްވެއެވެ."

ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވާފައިވަނީ ޤައުމެއްގެ އެންމެ މަތީވެރިކަން އަންހެނަކަށް ނުކުރެވޭނެ ކަމަށެވެ. އެކަން ކުރެވޭނީ ފިރިހެނުންނަށެވެ. އަދި ވާރުތަ މުދާ ބެހުމުގައި އޮންނާނީ އަންހެން ދަރިޔަކަށް އެއްބައި ފިރިހެން ދަރިޔަކަށް ދެ ބައެވެ. ހަމައެއާއިއެކު ހެކިބަސް އަދާކުރުމުގައި ދެ އަންހެނުންގެ ހެކިބަސް އެއްވަރުވަނީ އެއް ފިރިހެނެއްގެ ހެކިބަހަށް ކަމަށެވެ. މީގެ އިތުރުން "ވަރި" ބަސް އޮންނާނީ ފިރިހެނާގެ ބާރުގެ ދަށުގައެވެ. އަންހެނަކަށް ދަތުރުކުރެވޭނީ ފިރިމީހާއާއި އެކުގައި ނުވަތަ މަޙުރަމަކާ އެކުގައެވެ. އަދި ފިރިހެނަކަށް ހަތަރު އަނބިން ހުއްދައެވެ. އަންހެނަކަށް ހުއްދައީ އެންމެ ފިރިއެވެ.

މި ސިޓީގައި މޫސާ ފަޠުހީ އެދިލައްވާފައިވަނީ ބައިނަލް އަޤްވާމީ މުޢާހަދާގައި ސޮއިކުރައްވާއިރު އިސްލާމީ ޝަރީއަތުގައި ކަނޑައެޅިގެން ތަފާތު ކުރައްވާފައިވާ ކަންތައްތައް ފިޔަވައި އެހެން ކަންތައްތަކުގައި އަންހެނުންނާއި ފިރިހެނުންނާއި ހަމަހަމަ ވެގެން ވާކަމަށް ސޮއިކުރެއްވުން ރަނގަޅުވާނެކަމަށެވެ.

ސިޓީގައި ދެންނެވިފައިވަނީ ވަރަށް ރަނގަޅު އިބްރަތްތެރި ވާހަކަތަކެކެވެ. ހަމަހަމަ ވާންވީ ހަމަހަމަ ވެވޭނެ ކަންތައްތަކުގައެވެ. ހުރިހާ ކަމެއްގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަ ކަމަށް ޤަބޫލު ކުރުމަކީ އަދި މުޅިން ރަނގަޅު ވިސްނުމެއްވެސް ނޫނެވެ. އުފެދުމުގައިވެސް ދެ ޖިންސް ތަފާތު ވީފަދައިން ދެ ޖިންސްގެ ދެމެދުގައި ތަފާތު ކަންތައްތަކެއް ވާކަމަށް ޤަބޫލު ކުރަންޖެހެއެވެ.

އަޅުގަނޑުގެ ހަނދާނަށް އަންނަނީ މީގެ އެތައް ޒަމާނެއްކުރިން "ދޮހޮއްކޮބޭ" ވިދާޅުވެފައިވާ ލަވައެކެވެ. ދިވެހިންގެ ތެރޭގައި މަޝްހޫރުވެގެން ދިޔަ މިލަވަ އަދިވެސް ދިވެހިންނަށް ވަރަށް ކަމުދެއެވެ. ލަވައިގައި ވިދާޅުވެފައިވަނީ "ވީނަމަ ދެ ޖިންސް ހަމަހަމަ، ވާނޭ އުޑާ ބިމާހަމަ" މިހެންނެވެ.

ކޮންމެއަކަސް ވަރަށް ފުން މާނައެއް މި އިބާރާތުގައި އެކުލެވޭކަން ޔަޤީނެވެ. އަޅުގަނޑަށް މީގެ މާނަ ކުރަން ދަތިކަމުން، އެ ވިދާޅުވި ބަހުގެ މާނަ ކުރަން އަޅުގަނޑު ދޫކޮށްލާނީ ތިޔަ ކިޔުންތެރިންނަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ