ފުލުހުން ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީގެ ބައެއް ވަސީލަތްތައް އުކުޅަހުގައި ކުރިއަށްދާ ޓެކް ފެއާގައި ދައްކާލައިފިއެވެ.
އުކުޅަހުގައި މިއަދު ހުޅުވި ކޮންވެންޝަން ސެންޓަރުގައި ކުރިއަށްދާ މި ފެއާގައި، ފުލުހުން މިހާރުވެސް ބޭނުންކުރަމުންދާ ބައެއް ސިސްޓަމްތަކާއި އާލާތްތަކުގެ އިތުރުން މިހާރު ޑިވެލޮޕް ކުރަމުންދާ ބައެއް ސިސްޓަމްތައް ދައްކާލާފައިވެއެވެ.
އެގޮތުން، ޕްރޮފެސަރ ޙަސަން އުގައިލްއާއެކު ފުލުހުން ކުރިއަށްގެންދާ އެކްސެލެރޭޓަރ ޕްރޮގްރާމްގެ ދަށުން ޑިވެލޮޕް ކުރަމުންދާ ފޭސް ރިކޮގްނިޝަން ސިސްޓަމް ގެ ޕްރޮޓޯޓައިޕް ތަޖުރިބާ ކުރުމުގެ ފުރުޞަތު މި ފެއާއިން ލިބިގެންދާނެކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން، ފުލުހުންގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސަރވިސަސް އިން އިމްޕްލިމެންޓް ކުރަން ފަށާފައިވާ، ނަމްބަރ ޕްލޭޓް ރެކޮގްނިޝަން ސިސްޓަމާއި ޑިވޮލޮޕް ކުރުމުގެ މަސައްކަތްކުރަމުންދާ އޮބްޖެކްޓް ރެކޮގްނިޝަން ސިސްޓަމްގެ ޕްރޮޓޯ ޓައިޕެއްވެސް މި ފެއާ އިން ފެނިގެންދާނެއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްގައި ބޭނުންކުރާ ޒަމާނީ މުވާސަލާތީ ވަސީލަތްތައް ދަައްކާލުމުގެ އިތުރުން ތަހުގީގުތަކުގައި ބޭނުންކުރާ އިންޓަރވިއު ރެކޯޑިން ސިސްޓަމް މަސައްކަތްކުރާ ގޮތްވެސް މި ފެއާގައި ދައްކާލާނެކަމަށްވެސް ފުލުހުންވަނީ މަޢުލޫމާތު ދެއްވާފައެވެ.
މިއަދުން ފެށިގެން މިމަހު 28 ގެ ނިޔަލަށް ކުރިއަށްދާ ޓެކް ފެއާ ރަސްމީކޮށް ފަށްޓަވައިދެއްވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ. ޓެކް ފެއާ އާއެކު ކުރިއަށްދާ ސައިންސްވެރިންގެ ކޮންފެރެންސްގައި ފުލުހުންގެ ބައެއް އިސް ވެރިން ބައިވެރިވެލައްވައެވެ.



