ރަށްރަށުގެ ބަނދަރު، އެރަށެއްގެ ރައްޔިތުން އަމިއްލައަށް ޑިޒައިންކުރާތީ ވަރަށް އުނދަގޫވެލައްވާ ކަމަށް ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިއަދު ހެނދުނުއެވެ.
އަސްލަމް ވިދާޅުވީ، ރައްޔިތުން ބަނދަރު ޑިޒައިން ކޮށްފައި ފޮނުވާ ކަމަށާއި، އެހެން އެކަން ކުރުމުން އިނޖިނިއަރުން ބޭނުން ނުވާކަމަށެވެ.
"އަޅުގަނޑަށް ވަރަށް ގިނައިން ދިމާވާ މައްސަލައެއް ރަށުގެ ރައްޔިތުން ސީދާ ބަނދަރު ޑިޒައިން ކޮށްފައި، އަޅުގަނޑަށް އެބަ ފޮނުވާ. އެހެން އެކަން ކުރީމާ އަޅުގަނޑު އިންޖިނިއަރުން ބޭނުންވާނެ ސަބަބެއް ނެތް. އެހެންވީމާ ރަށުގެ ރައްޔިތުންނާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންވެސް އަދި އަޅުގަނޑުވެސް އަޅުގަނޑު ބޭނުންވަނީ ކިތައް ދޯންޏާއި، ކޮން ކަހަލަ ބަނދަރެއް ގެންނަންތޯ އެއީ އަޅުގަނޑު ޑިފައިންކުރަންޖެހޭ އެއްޗެއް. އިތުރު ޑީޓެއިލް ސްޕެސިފައި ކުރާނީ އިންޖިނިއަރުން." އަސްލަމް ވިދާޅުވިއެވެ.
ބަނދަރުގައި ބޭނުންކުރާނެ ތަކެތީގެ ތަފްސީލާއި، ޑިޒައިން ނިންމާނީ އިންޖިނިއަރުން ކަމަށް އަސްލަމް ވިދާޅުވިއެވެ.
"ބަނދަރު ހަދާ، ބަނދަރުގެ ތޮށި ހުންނަންވީގޮތް ނިންމައި، ބޮޑުހިލައިގެ ސައިޒް ނިންމައި، ނެރުގެ ފައިކަށީގެ ދިގުމިން ނިންމައި، މިކަންކަން ކުރަނީ ޓެކްނިކަލް ބޭފުޅުން، އިންޖިނިއަރުން." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، ރައްޔިތުން ބަނދަރު ޑިޒައިން ކުރާތީ ވަރަށް އުނދަގޫވެލައްވާ ކަމަށާއި، އެކަން ހުއްޓާލަންޖެހޭ ކަމަށެވެ.
"އެހެންވެ އެހެން ކުރާތީވެ، އަޅުގަނޑަށް ވަރަށް އެބަ އުނދަގޫވޭ. އެމައްސަލަ ހައްލުކުރަން އަޅުގަނޑު ވަރަށް ބޮޑަށް އެދެން އިއްޒަތްތެރި މެންބަރުންގެވެސް އެއްބާރުލުން އަޅުގަނޑަށް ލިބުން." އަސްލަމް ވިދާޅުވިއެވެ.
ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހދ.ނޮޅިވަރަންފަރު ބަނދަރުގެ ނެރު ފައިކަށީގެ ހުސްތަންކޮޅު ރަނގަޅުކުރާނެ ފައިސާ މިއަހަރުގެ ބަޖެޓުގައި ނެތް ކަމަށާއި، އެ މަސައްކަތް ކުރަންޖެހޭނީ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން ކަމަށެވެ.



