ފަނޑިޔާރު ޢަބްދުﷲ ދީދީ - ފޮޓޯ: މިހާރު

ފަނޑިޔާރު ދީދީ ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބްދުﷲ ދީދީ، މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މިއަދު ހެނދުނު ބޭއްވި ޖޭއެސްސީގެ 57 ވަނަ ބައްދަލުވުމުންނެވެ.

ޖޭއެސްސީ އިން މިއަދު ނިންމާފައިވަނީ، އެ ކޮމިޝަނުން ބެލި ޝަކުވާއާއި ގުޅިގެން ލިޔުމުން ޖަވާބު ދެއްވުމަށް ދިން 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ލިޔުމުން ދެއްވާފައިވާ ޖަވާބަށް ރިއާޔަތްކުރާއިރު، އެ ނިންމުމަށް ބަދަލުގެންނަން ނުޖެހޭ ކަމަށެވެ.

"އެފަރާތުން ލިޔުމުން ކޮމިޝަނަށް ދެއްވާފައިވާ ޖަވާބުގައިވާ ކަންތައްތަކަށް ބަލައި، ކޮމިޝަނަށް ހުށަހެޅުނު ނަންބަރު D-TC80-1/T2019/13 ތަޙްޤީޤު ރިޕޯޓުގެ ނިންމުމަށް ބަދަލެއް ގެންނާނެ ތަނެއް އޮތްކަމަށް ނުފެންނާތީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ އާމެދު ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 37 ވަނަ މާއްދާގެ (ބ) ގައިވާ ތައުދީބީ ފިޔަވަޅު ކަމުގައިވާ "ފަނޑިޔާރު ވަޒީފާއިން ވަކިކުރުމަށް" ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މިއަދު ކޮމިޝަނުން ނިންމެވި." ޖޭއެސްސީ އިން ވިދާޅުވިއެވެ.

ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ މަޤާމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވުމަށް ނިންމި ޖޭއެސްސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ، އެ ކޮމިޝަނުގެ ރައީސް ޢަބްދުﷲ ޢަރީފް އާއި ނައިބު ރައީސް މަސްތޫރު ޙުސްނީގެ އިތުރުން މުޙައްމަދު ނަޝީދުއާއި ހިސާން ހުސައިން، ޢަބްދުއްރައޫފް އިބްރާހީމް އަދި ޢަލީ ޝަމީމްގެ އިތުރުން އިބްރާހީމް ރިފްއަތެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ