ތަޢުލީމީ ނިޒާމްގެ ތެރެއިން ނަމާދުކުރަން ދަސްކޮށްދެނީ އެންމެ ރަނގަޅައްތޯއެވެ؟

ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމުން ދިރިއުޅޭ ގައުމަކަށްވީހިދު، ތަޢުލީމީ ނިޒާމްގައި "އިސްލާމީ ތަރުބިއްޔަތު" މި މާއްދާ ބިނާކޮށްފައިވަނީ އިސްލާމް ދީނުގެ ކަންތައްތައް ދަރިވަރުންނަށް ދަސްކޮށްދީ ދީނީ ކަންތައްތަކަށް ދަރިވަރުން އަހުލުވެރި ކުރުވުމަށެވެ.

މާތްވެގެންވާ އިސްލާމްދީނުގެ މުހިއްމު އެއް ރުކުން ކަމުގައިވާ ފަރުޞު ފަސް ނަމާދު ކުރާނެގޮތް ދަސްކޮށްދޭއިރު ޖަމާޢަތުގެ ނަމާދެއްގެ މެދުތެރެއިން ނަމާދުކުރަންފަށާ މީހާއަށް ޖަމާޢަތުން ނުކުރެވި ދިޔަ ރަކުޢަތް ކުރާނެ ގޮތް ދަސްކޮށްދިނުމަށް އެއްވެސް ފޮތެއްގައި އަލިއަޅުވާލާފައެއް ނޯވެއެވެ. ނަމަވެސް މަދު ސްކޫލްތަކުގައި ވެރިން އިސްނަގައިގެން ޖަމާޢަތުގެ ނަމާދެއްގެ މެދުތެރެއިން ނަމާދުކުރަންފަށާނަމަ ނަމާދުކުރާނެގޮތް ކިޔައިދެއެވެ.


އުތީމު ބަންޑާރައިންގެ މިސްކިތް / ހއ. އުތީމު
ފޮޓޯ: ހަސަން ރަފްޙާން

މިކަމުގެ ސަބަބުން މިއަދު މިސްކިތްތަކުން އަޅުގަނޑުމެންނަށް ފެންނަމުންދަނީ ވަރަށް ހިތާމަވެރި މަންޒަރެކެވެ. ނަމާދުގެ ޖަމާޢަތުގެ މެދުތެރެއިން ނަމާދުގެ ޖަމާޢާތާއި ގުޅޭމީހުން އެކި ގޮތްގޮތަށް ޖަމާޢަތް ނިމުމުން ނަމާދުކުރަމުން ދާތަން މިސްކިތުގައި ތިބޭ ހުރިހާ ބޭފުޅުންނަށް ފެނުނު ނަމަވެސް އެކަމާއި އަޅާނުލާ ތިބުމަކީ މިމުޖުތަމަޢުއިން އިސްލާމީ ރިވެތި އާދަތައް ނެތިގެންދާކަމުގެ ހެއްކެކެވެ. ދުވަސްވީ މީހުންނާއި، ދީނީ ޢިލްމްވެރިން، މުދިމުން، އަދި ދީން ކިޔަވައިގެން ތިއްބެވި މޮޅެތި ބޭފުޅުންވެސް މިފަދަ މަންޒަރުތައް ލޯކުރިމަތިން ފެންނަމުންދާއިރުވެސް، އެކަމަށް އެއްވެސް ސަމާލުކަމެއް ދޭތަން ފެންނަނީ މަދުންނެވެ.

އުތީމު ބަންޑާރައިންގެ މިސްކިތް / ހއ. އުތީމު
ފޮޓޯ: ހަސަން ރަފްޙާން

މިކަމަކީ ހަމައެކަނި ތަޢުލީމީ ނިޒާމުގެ ތެރެއަށް ދޫކޮށްލަން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. ބެލެނިވެރިންނާއި، މިސްކިއްތަކަށް ނަމާދަށް އަރާ އެންމެންވެސް، ނަމާދުގެ އަޅުކަމުގެ ތެރޭގައި ކުށެއް ކުރާތަން ފެނިއްޖެނަމަ އެކަން ރަނގަޅުކޮށްދޭން ޖެހެއެވެ.

މިފަދަ ކަންތައްތަކުގައި އެންމެ ބޮޑު ޒިންމާ އެއް އުފުލަންޖެހޭނީ ބެލެނިވެރިންނެވެ. ދަރިވަރުން ސުކޫލަށް ފޮނުވާ ހިސާބުން ޓީޗަރުންގެ އަތްމައްޗަށް މިފަދަ ކަންތައްތައް ދޫކޮށްލައިގެން އަޅާނުލާ ހުރުމަކީ، މިފަދަ މާތް އަޅުކަންތައް އަދާކުރުމުގައި ކުރަންޖެހޭ ކަންތައްތައް މިމުޖުތަމަޢުއިން ފޮހިވިގެން ދިއުމަށް ހުޅުވާލެވޭ ދޮރެކެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް