ރިތިކް ރޯޝަންއާއި ޓައިގާ ޝްރޮފް އެކީގައި ފެނިގެންދާ ފުރަތަމަ ފިލްމް “ވާރ” ގެ ޓީޒާ ޓްރެއިލާއަށްފަހު ފިލްމްގެ ފުރަތަމަ އޮފިޝަލް ޓްރެއިލާ މިވަނީ ބެލުންތެރިންނަށް ދައްކާލާފައެވެ.
މި ފިލްމަކީ މިއަރު ނުކުންނާނެ އެންމެ ބޮޑު އަދި ވަރުގަދަ ފިލްމްކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނާއިރު، ފިލްމްގެ ޓްރެއިލާއިން އެކަން ވަރަށް ރަނގަޅަށްވެސް ހާމަވެއްޖެއެވެ.
ބޮލީވުޑްގައި އެންމެ މޮޅަށް އެކްޝަން ފިލްމްތަކުގެ ރޯލުން ފެނިގެންގޮސްފައިވާ ރިތިކް އާއި ޓައިގާގެ ވަރުގަދަ ކުރިމަތިލުންތަކެއް "ވާ" ގެ ޓްރެއިލާއިން ފެނިގެންދާއިރު، އެ މަންޒަރުތައް ވަރަށްވެސް ފުރިހަމައެވެ.
ޓްރެއިލާއިން ނޭވާ ހިފަހައްޓާލަން ޖެހޭ ގިނަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާއިރު، މި ފިލްމްގައި ރިތިކް އަދި ޓައިގާ ފެނިގެންދާނީ ދެ ދުޝަމަނުންގެ ގޮތުގައެވެ. ރިތިކް އަދި ޓައިގާ އާއެކީ ދެން ފެނިގެންދާނީ ބަތަލާ “ވާނީ ކަޕޫރު”އެވެ.
"ވާ" ގެ 55 ސިކުންތުގެ ޓީޒާ ބެލުންތެރިންނަށް ދައްކާލި ހިސާބުން ޓީޒާއަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. ހަމައެހެންމެ ފިލްމްގެ އޮފިޝަލް ޓްރެއިލާ އިއްޔެ ދައްކާލާފައިވާއިރު މިހާތަނަށް ދިހަ މިލިއަނަށްވުރެ ގިނަ މީހުން ޓްރެއިލާ ބަލާފައިވެއެވެ.
“ޔަޝް ޗޯޕްރާ ފިލްމްސް”އިން ގެނެސްދޭ މި ފިލްމް ޑައިރެކްޓްކުރަނީ، ބޭންގް ބޭންގް ފަދަ ފިލްމްތަށް ގެނެސްދީފައިވާ “ސިދްހާތް އަނަންދް”އެވެ.
މި ފިލްމް ރިލީޒްކުރާނީ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ.




