ބްރެޒިލްގެ ތަރި ނޭމާ ހޯދުމަށްކުރާ މަސައްކަތް ކާމިޔާބުވުން ވަރަށް ގާތްވެއްޖެކަމަށް ބާސެލޯނާގެ ޑިރެކްޓަރެއްކަމަށްވާ ހާވިއާ ބޯޑަސް ބުނެފިއެވެ.
ނޭމާ ހޯދުމުގެ މަސައްކަތުގައި މިހާރުވެސް ބާސެލޯނާގެ އޮފިޝަލުން ދާދިފަހުން ޕީއެސްޖީއާއިވަނީ ވާހަކަ ދައްކާފައެވެ.
"އެއްބަސްވުމަކަށްއަދި ނާދެވޭ. އަދިވެސްދަނީ ވާހަކަ ދެކެވެމުން. ކާމިޔާބުވުން ވަރަށް ގާތް.." ބޯޑަސް ބުންޏެވެ.
މީގެ ދެހަފްތާކުރިން ޕީއެސްޖީއާއި ވާހަކަ ދައްކަން ބާސެލޯނާއިން ދިޔަ ޓީމުގައި އެކްލަބުގެ ޓެކްނިކަލް މެނޭޖަރު އެރިކް އަބީދާލްވެސް ހިމެނެއެވެ. އަދި ބޯޑު މެންބަރު ހާވިއޭ ބޯޑަސްއާއި އަންޑްރޭ ކަރީވެސް މިދަތުރުގައި ބައިވެރިވެފައިވާއިރު، އެޓީމު އެނބުރި ބާސެލޯނާއަށްއައީ މިމަސައްކަތް އިތުރަށް ކުރިއަށްގެން ދިއުމަށް ކަރީ ފްރާންސްގައި ބަހައްޓާފައެވެ.
ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާއާއި ޕީއެސްޖީއާއި ދެމެދު 170 މިލިއަން ޔޫރޯގެ އެއްބަސްވުމަކަށް އައުމަށް ނިންމާފައިވާއިރު އޭގެތެރޭގައި ކުޅުންތެރިން ބަދަލުކުރުންވެސް ހިމެނެއެވެ.
އަނެއްކޮޅުން ސްޕެއިންގެ ރެއަލްމެޑްރިޑުންވެސް އަންނަނީ ބްރެޒިލްގެ ތަރިއަށް ތަފާތު ހުށަހެޅުންތައް ހުށަހަޅަމުންނެވެ. ބާސެލޯނާއަށްވުރެ ރަނގަޅު ހުށަހެޅުން ރެއަލްމެޑްރިޑުން ޕީއެސްޖީއަށް ހުށަހަޅާކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.
ކުރިއަށް މިދާ އޮގަސްޓްމަހު އާސީޒަން ފެށިފައިވާއިރު، ޕީއެސްޖީން މިހާތަނަށް ކުޅުނު އެއްވެސް މެޗެއްގައި ނޭމާ ބޭނުންކޮށްފައެއް ނުވެއެވެ.




