މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން - ފޮޓޯ: މަޖިލިސް

ފަނޑިޔާރު ދީދީ މަގާމުން ދުރުކުރުން މިއަދުގެ ޖަލްސާގައި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުالله ދީދީގެ ސުލޫކީ މައްސަލަ ސާބިތުވާކަމަށް ނިންމައި، މަޤާމުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ދިރާސާ ކޮށް ނިންމިގޮތުގެ ރިޕޯޓް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ތާވަލްކޮށްފިއެވެ.

ފަނޑިޔާރު ޑީޑީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީ އިން ނިންމައި، ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހެނދުނު ފޮނުވާފައިވާއިރު، ރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި އެމައްސަލަ ޖުޑީޝަލް ކޮމެޓީއަށް ފޮނުވުމުން، ޖުޑީޝަލް ކޮމެޓީން ވަނީ ވަގުތުން ބައްދަލުވުމެއް ބާއްވައި، ފަނޑިޔާރު ޑީޑީ މަގާމުން ދުރުކުރަން ފެންނަ ކަމަށް ނިންމާފައެވެ.

މި މައްސަލައިގައި ޖުޑީޝަރީ ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓް މިއަދު ހެނދުނު 09:00 ގައި ފެށުމަށް ހަމަޖެހިފައިވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 43 ވަނަ ޖަލްސާއަށް ހުށަހެޅުމަށް ތާވަލުކޮށްފައިވާއިރު، މިއަދުގެ ޖަލްސާގައި މިކަމަށް ބަހުސްކޮށް، ފަނޑިޔާރު ޑީޑީ މަޤާމުން ވަކުކުރުމަކީ ގާތް ކަމެކެވެ.

އޭނާ މަޤާމުން ދުރުކުރުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާއިރު، ޖޭއެސްސީ އިން ވަނީ އޭނާގެ މައްޗަށް ހިންގި ތަޙްޤީޤު ރިޕޯޓް އާންމުކޮށްފައެވެ. އަދި ޑީޑީވެސް ވަނީ ޖޭއެސްސީއަށް އެރުވި ޖަވާބު އާއްމުކޮށްފައެވެ.

ޖޭއެސްސީއަށް ޖަވާބުދާރީވެލައްވަމުން ޑީޑީ ވިދާޅުވެފައިވަނީ، މިމައްސަލާގައި ޖޭއެސްސީން ވިދާޅުވެފައިވާ “ސަސްޕެކްޓް 1” އަކީ ކާކުކަމެއް ސާފުކޮށްދީފައިނުވާއިރު، އެމީހަކު ތަޙުޤީޤަށް ދީފައިވާކަމަށް ބުނާ ބަޔާނުގެ ކޮޕީއެއްވެސް ލިބިފައިނުވާއިރު، އެބަޔާން ނަގާފައިވަނީ ކޮންއިރަކުކަމެއްވެސް ނޭނގޭކަމަށާއި އެބަޔާނަކީ ކިހިނެއް ހޯދާފައިވާ އެއްޗެއްކަމެއްވެސް ނޭނގޭކަމަށެވެ.

ޑީޑީއާއި ގުޅިގެން ޖޭއެސްސީން ބަލަމުން އަންނަ ސުލޫކީ މައްސަލައަށް އެމަނިކުފާނު އިންކާރުކޮށްފައިވާއިރު، ޑީޑީއަށް ލިބެންޖެހޭ ތަފްޞީލީ މަޢުލޫމާތު ހާމަކޮށްނުދީ، މައްސަލަ ތަފްޞީލުކޮށްނުދީ އަދި ފަނޑިޔާރަށް ލިބިދޭ ދުސްތޫރީ ޙައްޤުތައް ލިބިނުދީ މިތަޙުޤީޤު ނިންމާފައިވާއިރު، މިތަޙުޤީޤުން ވާސިލްވި ނިންމުމަކީވެސް ބާޠިލް ނިންމުމަކަށްނޫނީ ނުވާނެކަމަށްވެސް ޑީޑީގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ