ގދ. ތިނަދޫ ކައުންސިލްގެ ރައީސް އިބްރާޙީމް އަސްޢަދު، އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަގާމުން ދުރުކޮށްފިއެވެ.
މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަސްޢަދު އެ މަޤާމުން ދުރުކޮށްފައިވަނީ ކައުންސިލް ހިންގުމުގެ ކަންކަން އެންމެ އެކަށީގެންވާ ގޮތުގައި އޭނާއަށް ކުރިޔަށް ނުގެންދެވޭތީއެވެ. އެގޮތުން އޭނާ ކައުންސިލްގެ ރައީސްގެ މަޤާމުން ދުރު ކުރުމުގެ ކުރިން މި ކަންކަން ރަނގަޅު ކުރުމަށް 30 ދުވަހުގެ މުއްދަތުގެ މުހުލަތެއް ވަނީ ދީފައެވެ.
އަސްޢަދު ކައުންސިލްގެ ރައީސްގެ މަޤާމުން ދުރުކޮށްފައިވަނީ މިއަދު ކުރިޔަށް ދިޔަ އެ ކައުންސިލްގެ ބައްދަލުވުމުގައެވެ. ތިނަދޫ ކައުންސިލުން އަސްޢަދުއަށް 30 ދުވަހުގެ މުހުލަތު ދިނުމަށް ފާސްކޮށްފައިވަނީ ޖުލައި މަސްތެރޭގައި ބޭއްވުނު އެކައުންސިލްގެ ބައްދަލުވުމެއްގައެވެ.
ތިނަދޫ ކައުންސިލްގެ ފަސް މެންބަރުންނަކީ ވެސް އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުންނެވެ.




