މާނާފުށި (2)

[މާނާފުށި (1) ގުޅޭ]

"އޭތް ދޯންޏެއް ނެތް!....... ޝިޔާން މުޅި އެ ހިސާބު އެބަ ބަލާ..... ހިނގާބަލަ އަވަހަށް." މާނޭވާ ލަމުން ޒީނާ އަނެއްކާވެސް އައި ކޮޅަށް ދުއްވައިގަތެވެ. ޒީނާ ފަހަތުން އަހަންނާއި ޒާހިދުވެސް ދުއްވައިގަތީމެވެ.

ޒީނާ ބުނީ ތެދެކެވެ. ލޮލު ކޮޅަށްވެސް ދޯނި ފެންނާކަށް ނެތެވެ. ދޯނި އެޅުމަށް ބޭނުންކުރި ވާގަނޑުވެސް އެއިން ހިސާބަކު ނެތެވެ.

"މިހާރު ޝިޔާން ކޮބާ؟" ޝިޔާން ފެންނަން ނެތްކަން އަހަންނަށް ރޭކާލީ އިރުގަނޑެއް ފަހުންނެވެ.

"އަހަރެން ތިމީހުންނަށް ގޮވަން ދިޔައިރު އޭނަ މިތާ ހުރި" އެކި ކޮޅު ކޮޅަށް ނަޒަރު ހިންގަމުން ޒީނާ އޮޅުންފިލުވައިދިނެވެ.

"ވެދާނެ ދޯނި ފެނޭތޯ އެކޮޅަށް ދިޔައީ ކަމަށް. ހިނގާބަލަ ފިޔަވަޅަށް ބަލަމުން ދާން." ފެންނަން ހުރި ފިޔަވަޅުތަކަށް އިޝާރާތް ކުރަމުން ޒާހިދު ބުންޏެވެ. އެހެން ބުނެފައި ޒާހިދު ހިނގައިގަތުމުން އޭނާގެ ފަހަތުން އަހަރެންނާއި ޒީނާވެސް ހިނގައިގަތީމެވެ.

ގޮނޑުދޮށުގައި ހުރި ފިޔަވަޅުތައް ހުރީ ވަކި ހިސާބަކަށެވެ. ދެން އިތުރަށް ކުރިއަށްވެސް، އަދި ރަށު ތެރެއަށްވެސް ގޮސްފައެއް ނެތެވެ. އޭރު އަހަރެން ހުރީ ހިނގާ ހިނގާ ވަރުބަލިވެފައެވެ. އަވި ގަދަކަމުން ބޯވެސް ހީވަނީ ފިހިދާނެ ހެންނެވެ. ފެންބޮވައިގަނެގެން އަހަރެން ހުރީ ބޯ އަނބުރާ ގޮތް ވެފައެވެ.

"ޝިޔާން! ޝިޔާން!" އެއްވާނަކަށް ޒީނާއާއި ޒާހިދު ގޮވަމުން ދިޔައެވެ. އޭރު އަހަރެމެން އެކަމުގައި އުޅޭތާ ގަޑިއެއްހާއިރު ވެދާނެއެވެ.

"ޝިޔާނަށް އެނގޭނެއެއްނު ޓެންޓްތައް ކައިރިއަށް ދާން. އަހަރެން ބޯ އަނބުރާގޮތްވޭ އެބަ. ފެން ފުޅިއެއްވެސް ނުލައެއްނު މިއައީ. ހިނގާ ކާން ދާން. އެހާއިރަށް އޭނަ ނައިއްސިއްޔާ ފެނާ އެއްޗެހި ހިފައިގެން އަނެއްކާ ނުކުންނާނީ." އަހަންނަށް ފެންނަ ގޮތް ހުށަހެޅީމެވެ. އެގޮތާއި އެއްބަސްވެގެން ޒީނާއާއި ޒާހިދުވެސް އަނބުރާ އައި ކޮޅަށް ހިނގައިގަތެވެ.

ކައިގެން ގޮސް އަނެއްކާވެސް އެންމެން ފޯނުތައް ހުޅުވޭތޯ ބެލީމެވެ. ނަމަވެސް އެއްވެސް މީހަކަށް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. އޭރު މެންދުރުން އަނބުރައިފިއެވެ. އެހާއިރު ވީއިރުވެސް ޝިޔާންގެ ހިލަމެއް ނުވެއެވެ. ކާނެ ބައެއް ތަކެއްޗާއި، ބޯފެން، ދަބަހަކަށް އަޅައިގެން އަނެއްކާވެސް ޝިޔާން ފެނޭތޯ އަހަރެމެން ނުކުތީމެވެ. ގޮނޑުދޮށަށް ފައިބާ، ފިޔަވަޅުތަކަށް ބަލަމުން ގޮސް ފިޔަވަޅުތައް ގެއްލިފައި ހުރި ހިސާބުން ރަށުތެރެއަށް އެރީމެވެ. އެކި ފަހަރު އެކި މީހުން ޝިޔާނަށް ގޮވަމުން، ގަސްތައް ފޭކުރަމުން، ދެވޭ ނުދެވޭ ދިމާއެއް ނޭނގޭ ޙާލުގައިވެސް އަހަރެމެން ހިތްވަރުކުރަމުން ދިޔައީމެވެ. އޭރު ޒީނާ ހުރީ ރޮވެން ކައިރިވެފައެވެ. ވަރުބަލި ފިލުވާލަން މަޑުކުރުމަށްފަހު އަހަރެމެން ނިންމީ އިރުއޮއްސުމުގެ ކުރިން ޓެންޓްތަކާއި ދިމާއަށް ދެވޭތޯ ބެލުމަށެވެ. ވަރަށް ގިނަ އިރު ހިނގުނު ފަހުން ރާޅުޖަހާ އަޑު އިވެން ފެށުމުން އެދިމާއަށް މިސްރާބު ބަދަލުކޮށްލީމެވެ. އޭރު ހުރީ އިރު އޮއްސެން ވަރަށް ކައިރިވެފައެވެ. ގޮނޑުދޮށުންލާފައި ޓެންޓްތައް ހުރި ހިސާބު ހޯދަން މާ އުނދަގުލެއް ނުވިއެވެ.

ޝިޔާން ނުފެނުމުން އެންމެން ތިބީ މިލާ މޯޅިވެފައެވެ. ނަމަވެސް އެކަކުވެސް އުންމީދު ކަނޑައެއް ނުލަމެވެ. ހެނދުނު ތެދުވެ ފުރަތަމަ ކަމަކަށް، އަނެއްކާވެސް ޝިޔާން ހޯދަން ނުކުތުމަށް ނިންމީމެވެ.

ނަމާދުކުރުމަށްފަހު ކެއްކުމުގެ ކަންތަކާ މަސްއޫލުވީމެވެ. ދިމާވި ކަންކަމާ ހެދި އެންމެންވެސް ތިބީ ދަތުރުގެ ފޯރި ކެނޑި، މަޑުމޮޅިވެފައެވެ. އެކަކުވެސް މާ ގިނަ ވާހަކައެއް ނުދައްކައެވެ. ޝިޔާން ނެތުމުން އެންމެން އެއްބަސްވީ އެއް ޓެންޓްގައި ނިދުމަށެވެ. ޒާހިދު އެކަނި އޮއްވާ ކަމެއް ދިމާވިޔަސް އަހަންނާއި ޒީނާއަށް ނޭނގޭނެތީއެވެ.

ނިދުމުގެ ކުރިންވެސް އެންމެން ފޯނު ހުޅުވޭތޯ ބެލީމެވެ. ނަމަވެސް އަލި މަގެއް ނުފެނުނެވެ. އެހެންކަމުން ފަތިހު ހޭލުމަށް ޢަޒުމް ކަނޑައަޅައިގެން އެންމެންވެސް އަވަހަށް ނިދޭތޯ އޮށޯތީމެވެ. އަހަރެންނަށް ނިދުނީ ދެފަރާތަށް ފުރޮޅި ފުރޮޅި އެތައް އިރެއްވީފަހުންނެވެ. ނަމަވެސް ނިދިގެން މާ ގިނައިރެއް ނުވެ ސިއްސައިގެން ގޮސްފައި ހޭލެވުނީ މީހަކު ޓެންޓް ތެރޭގައި ހިނގާހެން ހީވެގެންނެވެ. ބޯހިއްލާލާފައި ތެދުވެ ބަލާލިއިރު ޒާހިދު ތެދުވެގެން ޓެންޓުން ނުކުންނަން ދަނީއެވެ.

"ޒާހިދު ކޮންތާކަށް ތި ދަނީ؟" އަހަރެން ސުވާލުކޮށްލީމެވެ.

އަހަރެން ބުނި އެއްޗެއް ޒާހިދަށް ވަރަށް ރަނގަޅަށް އަޑު އިވޭނެއެވެ. ނަމަވެސް ޖަވާބު ނުދިން ތާނގައި އޭނާ ބަލާވެސް ނުލިއެވެ. ފާޚާނާކުރަން ދާކަމުގައި ވިޔަސް ބުނެލާފައި ދިޔަ ނަމައެވެ.

ޒާހިދު ނުކުތްއިރު އަތުގައި ޓޯޗެއްވެސް ނެތެވެ. މިރަށަށް އައި ފަހުން ފޯނުތައް ނުހުޅުވުމާއި، ދޯނި ގެއްލުމާއި، ޝިޔާނަށް ވީނުވީއެއް ނޭނގުން މީ އާދައިގެ ކަންކަން ނޫންހެން މިހާރު އަހަންނަށް ހީވާން ފަށައިފިއެވެ. އެހެންކަމުން ޒާހިދު އެގޮތަށް އަނގައިން ނުބުނެ ނުކުމެގެން ދިއުންވެސް މި ހުރިހާ ކަމަކާއި ގުޅިފައިވެދާނެއޭ އަހަރެންގެ ހިތަށް އެރިއެވެ. އަދި ތުންތުން މަތިން އެރަށާއި ބެހޭގޮތުން އިވިފައި ހުރި ވާހަކަތައް ހަނދާނަށް އަންނަންފެށިއެވެ. އެހެންކަމުން ލަހެއް ފަހެއް ނުކޮށް އަހަރެން އަވަހަށް ޒީނާއަށް ގޮވަން ފެށީމެވެ.

"ޒީނާ...ޒީނާ... އަވަހަށް ތެދުވެބަލަ. ޒާހިދު ގޮއްސި ބޭރަށް. އަނގަޔަކުންވެސް ނުބުނި." އަހަރެން އެހެންބުނުމާއެކު ޒީނާ ފުންމައިގެން ތެދުވިއެވެ.

ދެމީހުން ދެ ޓޯޗު ހިފައިގެން އަވަހަށް ނުކުތީމެވެ. އޭރު އަނދިރިކަމުން ކައިރީގައި ޖެހިގެން ހުންނަ މީހާވެސް ވަކިވާވަރެއް ނޫނެވެ. އެކި ދިމަ ދިމާއަށް ޓޯޗުން އަލި ކުރަމުން ޒާހިދުގެ ހިލަމެއްވޭތޯ އަހަރެމެން ބެލީމެވެ. ނަސީބަކުން ހުދު ކުލައިގެ ޓީޝާޓެއް ލާފައި ހުރުމުން ކަނާތް ފަރާތުގައި ހުރި ގަސްތަކުގެ ތެރެއަށް ޒާހިދު ވަންނަތަން އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އަހަރެން އަވަހަށް ޒީނާ އަތުގައި ހިފައިގެން އެދިމާއަށް ދުއްވައިގަތީމެވެ.

"ޒާހިދު! ޒާހިދު! މަޑުކޮށްބަލަ! މަޖަލެއް ނޫނޭ އިނގޭ." ޒާހިދު ސަމާސާކުރަނީކަމަށް ހީކޮށް ޒީނާ ހަޅޭލަވައިގަތެވެ.

ނަމަވެސް ޒާހިދުގެ ހިނގުމަށް ހުއްޓުމެއް ނައެވެ. އޭނާގެ ކުރިމަތިން އެއްވެސް އަލިކަމެއް ނެތްއިރުވެސް ފަރިތަކަމާއެކު ހިނގަމުން ދިޔައެވެ. ރެއަކީ ކަޅުފޮއި، ވައި މަޑު، ރެޔެއްކަމުން ވަޔާ ގަހެއް ހެލިލާ އަޑުވެސް ނީވެއެވެ. ވަށައިގެން އިވެމުން ދިޔަ ފަނިފަކުސާގެ އަޑު ފިޔަވާ އެ މާޙައުލުން އިތުރު އަޑެއް ނީވެއެވެ. އަހަރެން ހުރީ ޒީނާއަށްވުރެ ތަންކޮޅެއް ކުރީގައެވެ. ތިރީގައި ހުރި މޫތަކުގައި އަޅައިގަންނަވަރުން ބައެއްފަހަރު ތިރިއަށްވެސް އަލިކުރަން ޖެހެއެވެ. އެގޮތަށް އެއްފަހަރަކު ތިރިއަށް އަލިކޮށްލާފައި ދެން ކުރިމައްޗަށް އަލިކޮށްލިއިރު ޒާހިދު ފެންނާކަށް ނެތެވެ.

"މިހާރު އޭނަ ކޮބާ؟" އަހަރެންގެ ހިނގުން މަޑުކޮށްލަމުން ޒީނާ ކައިރީ އަހާލީމެވެ.

"މަށަކަށް ނޭނގެ. މަ މި ހިނގަނީ ނުހާ ހިނގާ ދިމާއަކަށް" ދެލޯ ބޮޑުކޮށްލާފައި ޒީނާ ޖަވާބު ދިނެވެ.

"ޝްޝްޝް...އަޑު މަޑުކޮށްލައިގެން އިރުކޮޅަކު ތިބެމާ؟ އޭރުން ގަސްތައް ފޭކުރާ އަޑު އިވޭނެ." އަހަރެން ޚިޔާލު ދިނީމެވެ.

އިރުގަނޑަކު އެހެން ތިބި އިރުވެސް އެކަހަލަ އެއްވެސް އަޑެއް ނީވުނެވެ.

"މިތާ މިހެން ނުތިބެ ހިނގާ ޓެންޓަށް ދާން. ރޭގަނޑު ވަލުތެރޭ ހިނގައިގެން ވާނެ ފައިދާއެއް އޮތްހެނެއް އަހަންނަކަށް ހިޔެއް ނުވޭ" ކަންބޮޑުވެފައި ޒީނާ ބުންޏެވެ. އެގޮތާއި އެއްބަސްވެގެން ދެމީހުން އަނބުރާލާފައި އައި ކޮޅަށް ހިނގައިގަތީމެވެ. ތަންކޮޅަކަށް ނުދެވެއެވެ. ކުރިމަތިން ފެނުނު މަންޒަރަކުން އަހަރެންގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
61
ގުޅުންހުރި ލިޔުންތައް

4 Responses

  1. Angel

    varah furihama. vaahaka kiyamun dhaa iru hama heevanee e rashuga emeehunaa ekee ulheveyhen sifakurun varah furihama. dhen oiy bayah varah inthizaaru kuran ❤

  2. Dhon

    ވަރަށް ރީތި ވަރަށް ފުރިހަމަ ތި ގެނެސްދޭގޮތް.ހިތައް އަރަނީ ކިހިނެއްބާއޭ ދެންވާނީ؟?

  3. ♥️ DhonKanbulow ♥️

    Varah reethi.. next episode ga vaane goi Balaa hithun mihuree..

  4. Boo

    Varah chaalu,

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ