މީހަކު ޔޫޓިއުބްގެ ވީޑިއޯއެއް ބަލައިގެން ޖަވާހިރެއް ހޯދައިފިޔޭ ބުނެފިނަމަ އެވާހަކަ ގަބޫލުކުރުމަކީ ދަތިކަމެއް ދޯއެވެ؟
އެހެންނަމަވެސް ޓެކްސަސް ސްޓޭޓްގައި ދިރިއުޅޭ "މިރަންޑާ ހޮލިންގްސްހެޑް" ނަމަކަށް ކިޔާ އަންހެނަކު މިވަނީ ޔޫޓިއުބްގެ ވީޑިއޯއެއް ބަލައިގެން ޖަވާހިރެއް ހޯދަައިފައެވެ.
މި އަންހެންމީހާ މި ޖަވާހިރު ހޯދާފައިވަނީ، އިނގިރޭސިވިލާތުގެ "ކްރޭޓާ އޮފް ޑައިމަންޑްސް ޕާކުން"އެވެ. މި ޕާކަކަކީ ޖަވާހިރު ހޯދުމަށް އާއްމުންނަށް ހުޅުވާލާފައިވާ ދުނިޔޭގެ ހަމައެކަނި ޕާކެވެ. މި ޕާކުގެ ބިމަކީ ނަވާރަސަތޭކައިގެ އަހަރުތަކުން ފެށިގެން ޖަވާހިރު ވަޅުލެވިފައިވާ އަދި އެކިފަހަރު މަތިން އެކިމީހުންނަށް ޖަވާހިރު ހޯދިފައިވާ ބިމެކެވެ. އަދި މައިން ކޮށްގެންވެސް މި ބިމުން ޖަވާހިރު ހޯދާފައިވެއެވެ. އަދި މި ބިމަކީ ޕާކެއް ގޮތަށް ޓުއިރިސްޓުންނަށް ހުޅުވާލައިފައިވާ ބިމެކެވެ.
މިރަންޑާ މީޑިއާއަށް ކިޔައިދިންގޮތުގައި، މި ޕާކަށް ދިއުމަށްފަހު އެންމެ ފުރަތަމަވެސް ކުރަން ބޭނުންވި ކަމަކީ ޖަވާހިރެއް ހޯދުމެވެ. އަދި އެކަން ކުރާނެ ގޮތެއް ވިސްނިފައި ނެތުމުން، ޖަވާހިރު ހޯދަނީ ކިހިނެއްތޯ ދައްކުވައިދޭ ވީޑިއޯއެއް ޔޫޓިއުބްގައި ސާޗުކުރުމަށްފަހު ބަލަން ހުރިކަމަށް އޭނަ ބުންޏެވެ.
އަދި އެ ވީޑިއޯ ބަލަން ޕާކު ތެރޭގައި ހުރުމަށްފަހު އޭނަގެ ދަރިފުޅު ކޮބާތޯ ބަލާލުމަށް ނަޒަރު ހިންގާލުމަށް ފަހު ބިންމަތި ބަލާލި ވަގުތު ފައިކައިރީ ވެއްޔާއި ގާތަކާއެކު އެއްވެފައި އޮތް ޑައިމަންޑް ފެނުނުކަމަށް އޭނާ މީޑިއާތަކުގައި ބުނެފައިވެއެވެ.
މިރަންޑާއަށް ހޯދިފައިވަނީ 3.77 ކެރެޓް ގެ ރީނދޫ ޖަވާހިރެކެވެ. މިއީ 2017 ވަނަ އަހަރަށްފަހު އެ ޕާކުން ހޯދުނު އެންމެ ބޮޑު ޖަވާހިރެވެ. 2017 ވަނަ އަހަރު ޒުވާނަކަށް އެ ޕާކުން ހޯދިފައިވަނީ 7.44 ކެރެޓްގެ ޖަވާހިރެކެވެ.



