މުނިފޫހިފިލުވުމުގެ ދާއިރާގެ އޮންލައިން ސްޓްރީމިން ސާވިސްތަކުގެ އެންމެ ކުރީގައިއޮތް އެންމެ ނުފޫޒުގަދަ ކުންފުންޏަކީ ނެޓްފިލްކްސްއެވެ. އެހެންނަމަވެސް ނެޓްފިލްކްސްއަށް ގޮންޖަހާލާ ޑިޒްނީއިން މިހާރު އަންނަނީ އެ ކުންފުނީގެ އަމިއްލަ އޮންލައިން ސްޓްރީމިން ޕްލެޓްފޯމް "ޑީޒްނީ ޕްލަސް" ލޯންޗުކުރުމުގެ މަސައްކަތްކުރަމުންނެވެ.
ހޮލީވުޑްގެ އެންމެ ބޮޑު ފިލްމް އުފައްދާ ކުންފުނި ޑިޒްނީއިން "ޑިޒްނީ ޕްލަސް" ގެ ނަމުގައި ހިންގުމަށް ތައްޔާރުވަމުންއަންނަ މި ސާވިސް ލޯންޗުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
"ޑިޒްނީ ޕްލަސް" އިން އެ ކުންފުނީގެ މަޝްހޫރު ބްރޭންޑްތަކުގެ ފިލްމްތައް ކަމުގައިވާ މާވެލެ، ސްޓާ ވާސް އަދި ޕިކްސާގެ ހުރިހާ ފިލްމްތަކެއް އެއް ޕްލެޓްފޯމަކުން ފަސޭހަކަމާއެކު ބަލާލެވޭނެ ފުރުސަތު އާއްމުންނަށް މަގުފަހިކޮށްދޭނެއެވެ.
ޑިޒްނީއިން އެ ކުންފުނީގެ އޮރިޖިނަލް ސީރީޒް އަދި ޑޮކިއުމެންޓްރީތައްވެސް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، ޑިޒްނީއިން އޮންލައިން ސްޓްރީމިން ޕްލެޓްފޯމެއް ގެނެސްދޭނެކަން އެންމެ ފުރަތަމަ އިއުލާންކޮށްފައިވަނީ މިދިޔަ އަހަރުއެވެ.
ޑިޒްނީ ޕްލަސްގެ އަގުތައް ނެޓްފިލްކްސްއަށް ވުރެ އަގުހެޔޮއިރު، ޑިޒްނީ ޕްލަސްއަށް މަހަކު ދައްކަން ޖެހޭނީ އެންމެ ބޮޑުވެގެން 7 ޑޮލަރެވެ. ނެޓްފިލްކްސްގެ ސަބްސްކްރިބްޝަންއަށް މިހާރު މަހަކު ދައްކަންޖެހނީ 12.99 ޑޮލަރެވެ.
ޑިޒްނީއިން ވަރުގަދަ ސީރީޒްތަކެއް ކުރިއަށް ތާވަލުކޮށްފައިވެއެވެ. އޭގެ ތެރޭޣައި ފެލްކަން އެންޑް ދި ވިންޓާ ސޯލްޖާ، ލޯކީ،ސްކާލެޓް ވިޗް، ވިޝަން ވަންޑާ، އަދި ހޯކްއައި ފާހަގަކޮށްލެވެއެވެ.




