ބާސެލޯނާގެ އެންމެފަހު ހުށަހެޅުމަށްވެސް ޕީއެސްޖީން ނޫނެކޭ ބުނެފި

ބްރެޒިލްގެ ތަރި ނޭމާ ހޯދަން ބާސެލޯނާއިން ކުރާ މަސައްކަތުގައި އެކްލަބުގެ އެންމެ ފަހު ހުށަހެޅުމަށްވެސް ޕީއެސްޖީން ނޫނެކޭ ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ދެދުވަސް ވަންދެއް ދެޓީމުގެ މެދުގައި އެއްބަސްވުމަކަށް އާދެވޭތޯވަނީ މަސައްކަތްކުރެވިފައެވެ. ނަމަވެސް ޕީއެސްޖީގެ އެންމެ ފަހުގެ ޖަވާބަކީ މީގެ ކުރިންވެސް އެކްލަބުން ދެމުން އައި ޖަވާބެވެ. އެއީ ނޫނެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕީއެސްޖީއަށް ބާސެލޯނާއިން އެންމެފަހުން ހުށަހެޅި ހުށަހެޅުމުގައި ނޭމާގެ ބަދަލުގައި ރަކިޓިޗް ދާޢިމީކޮށް ދޭން ހަމަޖެހިފައިވާއިރު، ޑެމްބެލޭ ވެސް ލޯނު ޢުޞޫލުން 1 އަހަރު ދުވަހަށް ޕީއެސްޖީއަށް ދިނުމަށްވަނީ ނިންމާފައެވެ. އަދި މީގެ އިތުރުން 130 މިލިއަން ޔޫރޯ ބާސެލޯނާއިން ހުށަހެޅިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ނޭމާގެ ހޯދުމަށްކުރާ މަސައްކަތް ކާމިޔާބުވުން ވަރަށް ގާތްވެއްޖެކަމަށް ބާސެލޯނާގެ ޑިރެކްޓަރެއްކަމަށްވާ ހާވިއާ ބޯޑަސް ބުނެފައިވަނީ މީގެ ދެދުވަސް ކުރިންނެވެ.

އެހެން ބާސެލޯނާއިން ނޭމާ ބޭނުންނަމަ ދެން ޖެހޭނީ ޕީއެސްޖީ ކިޔާ އަގެއް ނޭމާގެ ފީ އަށް ދައްކާށެވެ. ޕީއެސްޖީއިން ނޭމާ ވިއްކާލަން ކިޔާ އަގަކީ 170 މިލިއަން ޔޫރޯކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ސެޕްޓެމްބަރ 2 ށް ޔޫރަޕްގެ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓް ބަންދުވާއިރު، ބާސެލޯނާއިން ނޭމާ ބޭނުންނަމަ އޭގެކުރިން ގޮތެއް ނިންމަންވަނީ މަޖުބޫރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ