3500 ރުފިޔާ އާއި ސިނގިރޭޓް ކާޓޫންތަކެއް ވަގަށް ނެގި ދެމީހަކު ހައްޔަރުކޮށްފި

ޅ. ހިންނަވަރު ފިހާރައަކުން ވަގަށް ނަގާފައިވާ 3500 ރުފިޔާ އާއި ސިނގިރޭޓް ކާޓޫންތަކެއް ހޯދައި، ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އޮގަސްޓް މަހުގެ 27 ވަނަ ދުވަހުގެރޭ 19:55 އެހާކަންހާއިރު ފުލުހުންނަށް ހުށަހެޅުނު މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނެކާއި 40 އަހަރުގެ ފިރިހެނެއްކަމަށެވެ.

އެދެމީހުންގެ ތެރެއިން 32 އަހަރުގެ މިހާ ހައްޔަރުކޮށްފައިވަނީ އޮގަސްޓް 27 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައިކަމަށްވާއިރު އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، އެފިހާރައިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ބައެއް ފައިސާ އާއި ތިން ކާޓޫން ސިނގިރޭޓް ފެނިފައިވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ފުލުހުން ވިދާޅުވެފައިވަނީ، މިމައްސަލައާ ގުޅުންހުރިކަމަށް ތުހުމަތުކުރެވިގެން 40 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ އޮގަސްޓް 28 ވަނަ ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންކަމަށާއި، އެމީހާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު އެގޭ ކައިރި ބޭރުގައި ރައްކާކޮށްފައިވަނިކޮށް ދެ ކާޓޫން ސިނގިރޭޓް ފެނިފައިވާކަމަށެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ވަނީ މުއްދަތު ދީފައެވެ. އެގޮތުން  32 އަހަރުގެ މީހާއަށް ހަތްދުވަސް އަދި 40 އަހަރުގެ މީހާއަށް ހަ ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.

މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަޙުޤީޤު ކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ