ސިނަމާލެ ބުރިޖާއި، ހުޅުލެ ހުޅުމާލެ ހައިވޭގައި ފުލުހުން ކުރިއަށް ގެންދިޔަ ޓްރެފިކް އޮޕަރޭޝަންގައި 134 އުޅަނދު ބަލައި ފާސްކޮށްފިއެވެ.
ފާއިތުވި ދެދުވަހު ސިނަމާލެ ބުރިޖާއި، ހައިވޭގައި ދުއްވާ އުޅަދުތައް ބަލައި، އެ އުޅަދުތަކާއި ދުއްވާ މީހުންނަކީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތައް ދުއްވާ އެއްޗެހިތޯ ބާލައި ފާސްކޮށްފައިވާއިރު، ފުލުހުން ހިންގި އެ ހާއްސަ އޮޕަރޭޝަންގައި 11 މީހެއްގެ ލައިސެންސް ހިފަހައްޓާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން ލައިސެންސް އަތުގައި ނެތި ދުއްވި ހަ މީހުންނާއި، ލައިސެންސް ނެތި އުޅަނދު ދުއްވި 23 މީހުން ހިފަހައްޓާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަނަކީ އެކްސިޑެންޓްތައް މަދުކޮށް، ބާރު ސްޕީޑްގައި ދުއްވުމާއި، ޓްރެފިކް ޤާނޫނާ ޚިލާފު އަމަލުތައް ހުއްޓުވުމަށް ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނުގައިވާ ގޮތުން އެއްގޮތަކަށް ވެސް ލައިސެންސް ނެތި ސައިކަލު ދުއްވައިފި ނަމަ، ފުރަތަމަ ފަހަރަށް 1،000ރ އިން އަދި އެކަން ތަކުރާރުކުރާ ކޮންމެ ފަހަރަކު 1،500ރ އިން ޖޫރިމަނާ ކުރާނެއެވެ. ހަމައެއާއެކު ލައިސެންސް އޮންނަ މީހަކު ފުލުހުން ޗެކުކުރާ އިރު ލައިސެންސް އަތުގައި ނެތްނަމަ 750ރ އިން އެމީހަކުވެސް ޖޫރިމަނާ ކުރެވޭނެއެވެ.
ސިނަމާލެ ބުރިޖާއި، ހައިވޭގައި ފުލުހުން މިފަދަ އޮޕަރޭޝަނެއް ހިންގިއިރު، ވޭތުވެދިޔަ ދުވަސްތަކުގައި އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައިވެއެވެ.



