ކުރިއަށް އޮތް 4 އަހަރުވެސް ލެވެންޑޯސްކީ މަޑުކުރާނީ ބަޔާންގައި

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ތަރި ރޮބާޓް ލެވެންޑޯސްކީ ބަޔާންއާއެކު ހެދި އާ އެއްބަސްވުމާއެކު ކުރިއަށް އޮތް 4 އަހަރުވެސް ބަޔާންގައި މަޑުކުރަން އޭނާ އެއްބަސް ވެއްޖެއެވެ.

އުމުރުން 31 އަހަރުގެ ލެވެންޑޯސްކީ ބަޔާންއާއެކު ކުރިން ހަދާފައިވާ އެއްބަސްވުން 2021 އަށް ހަމަވާއިރު އަލަށް ސޮއިކުރެވުނު މިއާއެއްބަސްވުމާއެކު އޭނާ ބަޔާންގައި 2023 ގެ ނިޔަލަށް މަޑުކުރާނެއެވެ.

2014 ވަނަ އަހަރު ޖަރުމަނުގެ ބޮރޯސިއާ ޑޯޓުމުންޑް ދޫކޮށް ބަޔާންއާއި ގުޅުނު ލެވެންޑޯސްކީ މިއީ ބަޔާންގައި ހޭދަކުރާ ހޭދަކުރާ 6 ވަނަ ސީޒަންއެވެ. ބަޔާންއާއެކު ލެވެންޑޯސްކީ ހޭދަކުރި ފަސް ސީޒަންގައިވެސް ޖަރުމަނުގެ ބުންޑެސްލީގާވަނީ ކާމިޔާބުކޮށްފައެވެ.

ވޭތުވެދިޔަ ހަތަރު ސީޒަންގެ ތެރެއިން ކޮންމެ ސީޒަން އެއްގައި މަދުވެގެން 40 ލަނޑު ކާމިޔާބުކޮށްދީފައިވާ ލެވެންޑޯސްކީއަކީ އެކްލަބަށް އެންމެ ގިނަ ލަނޑުޖަހައިދިން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ބަޔާންއަށް މިހާތަނަށް ކާމިޔާބުކޮށްދިން ޖުމްލަ 197 ލަނޑާއެކު އެލިސްޓުން ލެވެންޑޯސްކީއަށް ލިބެނީ 3 ވަނައެވެ. އަދި 217 ލަނޑާއެކު ކުރީގެ ކުޅުންތެރިޔާ ކާލް ހެންޒް ރަމެނިންގޭ މިލިސްޓްގެ ދެވަނާގައި އޮތްއިރު ޖުމްލަ 508 ލަނޑާއެކު މިލިސްޓްގެ އެއްވަނައިގައި އޮތީ ބަޔާންގެ ކުރީގެ ތަރި ގާޑް މުލާއެވެ.

"ބަޔާންއަކީ މިހާރު އަހަރެންގެ ނިސްބަތްވާ އަވަށަށް ވެއްޖެ. ބަޔާންއަކީ އާޢިލާއެއް. ދުނިޔޭގެ ބޮޑެތި ކްލަބުތަކުގެ ތެރޭގައި ހިމެނޭ ކްލަބެއް. މިކްލަބަށް ނިސްބަތްވާތީ އަހަރެން ފަޚުރުވެރިވަން." ލެވެންޑޯސްކީ ބުންޏެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ