ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 6.5 އިންސައްތަ އިތުރުވެއްޖެ

2019 ވަނަ އަހަރު ގެ ޖެނުއަރީ މަސް ނިމުއިރު ރާއްޖޭގެ ފަތުރުވެރިކަމަށް 6.5% ގެ ކުރިއެރުމެއް އަތުވެއްޖެއެވެ.

ޓޫރިސްޓް ފެސިލިޓީތަކުން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ޓޫރިޒަމް މިނިސްޓްރީއިން ތައްޔާރުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2019 ވަނަ އަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް 222,323  ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. މިއީ 2018 ވަނަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 142,351 ފަތުރުވެރިންނާއި އަޅާ ބަލާއިރު 6.5 ޕަސެންޓް އިތުރުވުމެކެވެ.

2019 ވަނައަހަރު ޖެނުއަރީމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ %55.1 ހިއްސާއަކާއި އެކު ޔޫރަޕްގެ ޤައުމުތަކުންނެވެ. މިއީ 2018 ވަނައަހަރުގެ މިމުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނާއި އަޅާބަލާއިރު ޖުމްލަ 83,528 ފަތުރުވެރިނަނާއެކު 9 އިންސައްތައިގެ ކުރިއެރުމެކެވެ.

ދެވަނަޔަށް އެންމެ ގިނަ ފަތުރުވެރިން މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ  36.4% ގެ ހިއްސާއަކާއިއެކު އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުންނެވެ. މިއީ 2018 ވަނައަހަރުގެ މިމުއްދަތާއި އަޅާބަލާއިރު ޖުމްލަ  55,116 ފަތުރުވެރިންނާއެކު 4.9 އިންސައްތައިގެ ކުރިއެރުމެކެވެ.

މީގެއިތުރުން، ވަކިވަކި މާރކެޓްތަކަށް ބަލާއިރު 2019 ވަނައަހަރުގެ ޖެނުއަރީމަހުގެ ނިޔަލަށް  ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ  17%ގެ ހިއްސާއަކާއެކު ޗައިނާއިންނެވެ.

2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ރާއްޖޭގައި ފަތުރުވެރިން ބޭތިއްބުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް ގައި ރަޖިސްޓްރީ ކުރެވިފައިވާ 45,090  އެނދުގެ ތެރެއިން އެވްރެޖްކޮށް 44,037 އެނދު އޮޕަރޭޓް ކުރެވިފައިވާއިރު މިމުއްދަތުގައި ރާއްޖޭގައި ފަތުރުވެރިން ހޭދަކޮށްފައިވާ ރޭގެ އަދަދު ވަނީ 1.3%އަށް އިތުރުވެފައެވެ.

2019 ވަނަ އަހަރުގެ ޖެނުވަރީ މަހު ފަތުރުވެރިން އައި އަދަދު އިތުރުވި ނަމަވެސް އޮކިއުޕެންސީ ރޭޓް ވަނީ ކުރީ އަހަރުގެ ޖަނަވަރީ އަށް ވުރެ 2.8 އިންސައްތަ ދަށް ވެފައެވެ. މިދިޔަ މަހު އޮކިއުޕެންސީ ރޭޓް އަކީ 71 އިންސައްތައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ