ރިސޯޓެއްގެ ވޯޓާވިލާތަކެއް މަރާމާތު ކުރަން އުޅުނު ބައެއްގެ ގައިމައްޗަށް ޖަމްބޯ ބޭގްތަކެއް ވެއްޓި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ޖަމްބޯ ބޭގްތަކެއް ވެއްޓިފައިވަނީ، ލަނޑާގިރާވަރު ރިސޯޓްގެ ވޯޓާވިލާތަކުގެ މަރާމާތުގެ މަސައްކަތުގައި އުޅުނު ބިދޭސީންތަކެއްގެ ގައިމައްޗަށެވެ.
ސީރިއަސް އަނިޔާތަކެއް ލިބުނު ދެމީހުންނަށް ރ.އަތޮޅު އުނގޫފާރު ހޮސްޕިޓަލްގެ އެމަޖެންސީގައި ފަރުވާދެމުންދާއިރު، އެދެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލު ވަނީ ލިބޭގޮތް ނުވެފައެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އަދި ފުލުހުންވެސް ފޯނު ނުނަންގަވާތީވެ، މި ހާދިސާގެ އިތުރު ތަފްސީލު ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.



