ބަވަތި ޕްރީމިއާކުރަން 2 ދުވަސް، ފުރަތަމަ ޝޯ ފުލްވެފައި!

ދިވެހި ފިލްމީ އިންޑަސްޓްރީއަށް އިންގިލާބެއް ގެނެސްދޭނެކަމަށް ބެލެވޭ ފިލްމް "ބަވަތި" ވާހަކަ މީޑީއާތަކުގައާއި ދިވެހި ފިލްމްތަކަށް ލޯބި ކުރާ ފަރާތްތަކުގެ މެދުގައި ދެކެވެމުންދާތާ މިހާރު ފުދޭވަރަކަށް ދުވަސްވެއްޖެއެވެ. ފިލްމްގެ ޓްރެއިލާ ދައްކާލިހިސާބުން ފެށިގެން ފިލްމަށް ކުރެވޭ އިންތިޒާރީއާއި އުއްމީދު ބޮޑުވެފައިވާއިރު މި އިންތިޒާރީއަށް ނިމުން އަންނަން ދެން އޮތީ ވަރަށް ކުޑަ ދުވަސްކޮޅެކެވެ.

ފިލްމަށް ކިޔާ ނަމުން ފެށިގެން ފިލްމްގެ ތަފާތުކަމާއި ހާއްސަކަމުގެ ވާހަކަ އެއްމެން ދައްކަމުންއަންނައިރު، ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ އިލްޔާސް ވަހީދުގެ ފުރަތަމަ ފިލްމް "ބަވަތި" ވެގެންދާނީ އިލްޔާސްގެ ކެރިއަރުގެ އެންމެ ބޮޑު އުއްމީދަށެވެ. އަދި އަންނަ ސެޕްޓެމަބަރު މަހުގެ 2 ވަނަ ދުވަހު އެތައްދުވަހެއްވަންދެން އިލްޔާސްގެ ދެކެމުންއައި މިހުވަފެނުގައި ކުލަޖެހިގެންދާނެއެވެ.

ބަވަތި މި ފިލްމްގެ ވާހަކައަށް ބަލާއިރު މި ފިލްމްގައި ދައްކުވައިދެނީ، މާލޭގެ މުއްސަނދި ޒުވާން ފިރިހެނަކު، އަތޮޅުތެރޭ ރަށަކަށް ގޮސް އުޅެނިކޮށް ދިމާވާ އަންހެން ކުއްޖަކަށް އޭނާގެ ހިތްދެވި އެ ދެމީހުން ކައިވެނިކޮށް، ކައިވެންޏަށް ފަހު އެމީހުންގެ ދިރިއުޅުން މާލެ އަށް ބަދަލުކުރާ ހިސާބުން އެ އަންހެންކުއްޖާއަށް ކުރިމަތިވާ އާދަޔާ ޙިލާފު ކަންތައްގަނޑެކެވެ.

މިއީ ފިލްމާއި ބެހޭގޮތުން ބެލުންތެރިންނަށާއި އަދި ފިލްމްގެ ބައެއް އެކްޓަރުންނަށްވެސް އެނގޭ ހަމައެކަނި މައުލޫމާތެވެ. ނަމަވެސް ފިލްމްގެ އެންމެ މުހިއްމު މެސެޖް ނުވަތަ ވާހަކައިގެ ޕްލޮޓް އަދިވެސް އޮތީ ސިއްރެއްގެ ގޮތުގައެވެ. މުޖުތަމައުގައި ހިނގާ މައްސަލައެއް ތަފާތުގޮތަކަށް މި ފިލްމުން ގެނެސްދޭއިރު މި ފިލްމްގެ ސަސްޕެންސް ވަރަށް ބޮޑު ވާނެއެވެ. އެހެންކަމުން މި ފިލްމަގައި ހިނގާ ހާދިސާއަކީ ކޮބައިތޯ ބަލާލަން ކޮންމެހެންވެސް ސިނަމާއަށް ދާން ޖެހޭނެއެވެ.

ފިލްމްގެ ކާސްޓުންގެ ތެރޭގައި އާ ފަންނާނުން ގިނައިރު، "ބަވަތި"ގެ މުހިންމު ރޯލުތަކުން ފެންނާނީ ފިލްމީ ދާއިރާގައި މިހާރު ފިޔަޖަހަމުން އަންނަ ތަރި، ނުޒުހަތު ޝުއައިބް އާއި މުޅިން އަލަށް ފިލްމީ ދާއިރާއަށް ނުކުންނަ އަހްމަދު އިފްނާޒް ފިރާގެވެ.

"ބަވަތި" ޕްރީމިއާ ކުރަން އެންމެ 2 ދުވަހަށް ވެފައިވާއިރު، ފިލްމްގެ ފުރަތަމަ ޝޯގެ ޓިކެޓްތައް މިހާރު ވަނީ ވިކި ހުސްވެފައިކަމަށް ފިލްމްގެ ޑައިރެކްޓަރ މައުލޫމާތުދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ