ހޮންކޮންގައި ކުރަމުންދާ މުޒާހަރާތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ބައެއް ފަރާތްތައް މިއަދު ހައްޔަރުކޮށްފިއެވެ.
މިގޮތުން ހައްޔަރުކޮށްފައިވާ ބައެއް ފަރާތްތަކުގެ ތެރޭގައި ޖޫޝުއޯ ވޮން އަދި އެގްނެސް ޗައު ހިމެނެއެވެ. މިދެފަރާތަކީ ހޮންކޮންގައި މިހާރު ހިނގަމުންދާ މުޒާހަރާތައް ރާވައި ހިނގުމުގެ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުންދާ ދެފަރާތެވެ.
ޑިމޮސިސްޓޯ ޕާޓީން ބުނެފައިވަނީ، އެޕާޓީގެ ސެކެރެޓަރީ ޖެނަރަލް ވޮން އަދި އެޕާޓީގެ ސީނިއަރ މެންބަރެއް ކަމަށްވާ ޗައު މިއަދު ވަކިވަކިން ހައްޔަރުކޮށްފައި ވާކަމަށެވެ. ސައުތު ޗައިނާ މޯނިން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދެފަރާތް ހައްޔަރުކޮށްފައިވަނީ ޤާނޫނާއި ހިލާފަށް އެއްވެ އުޅުމުގެ ކުށުގައެވެ.
ހޮންކޮންގެ ސަރުކާރުން މުޒާހަރާގެ އިސްފަރާތްތަކެއް ހައްޔަރުކޮށްފައި މިވަނީ މާދަމާ އަކީ އަމްބުރެއްލާ މޫވްމެންޓަށް ފަސް އަހަރު ފުރޭ އަހަރީ ދުވަހަށް ވެފައި އެދުވަހާއި ދިމާކޮށް ހޮންކޮންގައި އަނެއްކާވެސް ބޮޑެތި މުޒާހަރާތަކެއް ކުރުމަށް ރާވަމުންދާ ދަނޑިވަޅެއްގައެވެ.
އަމްބުރެއްލާ މޫވްމެންޓަކީ 2014 ވަނަ އަހަރު ހޮންކޮންގައި ކުރިއަށްދިޔަ މުޒާހަރާ ތަކެކެވެ. މިމުޒާހަރާތައް މެދުނުކެނޑި 79 ދުވަހަށް ކުރިއަށް ދިޔައެވެ.




