ޕެސިފިކް ކަނޑުގައި އޮންނަ 2 ސްޓޭޓްކަމުގައިވާ ކެލިފޯނިއާ އަދި ހަވާއީއާއި ދެމެދު، ފަލިޖަހައިގެން ސްޕެނިޝްގެ ރައްޔިތެއް ހުރަސްކޮށްފިއެވެ. މި މީހާ ކަނޑުމަގުން ފަލިޖެހުމަށްފަހު ދަތުރުފަށާފައިވަނީ ކެލިފޯނިއާއިން ހަވާއީއަށް ދިއުމަށެވެ.
"އެންޓޯނިއޯ ދި ލަ ރޯސާ" ނަމަކަށް ކިޔާ މި ސްޕެނިޝްމީހާ ކެލިފޯނިއާއިން ހަވާއީއަށް ކަނޑުމަގުގައި ފަލިޖެހުމަށް ފަހު ދަތުރުކޮށްފައިވާ ވީޑިއޯ މިހާރު މީސްމީޑިއާގައި ވައިރަލް ވެފައިވާއިރު، އޭނަ މިކަން ކޮށްފައިވަނީ ކަނޑަށް ޕްލާސްޓިކް އެޅުމުން ލިބޭ ގެއްލުންތަކަށް މީހުން ހޭލުންތެރިކޮށް ރީސައިކަލް ކުރުމަށް މީހުންނަށް ބާރުއެޅުމަށެވެ.
ކެލިފޯނިއާއާއި ހަވާއީއާ ދެމެދު ކަނޑުމަގުގައި ފަލިޖެހުމަށްފަހު 76 ދުވަސްތެރޭގައި 2500 މޭލަށްވުރެ ބޮޑު ސަރަހައްދެއްގައި މި މީހާ ދަތުރުކޮށްފައިވެއެވެ. މި މީހާ ފަލިޖަހައިގެން ދަތުރުކޮށްފައިވަނީ ސްބްމެރިން ބައްޓަމަށް ހަދާފައިހުރި ހިމަ ދިގު އުޅަނދެއްގައެވެ. އޭނަ މި އުޅަނދު ސިފަކޮށްފައިވަނީ "ޕެޑުލްބޯޓެއްގެ" ގޮތަށެވެ.
މި ޕެޑުލްބޯޓުގައި އޭނަގެ ދަތުރަށް ބޭނުންވާ ކާބޯތަކެއްޗާއި، ނިދާނެ ޖާގަ ހުރިއިރު، މުއާސަލާތު ކުރުމުގެ ވަސީލަތަށާއި، ޖިޕީއެސް އޮޕަރޭޓް ކުރުމުގައި އެހީވުމަށް ސޯލާ ޕެނަލްއެއްވެސްހުއްޓެވެ.
އެންޓޯނިއޯ އޭނަގެ 50 ވަނަ އުފަންދުވަސްވެސް މި ދަތުރުގައި ކަނޑުމަތީގައި ފާހަގަކޮށްފައިވާއިރު، އޭނަގެ މި ދަތުރު ފޭސްބުކްގައި ލައިވްވެސް ކޮށްފައިވެއެވެ. އަދި އެންޓޯނިއާގެ މި އެޑްވެންޗާ އޭނަ ފާހަގަކޮށްފައިވަނީ ދުނިޔޭގެ ރިކޯޑެއްގެ ގޮތުގައެވެ.
ކަނޑަށް ޕްލާސްޓިކް އެޅުމުން ލިބޭ ގެއްލުންތަކަށް ބެހޭގޮތުން މީހުން ހޭލުންތެރިކުރުމުގެ މަގުސަދުގައި އެންޓޯނިއޯ މިކަންކޮށްފައިވާއިރު، މި ދަތުރުގައި ކަނޑަށް އަޅާފައިވާ ޕްލާސްޓިކްގެ އެކިބާވަތްތައް ފެނުނުކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.
އެންޓޯނިއާއަކީ އޭނަގެ އާއިލާއާއެކު އެޑްވެންޗަރ ޓުއުރިސަމް ބިޒްނަސްއެއް ހިންގާ ފަރާތެކެވެ.



