އެއްވެއުޅުން މަނާކޮށްފައި ވީނަމަވެސް މިއަދުވެސް ހޮންކޮންގައި މުޒާހަރާކޮށްފި

އެއްވެއުޅުން މަނާކޮށްފައި އޮތްއޮތުމަށް ބޯނުލަބައި އެތައްހާސް ބަޔަކު މިއަދުވެސް ހޮންކޮންގެ މަގުތަކުގަޔާއި ސަރުކާރު އިދާރާތައް ކައިރީ މުޒާހަރާކޮށްފިއެވެ.

މުޒާހަރާތައް ރޫޅާލުމަށްޓަކައި ހޮންކޮންގެ ފުލުހުންވަނީ ކަރުނަގޭހާއި، ރަބަރު ވަޒަނާއި، އަދި ފެން ބޭނުންކޮށްފައެވެ. އަދި މުޒާހަރާގެ ބައިވެރިންވެސްވަނީ ފުލުހުންނާއި ދެކޮޅަށް ޕެޓްރޯލް ބޮންފަދަ އެއްޗެހި ބޭނުންކޮށްފައެވެ.

މިއަދަކީ ހޮންކޮންގައި 2014 ވަނަ އަހަރު ކުރިއަށްދިޔަ އަމްބުރެއްލާ މޫވްމެންޓުގެ ނަމުން މަޝޫރުވި މުޒާހަރާތަކަށް ފަސްއަހަރުފުރޭ އަހަރީ ދުވަހެވެ.

މިއަދު ކުރިއަށްދާނެ ކަމަށް އިއުލާން ކޮށްފައިވާ މުޒާހަރާތައް ހުއްޓުމުގެ ގޮތުން ހޮންކޮންގެ ފުލުހުން އިއްޔެވަނީ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ހައްޔަރުވެސް ކޮށްފައެވެ.

ހޮންކޮންގައި މިފަހަރު މުޒާހަރާތައް ކުރަން ފެށިފައިވަނީ ހޮންކޮންގެ ގާނޫނުހަދާ މަޖިލީހުން ފާސްކުރަން އުޅުނު ކުއްވެރިން ބަދަލުކުރުމާއި ގުޅޭ ބިލަކާއި ގުޅިގެންނެވެ. މުޒާހަރާތަކާއި ގުޅިގެން މިބިލް މިހާރުވަނީ ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް އަދިވެސް މުޒާހަރާތަކަށް ނިމުމެއް ނާދެއެވެ.

މުޒާހަރާގެ ބައިވެރިން މިހާރު ގޮވާލަމުންދަނީ ހޮންކޮންގައި ޑިމަކްރަސީ ގާއިމްކޮށް މިހާރު ހޮންކޮންގެ ލީޑަރުންގެ ގޮތުގައި ތިބި ފަރާތްތައް މަގާމްތަކުން އިސްތިއުފާ ދިނުމަށެވެ. އަދި މުޒާހަރާތައް ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވާކަމަށް ތުހުމަތުކޮށް މިމައްސަލަތައް ބެލުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ