ކުރީގެ ކްލަބު ބާސެލޯނާއަށް ދިއުމަށް ކުރި މަސައްކަތް ކާމިޔާބު ނުވާނެކަން އެނގުމުން ބަލި ޤަބޫލުކޮށް ނޭމާ ޕީއެސްޖީގައި މަޑުކުރަން ނިންމައިފިއެވެ.
ނޭމާ އެނބުރި ބާސެލޯނާއަށް އަންނަ ބޭނުންވާކަމަށް ބުނި ހިސާބުންސުރެ، އޭނާ ގަނައުމުގެ މަސައްކަތް ހުއްޓުމެއްނެތި ބާސެލޯނާއިން އަންނަނީ ކުރަމުންނެވެ. އެގޮތުން ބާސެލޯނާއިން ހުށަހެޅި އެއްވެސް ހުށަހެޅުމެއް ޕީއެސްޖީންވަނީ ޤަބޫލުނުކޮށްފައެވެ.
ޕީއެސްޖީން ނޭމާ ވިއްކަން ކިޔާ އަގަކީ 170 މިލިއަން ޔޫރޯކަމަށް ރިޕޯޓްތައް ބުނާއިރު، އެއަގު ދޭން ބާސެލޯނާވަނީ އެއްބަސްނުވެފައެވެ.
ބޭރުގެ ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީގައި މަޑުކުރަން ނިންމާފައިކަން ނޭމާ އާޢިލާއަށްވެސްވަނީ އަންގާފައެވެ. އަދި އާޢިލާގެ ފަރާތުން އެކަން ޕީއެސްޖީއަށާއި ބާސެލޯނާއަށް އަންގާފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ކުރިން ބާސެލޯނާއަށް ކުޅުނު ނޭމާ ޕީއެސްޖީއިން 222 މިލިއަން ޔޫރޯއަށް ގަނެފައިވަނީ 2017 ވަނަ އަހަރުއެވެ.
ޔޫރަޕްގެ ޓްރާންސްފާ މާކެޓް ބަންދުވާން ދެންއޮތީ އެންމެ ދުވަހެކެވެ.



