ސްޕެނިޝް ލަލީގާއި ރޭ ކުޅުނު މެޗުން ލަލީގާއަށް ޕްރޮމޯޓްވި އޮސަސޫނާއިން ވަރުގަދަ ބާސެލޯނާ ހިފަހައްޓައިފިއެވެ.
އޮސަސޫނާ ދަނޑުގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އޮސަސޫނާއިންނެވެ. މެޗުގެ 7 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު އެޓީމަށް ޖަހައިދިނީ ރޮބާޓޯ ޓޮރޭޒްއެވެ. ޓޮރޭޒްގެ މިލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ އޮސަސޫނާއިން ކުރީގައި އޮވެއެވެ.
ވަރުގަދަ ބާސެލޯނާއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ އުމުރުން 16 އަހަރުގެ ފަޓީ ޖަހައިދިން ލަނޑަކުންނެވެ. ބޮލުން ކާމިޔާބުކޮށްދިން މިލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ 51 ވަނަ މިނަޓްގައެވެ. ފަޓީގެ މިލަނޑާއެކު މިހާތަނަށް ބާސެލޯނާއަށް ލަނޑުޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާއަށް އޭނާވަނީ ވެފައެވެ.

އަދި މެޗުގެ 64 ވަނަ މިނަޓްގައި ބާސެލޯނާގެ އާތާ އިތުރު ލަނޑެއްޖަހައި ފުރަތަމަ ފަހަރަށް ބާސެލޯނާއަށް ލީޑު ނަގައިދިނެވެ. ނަމަވެސް މެޗުގެ ފަހު ދިހަ މިނަޓްގައި ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭގެ އަތުގައި ބޯޅައިން ޖެހުމުގެ ސަބަބުން ލިބުނު ޕެނަލްޓީއަކުން އޮސަސޫނާއިން ކާމިޔާބުކުރި ލަނޑަކާއެކު މެޗު ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ. 81 ވަނަ މިނަޓްގައި ފެނިގެންދިޔަ މިޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ރޮބާޓޯ ޓޮރޭޒްއެވެ.

"އަހަރެމެންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެއްނުވޭ. އިދިކޮޅު ޓީމުން މެޗު ކޮންޓްރޯލް ކުރިއިރު އަހަރެމެން ލީޑު ނެގުމުންވެސް ފަހަތުން އަރައި ހަމަހަމަކުރި. މިގޮތަށް ޕޮއިންޓް ގެއްލުވާލައިގެން ނުވާނެ. އޭގެ ބަދަލުގައި ދަނޑުމަތީ އަބަދުވެސް މޮޅުވެވޭތޯ މަސައްކަތް ކުރަންޖެހޭ." މެޗަށްފަހު ބާސެލޯނާގެ ކޯޗު ވަލްވާޑޭ ބުންޏެވެ.



