ރައީސް މުޙައްމަދު ނަޝީދު - ފޮޓޯ: މިހާރު

މަޢާފްކުރައްވާ، ވަޒީފާއާއި ގުޅޭގޮތުން ދެއްކި ވާހަކަވަނީ ވަރަށް ބޮޑަށް އޮޅިފައި - ރައީސް ނަޝީދު

ވަޒީފާއާއި ގުޅޭގޮތުން އެމްޑީޕީގެ ޔޫތް ކޮންގްރެސްގައި ދެއްކެވި ވާހަކަފުޅު ވަރަށް ބޮޑަށް އޮޅިފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް ހުޅުވައިދެއްވައި އިއްޔެ ހެނދުނު ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ އެކްޓިވިސްޓުންނަށް މި ސަރުކާރުގައި ވަޒީފާ ނުލިބިގެން ޝަކުވާ ކުރުމަކީ ލަދުވެތި ކަމެއް ކަމުގައި އާއި އެ ހުރިހާ އެންމެނަށް ވަޒީފާ ދީފިނަމަ ތަރައްޤީއަށް އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް

އަދި ކުރީ ސަރުކާރުގައި މުޒާހަރާތަކުގައި އުޅެނިކޮށް ޕެޕާ ސްޕްރޭ ޖެހި އެންމެންނަށް ވެސް ކޮންމެސް ކަހަލަ ފުރުސަތުތަކެއް އޮތުމަކީ ބޭނުންތެރި ކަމެއް ކަމަށާއި އެހެން ނަމަވެސް އެ ހުރިހާ ފަރާތްތަކަށް ސަރުކާރުން ވަޒީފާ ދިނުމަކީ އެއީ ވާނެއް ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ވަޒީފާ ނުދީގެން ޝަކުވާ ކުރުމަކީ ލަދުވެތި ކަމެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ހުރިހާ ބޭފުޅުންނަށް ސަރުކާރުން ވަޒީފާ ދިން ދިނީނުން މިރާއްޖެ ފުލް އެމްޕްލޯއިމެންޓަކަށެއް ނުގެންދެވޭނެ. އެއީ ވާނެ ކަމެއް ނޫން" ނަޝީދު ވިދާޅުވިއެވެ.

ހުރިހާ އެކްޓިވިސްޓުންނަށް ވަޒީފާ ދިނުމަށްފަހު، ފެނާއި ތެލާއި ކަރަންޓާއި މަރާމާތަށް ކަނޑާފައި ތަރައްޤީއަށް އޮންނާނީ ކޮން އެއްޗެއްތޯ ސުވާލު އުފައްދަވައި، ރައީސް ނަޝީދު ވަނީ އޭރުން ތަރައްޤީއަށް އެއްޗެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ މި ވާހަކަތަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، އެވާހަކަތައް "ވަރަށް ބޮޑަށް އޮޅިފައިވާ" ކަމަށެވެ.

"އިއްޔެ އަޅުގަނޑު ދެއްކި ވާހަކަ ވަނީ ވަރަށް ބޮޑަށް އޮޅިފައި. އަޅުގަނޑުގެ ބަހުރުވަ ހުރިގޮތުން އޮޅުނުކަމެއް ކަމަށްވަނީނަމަ ވަރަށް ބޮޑަށް މަޢާފަށް އެދެން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިއަދު އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ނުކުތާއަކީ "އެންމެންނަށް ސަރުކާރު ވަޒީފާ ހަމަޖެއްސުމަކީ ވާނޭ ކަމެއް ނޫންކަން ފާހަގަކޮށްލުން" ކަމަށެވެ.

"އަދި ވަޒީފާއެއް ހަމަޖެހެން ޖެހޭނީ ސިޔާސަތުތައް ހިންގައިގެން އުފެދޭ ދެމެހެއްޓެނިވި ވަޒީފާއެއްކަން ފާހަގަކުރުމަށް ދެންނެވި ނުކުތާއެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިއްޔެ ދެއްކެވި ވާހަކަފުޅާއި ގުޅިގެން އެމްޑީޕީގެ ގިނަ އެކްޓިވިސްޓުންތަކެއް ދަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ