ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި އަބްދުﷲ ދީދީ (ފަނޑިޔާރު ޑީޑީ) މަގާމުން ދުރުކޮށްފައިވާތީ، އެކޯޓަށް ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިތުރު ކޮށްފިއެވެ.
ޖޭއެސްސީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ނެގުމަށް 2019 އޮގަސްޓް 29 ވަނަ ދުވަހު ކޮށްފައިވާ އެ ކޮމިޝަނުގެ އިއުލާނުގެ ސުންގަޑި، މި ހަފްތާގެ ބުރާސްފަތިވާ 5 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
ޖޭއެސްސީން ކުރިން ކުރި އިއުލާނެއްގައި ވިދާޅުވީ ސުޕްރީމްކޯޓުގެ ފަނޑިޔާރެއްގެ މަޤާމް 28 އޮގަސްޓް ވީ ބުދަ ދުވަހު ހުސްވުމާ ގުޅިގެން ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމަށްޓަކައި، ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވަން އެދިލައްވާ ފަރާތްތަކުން އެކަމަށް އެދި ސިޓީ ހުށަހެޅުނުން އެދޭކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާ ފަރާތްތަކަށެވެ.
މީގެ އިތުރުން ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 7 (ހަތެއް) އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ ފަރާތަކަށް ވެސް އެފަރާތެއް ވާން ޖެހޭނެއެވެ.



