ޖުޑީޝަލް އެކަޑަމީގެ ފަރާތުން ޤާނޫނުލްޢުޤޫބާތާ ބެހޭ ޤަޟާއީ ސެމިނާރެއް ފަށައިފިއެވެ.
2019 އޯގަސްޓް 31 އިން ސެޕްޓެންބަރު 04 އަށް ބ. އޭދަފުށީ ޓީޗަރ ރިސޯސް ސެންޓަރުގައި ކުރިއަށްދާ މިސެމިނާގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނުވި ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އާއި، އަދި ބައިނަލް އަޤްވާމީ ބެސްޓް ޕްރެކްޓިސްތަކަށް ރ، ބ، ޅ، ކ، އަދި އދ ޖުޑީޝަލް ދާއިރާތަކުގެ މެޖިސްޓްރޭޓުންނާއި ލީގަލް މުވައްޒަފުން އަހުލުވެރިކުރުވައި، ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު ތަންފީޛްކޮށް ތަޠުބީޤް ކުރުމުގައި ދިމާވާ މައްސަލަތަކާއި ދަތިތަކަކީ ކޮބައިތޯ ދެނެގަނެ، އެކަންކަމަށް ޙައްލު ހޯދައިދީ، މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކޮށް ޤާބިލުކަން އިތުރުކުރުން ކަމުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވީ، ޖުމްލަ 42 ބައިވެރިންނާއިއެކު 05 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޤާނޫނުލް ޢުޤޫބާތާ ބެހޭ ޤަޟާއީ ސެމިނަރުގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވާނީ ޑްރަގް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު އާއި ޑްރަގްކޯޓުގެ ޤާޟީ އަލްއުސްތާޛު އާދަމް ޢާރިފްކަމަށެވެ.

މިސެމިނާރުގެ އިތުރުން، ރ، ބ، ޅ، ކ، އދ ޖުޑީޝަލް ދާއިރާތަކުގެ މެޖިސްޓްރޭޓުންނާއި ލީގަލް މުވައްޒަފުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖްރާއަތާ ބެހޭ މަޢުލޫމާތު ދިނުމުގެ ސެމިނާރެއް 25 އޯގަސްޓް އިން 29 އޯގަސްޓް 2019 އަށް ބ. އޭދަފުށީގައި ވަނީ ކުރިޔަށް ގެންދެވިފައިވާކަމަށްވެސްވަނީ ވިދާޅުވެފައެވެ.



