2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ޓްރާންސްފާގައި ކީޕަރު ޑޭވިޑް ޑެހެއާ ކްލަބު ދޫކޮށްލަފާނެކަމުގެ ބިރު މެންޗެސްޓާ ޔުނައިޓެޑަށް އެބައޮތްކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ސްޕެއިންގެ ޤައުމީ ޓީމަށްވެސް ކުޅޭ ޑެހެއާއަށް މިއަހަރުގެ ކުރީކޮޅު ޔުނައިޓުން އާއެއްބަސްވުމެއް އަރުވާފައިވީނަމަވެސް އޭނާ އެއެއްބަސްވުމުގައި ސޮއިކޮށްފައެއް ނުވެއެވެ.
އެތުލެޓިކޯ ޔޫތު ކްލަބަށް ކުޅުނު ޑެހެއާ ޔުނައިޓެޑާއެކު މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން އަށެވެ. އެހެންކަމުން އަންނަ އަހަރުގެ ޖެނުއަރީގެ ކުރިން ޑެހެއާއާއެކު ޔުނައިޓެޑަށް އާއެއްބަސްވުމަކަށް ނާދެވިއްޖެނަމަ ޖެހިގެން އޮންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި ޔުނައިޓެޑުން ޑެހެއާ ދޫކޮށްލަންޖެހޭނީ ހިލެއެވެ.
ޑެހެއާގެ ބަދަލުގައި އެހެން ކީޕަރަކަށް ޔުނައިޓެޑުން ފާރަލަމުންދާއިރު، އެކްލަބުގެ ނަންބަރު 1 ޓާގެޓަކީ އެތުލެޓިކޯ މެޑްރިޑަށް މިހާރު ކުޅެމުން އަންނަ އޮބްލަކްކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
2011 ވަނަ އަހަރު އިންގްލޭންޑްގެ މެންޗެސްޓާ ޔުނައިޓެޑާއި ގުޅުނު ޑެހެއާ އެކްލަބުގައި ހޭދަކުރި 8 ސީޒަންގައި އޭނާގެ ފަރާތުން މޮޅު ކުޅުމެއް ދައްކާފައިވާއިރު، އޭނާގެ ހުނަރުވެރި ސޭވްތަކުން ޔުނައިޓެޑް އެތަށް ދުވަހަކުވަނީ ސަލާމަތްކޮށްދީފައެވެ.



