އަންހެންކުއްޖެއްގެ ހަޔާތުގައި ކުރިމަތިވާނެ އެންމެ ބޮޑު ނާކާމިޔާބީއަކީ ވައްކޮށް ރޮށި ދަމަން ނޭނގުމޭ ބުނާ ވާހަކައަކީ އަހަރެމެން ތެރޭގައި އަބަދުވެސް ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި މިކަމާއި ގުޅުވައިގެން މީމްސްތައް ހަދައި ދައުރުވަމުންދާއިރު، މިއީ އަސްލުވެސް ކިހާވަރެއްގެ ހަޤީގަތެއް އޮތް ވާހަކައެއްބާވައެވެ.؟
އަންހެންކުދިންނަށް އަމާޒުކޮށްގެން މިވާހަކަ އެންމެ ގިނައިން ދެކެވެނީ، އަންހެންކުއްޖަކު ޒަވާޖީ ހަޔާތެއް ފަށާ މައިދައިތަކައިރިއަށް ގޮސް ވައްކޮށް ރޮށި ދަމަން ނޭނގުމާއި ގުޅުވައިގެންނެވެ. ކޮންމެއަކަސް ހަޤީގަތަކީ އަސްލުވެސް އަންހެންކުދިންގެ ތެރޭގައި މި މަސައްކަތް ކުރަން ނުދަންނަ ކުދިން އަދިވެސް ތިބުމެވެ.
އަންހެންކުއްޖަކު ދަމާފައި ހުންނަ ރޮއްޓެއް ކިރިޔާވެސް ވައް ނޫންކޮށް ހުރެއްޖެނަމަ އެކަމާއި ފިރިހެންވެރިން ދިމާކުރުމަކީ އާއްމުކަމެކެވެ. އެންހެންވެރިން މިކަމުގެ ދިފާޢުގައި ފިރިހެންވެރިންނާއި ޒުވާބުކުރާއިރު، އެމީހުން ބުނަނީ، ވަށްކޮށް ރޮށިއޮތަސް، ތިނެސްކަނަށް ރޮށި އޮތަސް، އަދި ހަތަރެސްކަނަށް އޮތަސް އެ ދާނީ ހަމަ ބަނޑަށް ކަމަށެވެ. އަދި ދުނިޔޭގެ ވައްމިނަށް، ވައްކޮށް ރޮށި ދަމަން ނޭނގުމަކީ މައްސަލައެއް ނޫންކަމަށެވެ.
ކޮންމެއަކަސް ސޯޝަލް މީޑިއާގެ ތެރެއިން ހާއްސަކޮށް ފޭސްބުކްގައި، އެންހެންވެރިންނަށް ރޮށިދަމަން ނޭނގުމާއި ގުޅުވައިގެން ފިރިހެންވެރިން ދައްކާވާހަކަތަކަށް ދެ ފަރާތުގެ ދެމެދުގައި އަބަދުވެސް ޒުވާބު ކުރެވޭއިރު، އަންހެންވެރިން އެމީހުންގެ ދިފާޢުގައި އަބަދުވެސް ދައްކާވާހަކައެއް އޮވެއެވެ. އެއީ ބައެއް އަންހެންކުދިންނަށް ވައްކޮށް ރޮށި ދަމަން ނޭނގޭ ފަދައިން، ފިރިހެނުންނަށްވެސް "މަސްކަނޑަން ނޭނގުމެވެ." އާދެ މިއީވެސް ތެދު ވާހަކައެވެ.
ބައެއް އަންހެނުންނަށް ވައްކޮށް ރޮށި ދަމަން ނޭނގޭ އުސޫލުން، ބައެއް ފިރިހެނުންނަށް މަސްކަނޑަން ނޭނގުމަކީވެސް ހަޤީގަތެކެވެ. އެހެންކަމުން އަންހެނުންނަށް ވައްކޮށް ރޮށި ދަމަން ނޭނގުމަކީ މައްސަލައެއްކަމުގައި ދެކޭނަމަ، ފިރިހެނުންނަށް މަސްކަނޑަން ނޭނގުމަކީވެސް މައްސަލައެކެވެ.



