އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އަދި ޓޮޓޭންހާމް ބައްދަލުކުރި މެޗުގައި ފަހަތުން އަރައި އެއްވަރުކޮށް އާސެނަލް ބަލިނުވެ ސަލާމަތްވެއްޖެއެވެ.
އާސެނަލްގެ އެމިރޭޓްސް ދަނޑުގައި ކުޅެވުނު ފޯރިގަދަ މިމެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމުއެއް ވަރުވެގެންނެވެ.
މެޗުގައި އާސެނަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗު ރަނގަޅަށް ފަށައިނުގަނެވި އުޅެނިކޮށް ޓޮޓޭންހާމްއިން އާސެނަލް ސިއްސުވާލީ މެޗުގެ 10 މިނަޓްގައި ޖަހައިދިން ލަނޑާއެކުގައެވެ. މިލަނޑު ޓޮޓޭންހާމްއަށް ކާމިޔާބުކޮށްދިނީ އެރިކްސަންއެވެ. އެރިކްސަންގެ މިލަނޑާއެކުވެސް އާސެނަލްގެ ގޭމް ކުޅެވޭތޯވަނީ މަސައްކަތްކޮށްފައެވެ.
ހަމަލާތައް ވަރުގަދަކޮށް އެނބުރި ގޭމަށް ވަންނަން އާސެނަލްއިން ކުރަމުން ދިޔަ މަސައްކަތް އިތުރަށް އުދަނގޫވެގެންދިޔައި ލިބުނު ޕެނަލްޓީއަކުން މެޗުގެ 40 ވަނަ މިނަޓްގައި ހެރީ ކޭން ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ.

ޓޮޓޭންހާމްގެ ދެވަނަ ލަނޑާއެކު ޓީމު ފަހަތަށް ޖައްސަލައި ލީޑު ދަމަހައްޓަށް މަސައްކަތްކުރި ނަމަވެސް ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅުގައި އާސެނަލްއިން ފުލުފުލުގައި އުފައްދަމުން ދިޔަ ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލްއިން ލަނޑެއްޖަހައި އުންމީދު އާކުރިއެވެ. ލަކަޒެޓްފެ ބާރު ހަމަލާއަކުން ކާމިޔާބުކުރި މިލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ.
މުޅިން އާހިތްވަރަކާއެކު ދެވަނަ ހާފަށް ނުކުތް އާސެނަލްއިން ދެވަނަ ހާފުގައި ދައްކާފައިވަނީ ވަރަށް ފުރިހަމަ ކުޅުމެކެވެ. އިތުރު ލަނޑެއްޖެހުމުގެ ޖޯޝުގައި ކުރަމުންއައި މަސައްކަތަށް ހުއްޓުމެއް އައިސްފައިނުވާއިރު، ޓޮޓޭންހާމްއިންވެސް ދިޔައީ ލިބުނު ފުރުޞަތުތަކުގައި އާސެނަލްއަށް ނުރައްކާ ކުރަމުންނެވެ.
އާސެނަލްއިން ފުލުފުލުގައި ޓޮޓޭންހާމްގެ ޑިފެންސަށް ކުރަމުންއައި ޕްރެޝަރާއެކު އިތުރު ލަނޑެއް ޖެހޭގޮތްވީ މެޗުގެ 71 މިނަޓްގައެވެ. އޭރިއާ ކުރިމައްޗަށް ހުރަސްވި ބޯޅައިގެ މިސްރާބު ބަދަލުކޮށް މިލަނޑު އާސެނަލްއަށް ކާމިޔާބުކޮށްދިނީ އޮބަމަޔާންއެވެ.

މިނަތީޖާއެކު ރޭގެ މެޗު ނިމިގެން ދިޔަނަމަވެސް ލަނޑުޖަހާނެ ގިނަ ފުރުޞަތު ތަކެއް ދެޓީމަށްވެސް ލިބިގެންދިޔަކަން ފާހަގަކޮށްލެވެއެވެ. ޓޮޓޭންހާމްގެ ކޭންގެ ހަމަލާއެއް އާސެނަލްގެ ގޯލް ދަނޑިއާއި އަމާޒުވިއިރު، އާސެނަލްގެ އެތަށް ހަމަލާތަކެއް ޓޮޓޭންހާމްގެ ކީޕަރު ލޮރީސްވަނީ ދިފާޢުކޮށްފައެވެ.
މިފަހަރުގެ ޓްރާންސްފާ މާކެޓްގައި ރެކޯޑް އަގަކަށް އާސެނަލްއިން ގެނައި ނިކޮލަސް ޕެޕޭގެ ފަރާތުން ރޭގެ މެޗުގައި މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، މެޗަށްފަހު އެންމެ ބޮޑަށް ފާހަގަކުރަމުންދަނީ މެޗުގެ ފަހު ކޮޅުގައި އާސެނަލްގެ އޭރިއާތެރެއިން ކޭންއަށް ކުރި ފައުލަކާއި ގުޅިގެން ޓޮޓޭންހާމްއަށް ޕެނަލްޓީ ނުދިން ހާދިސާއެވެ.



