ޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތްކުރަމުންދާ ތަނެއް - ފޮޓޯ: މިހާރު

ޖިއާންގެ މަރާ ގުޅިގެން ޑަބްލިއު ކޮންސްޓްރަކްޝަން 500000ރ އިން ޖޫރިމަނާކޮށްފި

ޑަބްލިއު ކޮންސްޓްރަކްޝަނުން މަަސައްކަތް ކުރަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި، ބަންގްލަދޭޝްގެ ރޯޝަން ޖިއާން މަރުވި ހާދިސާއާ ގުޅިގެން އެ ކުންފުނި 500،000ރ (ފަސް ލައްކަ ރުފިޔާ) އިން ޖޫރިމަނާކޮށްފިއެވެ.

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް ވިދާޅުވީ ޖިއާން މަރުވި ހާދިސާ ހިނގުމާއެކު އޭރު އެ މައްސަލަ ބަލައި ޑަބްލިއު ކޮންސްޓްރަކްޝަނަށް އޭރުވެސް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

"ހަމަ އޭރު އެ ހާދިސާ ހިނގި ތަނާ އަޅުގަނޑުމެން އެ މައްސަލަ ބަލާފައި، ސިޓީ ކައުންސިލުން މަޝްވަރާކޮށްފައި ޑަބްލިއު ކޮންސްޓްރަކްޝަން ފަސްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރީ. އެއީ ގަވައިދުން އަޅުގަނޑުމެންނަށް އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު،" ރާއްޖޭގެ މަޝްހޫރު ނޫސް "މިހާރު" އަށް ސަމާއު ވިދާޅުވެފައިވެއެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރ ވިދާޅުވީ ސިޓީ ކައުންސިލުން ފިޔަވަޅު އެޅިޔަސް ޖިއާންމެ މަރުގެ މައްސަލަ ބެލުން ނިމުނީ ނޫން ކަމަށާއި އެކަމާ ގުޅިގެން ކުރަން ޖެހޭ ޖިނާއީ ދައުވާ ކުރުމުގެ ކަންތައް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރިއަށް ގެންދާނެ ކަމަށެވެ.

ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާ އިން ޖެހި ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ޖިއާން ނިޔާވެފައިވަނީ ވޭތުވެދިޔަ ޑިސެންބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

ޖިއާންގެ މަރަށް އިންސާފު ބޭނުންވާ ކަމަށާއި، އިންސާފު ލިބެންދެން ރާއްޖޭގައި މަޑުކުރައްވާނެ ކަމަށް، ފ. ނިލަންދޫގައި ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޖިއާންގެ މަންމަ ފަރުޒާނާ ހުސައިން އެ ހާދިސާގެ ފަހުން ރާއްޖެ އަށް އެނބުރި ވަޑައިގެން ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ