ފިޔާ ބަސްތާއެއް ވަގަށް ނެގި މީހާއަށް އިއްވީ 27000ރ ގެ ހުކުމެއް!

ފިޔާ ބަސްތާއެއް ވަގަށް ނެގި މީހަކު 27000r އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 7:45 ހާއިރު މ.ނަރަމް ގެއިން ފިޔާ ބަސްތާއެއް ވަގަށްނެގި މ. ވަނޮޅު، މުޙައްމަދު ރިޔާޒްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ އިއްޔެއެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވަނީ އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ. މި ދެ ދައުވާއަށްވެސް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފްވެފައިވާތީ، ރިޔާޟްގެ މައްޗަށް އުފުލި ދެ ދައުވާ ވެސް ވަނީ ސާބިތުވެފައެވެ.

މި ދެކުށް ސާބިތުވެ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން އިިއްވާފައިވަނީ 27000ރ ގެ ޖޫރިމަނާގެ ހުކުމެވެ. އެގޮތުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވުމުން އޭނާ 5400 ރުފިޔާ އިން ޖޫރިމަނާ ކުރަން އަދި އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ ސާބިތުވުމުން ވަނީ 21600 ރުފިޔާ އިން ޖޫރިމަނާ ކުރަން ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މި ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ރިޔާޒުގެ މައްޗަށް ކޯޓުން ކުރި ހުކުމުގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ