"ބަވަތި"ގެ ހަޤީޤަތް މިރޭ އެނގޭނެ

ދިވެހި ފިލްމީ އިންޑަސްޓްރީއަށް އިންގިލާބެއް ގެނެސްދޭނެކަމަށް ބެލެވޭ ފިލްމް “ބަވަތި” ވާހަކަ މީޑީއާތަކުގައާއި ދިވެހި ފިލްމްތަކަށް ލޯބި ކުރާ ފަރާތްތަކުގެ މެދުގައި ދެކެވެމުންދާތާ މިހާރު ފުދޭވަރަކަށް ދުވަސްވެއްޖެއެވެ. ފިލްމްގެ ޓްރެއިލާ ދައްކާލިހިސާބުން ފެށިގެން ފިލްމަށް ކުރެވޭ އިންތިޒާރީއާއި އުއްމީދު ބޮޑުވެފައިވާއިރު މި އިންތިޒާރީއަށް ނިމުން މިރޭ އަންނާނެއެވެ.

ޓީވީ ޕްރޮޑިއުސަރު އިލްޔާސް ވަހީދުގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި" މިރޭ އޮލިމްޕަހުގައި ޕްރިމިއާކުރާނެ އެވެ. މިރޭ 8:00 ފެށިގެން "ބަވަތީ" ގެ ރެޑްކާޕެޓް އިވެންޓްކުރިއަށް ގެންދާނެ އެވެ.

ފިލްމަށް ކިޔާ ނަމުން ފެށިގެން ފިލްމްގެ ތަފާތުކަމާއި ހާއްސަކަމުގެ ވާހަކަ އެއްމެން ދައްކަމުންއަންނައިރު، ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ އިލްޔާސް ވަހީދުގެ ފުރަތަމަ ފިލްމް “ބަވަތި” ވެގެންދާނީ އިލްޔާސްގެ ކެރިއަރުގެ އެންމެ ބޮޑު އުއްމީދަށެވެ.

ބަވަތި މި ފިލްމްގެ ވާހަކައަށް ބަލާއިރު މި ފިލްމްގައި ދައްކުވައިދެނީ، މާލޭގެ މުއްސަނދި ޒުވާން ފިރިހެނަކު، އަތޮޅުތެރޭ ރަށަކަށް ގޮސް އުޅެނިކޮށް ދިމާވާ އަންހެން ކުއްޖަކަށް އޭނާގެ ހިތްދެވި އެ ދެމީހުން ކައިވެނިކޮށް، ކައިވެންޏަށް ފަހު އެމީހުންގެ ދިރިއުޅުން މާލެ އަށް ބަދަލުކުރާ ހިސާބުން އެ އަންހެންކުއްޖާއަށް ކުރިމަތިވާ އާދަޔާ ޙިލާފު ކަންތައްގަނޑެކެވެ.

މިއީ ފިލްމާއި ބެހޭގޮތުން ބެލުންތެރިންނަށާއި އަދި ފިލްމްގެ ބައެއް އެކްޓަރުންނަށްވެސް އެނގޭ ހަމައެކަނި މައުލޫމާތެވެ. ނަމަވެސް ފިލްމްގެ އެންމެ މުހިއްމު މެސެޖް ނުވަތަ ވާހަކައިގެ ޕްލޮޓް އަދިވެސް އޮތީ ސިއްރެއްގެ ގޮތުގައެވެ. މުޖުތަމައުގައި ހިނގާ މައްސަލައެއް ތަފާތުގޮތަކަށް މި ފިލްމުން ގެނެސްދޭއިރު މި ފިލްމްގެ ސަސްޕެންސް ވަރަށް ބޮޑު ވާނެއެވެ. އެހެންކަމުން މި ފިލްމަގައި ހިނގާ ހާދިސާއަކީ ކޮބައިތޯ ބަލާލަން ކޮންމެހެންވެސް ސިނަމާއަށް ދާން ޖެހޭނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ