މ.ޝައިނިންގސްޓަރ، އަޙްމަދު ރިލްވާން ޢަބްދުﷲ ގެއްލުވާލި މައްސަލައިގެ ތަޙްޤީޤަށް ހުރަސްއެޅި ދެ ފުލުހުންގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަލާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިހެން ވިދާޅުވީ، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނުން ތަޙްޤީޤުކުރަމުންދާ، މ.ޝައިނިންގސްޓަރ، އަޙްމަދު ރިލްވާން ޢަބްދުﷲ ގެއްލުވާލި މައްސަލަ ތަޙްޤީޤުކޮށް ޢާއްމުކޮށްފައިވާ މަޢޫލޫމާތާއި ގުޅިގެން ދާދި ދެންމެ ނެރުއްވި ނޫސްބަޔާނެއްގައެވެ.
ފުލުހުން ވިދާޅުވީ، އެ ކޮމިޝަނުން ދެ ފުލުހަކާ ގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް އެފަރާތްކުގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންﷲޑުން އިތުރަށް ތަޙްޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ.
"މި މައްސަލަ ކޮމިޝަނުން ތަޙްޤީޤުކޮށް ނިންމައި، މި މައްސަލައިގެ ތަޙްޤީޤު ރިޕޯޓް މި ސަރވިސްއަށް ހަވާލުކުރުމުން މިސަރވިސްގެ މުވައްޒަފެއްގެ އިހުމާލެއް ނުވަތަ ޖިނާޢީ ކުށެއް އޮތްކަމަށް ފެނިއްޖެނަމަ އެފަރާތަކާއި މެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާންކެމުގެ ޔަޤީންކަން އަރުވަން." ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނަށް މި މައްސަލައިގެ ތަޙްޤީޤުން ފާހަގަކުރެވުނު ކަންކަމުގެ ތެރެއިން ފުލުހުން އިތުރަށް ތަޙްޤީޤުކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން މިއަދު ފުލުހުން، އެ ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ.
"އެ ކޮމިޝަނުގެ (މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަން) މަސައްކަތްތަކަށް ކުރިއަށް އޮތްތަނުގައިވެސް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ވާނީ ދަންނަވާފައި." ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް ހުސްނުއް ސުޢޫދު ވިދާޅުވީ، ރިލްވާން ގެއްލުވާލި މައްސަލައިގެ ތަޙްޤީޤު އެހެން ދިމާލަކަށް ޑައިވާޓްކޮށްލުމަށްޓަކައި، ރިލްވާން ސީރިއާގައި މަރުވެފައިވާކަމަށް ދެއްކުމަށްޓަކައި ރިލްވާނުގެ ޕާސްޕޯޓުގެ ކޮޕީއެއް ހޯދުމަށް ފުލުހުންގެ އިންޓެލް ދެ އޮފިސަރުން މަސައްކަތްކޮށްފައިވާ ކަމަށެވެ.




