ޕޯޗުގަލްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު 10 ވަނަ ފަހަރަށް ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފިއެވެ.
މިއަހަރުގެ ޕޯޗުގަލްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ރޮނާލްޑޯ ހޯދާފައިވަނީ އެތުލެޓިކޯގެ ޒުވާން ފެލިކްސް، ސިޓީގެ ބަނާޑޯ ސިލްވާ އަދި ވޯލްވްސްގެ ނެވެސްއާއި ވާދަކޮށެވެ.
2007 ވަނަ އަހަރުން ފުރަތަމަ ފަހަރަށް މިއެވޯޑު ޙާސިލްކުރި ރޮނާލްޑޯއަށް އޭގެ ފަހުން މިއެވޯޑު ގެއްލިފައިވަނީ 2010 އަދި 2014 ވަނަ އަހަރުއެވެ. އެދެއަހަރު މިއެވޯޑް ގެންގޮސްފައިވަނީ ސިމާއޯއާއި ޕެޕޭއެވެ.
"މީސް މީޑިއާ އަދި ނޫސްތަކާއެކު ދުނިޔެ މިހާރު މިވަނީ ވަރަށް އަވަސްވެފައި. ނިމިގެންމިދިޔައީ ވަރަށް ހަޔާތުގައި ވަރަށް އޮޅުންބޮޅުން އަހަރެއް. އެހެން މީހެއްގެ ސަބަބުބް ތިމާ ދަށަށް ނުދާތި." ރޮނާލްޑޯ ބުންޏެވެ.
މީގެއިތުރުން ރޮނާލްޑޯ ބުނީ، ސްޕޯޓިންގއަށް ކޮންމެވެސް އިނާމެއް ލިބުން ޙައްޤުކަމަށާއި ދެން ފަހަރަކުން އެކަން ވާނެކަމަށެވެ.
ލިސްބޮންގައި ކުރިއަށްދިޔަ މިޙަފްލާގައި އެންމެ ބޮޑު ޝަރަފެއް ލިބިގެން ދިޔައީ ބެންފީކާއަށެވެ. އެންމެ މޮޅު ފިރިހެން ޓީމުގެ އެވޯޑް ބެންފީކާ ހޯދިއިރު އެންމެ މޮޅު އަންހެން ޓީމުގެ މަޤާމުވެސް ހޯދީ ބެންފީކާއެވެ. އަދި އެންމެ މޮޅު ފިރިހެން ކޯޗުގެ މަޤާމު ހޯދާފައިވަނީވެސް ބެންފީކާގެ ކޯޗު ބްރުނޯ ލަގޭއެވެ.
މީގެއިތުރުން މިޙަފްލާގައި ހޮވި އެހެން މަޤާމުތަކަށް ބަލާލާއިރު، އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވަނީ ލިޔޯންއަށް ކުޅެމުން އަންނަ ޖެސިކާ ސިލްވާއެވެ. އަދި އެންމެ މޮޅު އަންހެން ކޯޗަކަށް ހޮވިފައިވަނީ ބްރާގާގެ ކޯޗު މިގުއެލް ސަންޓޯސްއެވެ.




