ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ށ. ފީވަކުގައި ހިންގި ވާލާއި ކާޅު ކޮންޓްރޯލުކުރުމުގެ ޕްރޮގުރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހައްދާ މޭވާގެ ބާވަތްތަކަށް ވާލާއި، ކާޅާއި، މީދަލާއި، ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ގެއްލުންދޭ އެހެނިހެން ފަނިފަކުސައިން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ގެންގުޅޭ ޒަމާނީ ވަސީލަތެއް ބޭނުންކޮށްގެން އަޖުމަބެލުމުގެ ޕްރޮގުރާމެއް 27-29 އޮގަސްޓް 2019 ގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ށ. ފީވަކުގައި ހިންގާފައިވާ ކަމަށެވެ.
"މިރަށަކީ، އަނބާއި މޭވާގެ އެހެން ބައެއް ބާވަތްތައް ފުޅާދާއިރާއެއްގައި ހައްދާ ރާއްޖޭގެ ބާޒާރަށް ނެރޭ ރަށެއް. މިއީ ޕެސްޓް (ގަސްގަހާގެއްސަށާއި ޖަނަވާރަށާއި، އިންސާނުންނަށާއި، އިންސާނުން ގެންގުޅޭ ބައެއް އެއްޗިއްސަށް ގެންލުންދޭ ސޫފާސޫފި) ކޮންޓްރޯލުކުރުމަށް ގެންގުޅޭ، ވެށީގެ ދިރުންތަކަށް ނުރައްކަލެއް ނެތް، ތިމާވެއްޓާ ރަށްޓެހި ޒަމާނީ ވަސީލަތެއް." ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.
ވާލާއި ކާޅު ފެއްސުމަށްޓަކައި މިޕްރޮގުރާމުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ޑިވައިސް "އަލްޓްރާ ސައުންޑް އިލެކްޓްރޯނިކް ޕެސްޓް ޗޭސަރ" ހަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މިނިސްޓްރީގެ ޓީމެއް އެރަށަށް ގޮސް، އެރަށުގެ 128 ސަރަޙައްދެއް ސާވޭކޮށްފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ.
"މިޑިވައިސް ހަރުކޮށް ބޭނުންކުރާނެ ގޮތާއި، މޮނިޓަރކޮށް ބަލަހައްޓާނެގޮތުގެ ފަންނީ މަޢުލޫމާތު، މިތަކެތި ޙަވާލުކޮށްފައިވާ ފަރާތްތަކަށް ދެވުނު. އަދި ފީވަކު ސްކޫލްގެ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށާއި، ޢާއްމުފަރާތްތަކަށް މިޑިވައިސްއާ ބެހޭ ފަންނީ މަޢުލޫމާތުދީ ހޭލުންތެރިކުރެވުނު." ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.
މީގެއިތުރުން މިޕްރޮގުރާމު ހިންގުމަށް މިރަށުގައި ޙަރަކާތްތެރިވި ޓީމުން ރަށުގެ ޢާންމު ދަނޑުވެރިކަމުގެ ޙާލަތު މިހާރު އޮތްގޮތް ބަލައި ކަމާގުޅޭ މަޢުލޫމާތު އެއްކޮށްފައިވާކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.




