އިހުގައި ކުރާ މަޖާ ކަންތައް ތަކަކީ މިހާރު މިއުޅޭ، ދެހާހުގެ ފަހުން އުފަންވި ކުދިންނަށް ކުރަން އެނގޭނޭ ކަންތައްތަކެއް ނޫނޭ ވަރަށް ގިނަމީހުން ބުނެއުޅެއެވެ. އެހެނީ އެޒަމާނަކީ މޯބައިލް ފޯނުގެ އަވައިގައި މީސްތަކުން ޖެހިގެން އުޅުނު ޒަމާނެއް ނޫނެވެ.
ތަރައްގީ އާއި ތަމައްދުންގެ ރޮނގުން ކިރިޔާ ފިރުކިލާފައި އޮތުމުން އަހަރެމެންގެ ތެރޭގައި އޭރު އުފާކޮށްލާ ހިތްހަމަ ޖައްސާލަން ކުރެވެން އޮންނަ ކަމަކީ ހަމައެކަނި ވަށައިގެންވާ މާހައުލުން އުފާ ހޯދުމެވެ. އެހެންކަމުން ނުވަދިހައިގެ އަހަރުތަކުގައި އެއޮތްފަދަ އެކުވެރި، އަމާން، މަޖާ، ޖަޒީރާވަންތަ މާހައުލެއް މިހާރަކު ނެތޭ ބުންޏަސް އެކަމާ ދެކޮޅުވާނެ މީހަކު މަދުވާނެއެވެ.

އެއްބަޔަކު ހެނދުނު ހޭލާ ގޮތައް މޫދައް ދާނެއެވެ. ހީވާ ކަހަލަ އެވެ. މޫދުގެ ތަޅުދަނޑި އޮންނަނީ މިމީހުން އަތުގައެވެ. އަނެއް ބަޔަކު ވަލުތެރޭގައި ފިއްލިފިއްލި ކުޅޭނެއެވެ. އަވަށުގެ އެއްބައި ކުޑަކުދިންތައް އެއްތަންވެ ބަތްކައްކާ ކުޅެމުން ދާއިރު، ތަފާތު، މިހާރުގެ ކުދިންގެ ޚިޔާލަށް ނާންނަފަދަ ކާނާތައްވެސް އޭރުގައި ކުދިން ތައްޔާރު ކޮށްލަނީ މަދެއްކޮށެއް ނޫނެވެ. މިގޮތުން އެދުވަސްވަރު އެންމެ ގިނައިން ކުދިން ތައްޔާރު ކޮށް އުޅުނު އެކައްޗަކީ މަޅު ހަކުރެވެ. މިހާރުގެ ގޮތުން ބުނާނަމަ ހަކުރު މަޅު ކުރުމެވެ.

ގިނަފަހަރަށް ހަކުރު މަޅުކޮށް ހަދަނީ ވަލުތެރޭގައި ކައިރީގައި އުޅޭ ގެތަކުގެ ކުދިން ގުރޫޕް ހަދައިގެންނެވެ. މިކަން ކުރުމަށްޓަކާ ގޭގައި އުޅޭ މީހުންނަށް ނޭންގި ހަކުރު ކޮތަޅު ހިފައިގެންދާ ފަހަރުވެސް މަދެއްނުވާނެއެވެ. ތިން ގާ ޖައްސައިގެން ކުޑަ ތެލި ގަނޑެއްގައި ފެން އުދައި، އެ ފެނުގެ ތެރެޔަށް ހަކުރު ކޮޅު އަޅާލައި މަޅުވަންދެން ކައްކައެވެ. ބައެއްފަހަރު ހަކުރު ކޮޅު ކުޑަކޮށް މަޅު ވުމުން ނަގައި ފަންވަތަކަށް ނޫނީ އެހެންވެސް ފަތަކަށް އަޅައި ހަރުކުރެއެވެ. ނޫންނަމަ، ތެލީގައި ހަކުރުއެތި ކައްކައި ފެންހިންދައި އެއްކޮށް ހަރު ކުރެއެވެ.
މަޅު ހަކުރަކީ ނުލާހިކު ފޮނި، އެހާމެ މީރު، ކާލުމުން އަނގަޔަށް ވިރިގެންދާ އެއްޗެކެވެ. ކުޑައިރު މަޅުހަކުރު ކައި އުޅުނު މީހުންނަށް މިކަން ޔަގީންވާނެއެވެ. ޅަފަތުގެ އެދުވަސްވަރު، ރަން ޒަމާނަށް ވަނީ މިކަހަލަ ކަންތައްތައް ކުރެވިފައި ހުރީމައެވެ. ލައްކަ ގިނަ މަޖާ އެޒަމާނުގައި ނެގުނީމައެވެ.
ހިތުންނުފިލާނެ މިކަހަލަ ޅަފަތުގެ ހަނދާންތައް އާކޮށްލުމުންވެސް ޅަފުރައިގެ އުފާވެރިކަން މިއަދު އިހުސާސް ކުރެވެއެވެ. އެހެންނޫންތޯއެވެ!





ހިޔާލު
އަދި ކޮބާ ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެކަކުގެ ކޮންމެވެސް ތަނެއް ފިއްސާލައިގެން ނޫނީ ގެއަކަށް ނާންނަމެވެ.