ކުރީގެ ރައީސް އަބްދުﷲ ޔާމީން އައިޖީއެމްއެޗަށް ގެނެސްފައިވާތީ އެތަނަށް އެއްވި މީހުންގެ ގަޔަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހައިފިއެވެ.
އެސަރަހައްދުގައި ހުރި "ފެށުމުގެ" ޖަރނަލިސްޓް ވިދާޅުވީ، ރައީސް ޔާމީންއަށް އައިޖީއެމްއެޗްގެ ހިތުގެ ޑިޕާޓްމެންޓްގައި ފަރުވާ ދޭން ފެށުމުން އެތަނަށް ޖަމާވި ސަޕޯޓަރުންގެ ގަޔަށް ޕެޕާސްޕްރޭ ޖެހީ އެ ސަރަހައްދުން ސަޕޯޓަރުންދުރަށް ފޮނުވާލުމަށެވެ.

ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނެސްފައިވާއިރު، އެމަނިކުފާނަށް ތާއީދުކުރައްވާ ގިނަ އަދަދެއްގެ ބަޔަކު އެ ހޮސްޕިޓަލް ތަރެއަށް ޖަމާޥެފައިވާއިރު، އޭގެ ތެރޭގައި އެމަނިކުފާނުގެ ވެރިކަމުގެ މިނިސްޓަރުންނާއި މަޖިލިސް މެންބަރުންވެސް ހިމެނެއެވެ.

ރައީސް ޔާމީން އައިޖީއެމް ހޮސްޕިޓަލަށް ގެނެސްފައިވަނީ ރެގިއުލަރ ޗެކަޕެއް ހެދުމަށެވެ. އެމަނިކުފާނު ޖަލު ބަންދުގައި ހުންނެވީ ހެއްކަށް ނުފޫޒު ފޯރުވާކަމަށް ދައުލަތުން ކުރެއްވި ތުހުމަތުތަކާ ގުޅިގެން ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ސިއްހީ އެއްވެސް މައްސަލައެއް ނޫޅޭ ކަމަށާއި، އައިޖީއެމްއެޗަށް ގެންނަން ރިކުއިސްޓް ކުރީ ރެގިއުލާ ޗެކަޕެއް ހެދުމަށް ކަމަށެވެ.