"ބަވަތި"ގެ ކުރިއަށް އޮތް ޝޯތައް ހައުސްފުލްވަނީ!

މަޝްހޫރު ޓީވީ ޕްރޮޑިއުސަރ އިލްޔާސް ވަޙީދު (އިއްލެ)ގެ ފުރަތަމަ ފީޗާ ފިލްމް "ބަވަތި" 2 ސެޕްޓެމްބަރުގައި ރިލީޒްކޮށްފައިވާއިރު، ފިލްމްގެ ކުރިއަށް ހުރި ޝޯތަކަށް ބޮޑު ތަރުޙީބެއް އަންނަނީ ލިބެމުންނެވެ.

އެގޮތުން ބަވަތިގެ ފުރަތަމަ ޝޯ ސިނަމާގައި ހައުސްފުލްކޮށް ދައްކަފާވާއިރު، ފިލްމްގެ ކުރިއަށް އޮތް 3 ޝޯވެސް ވަނީ ހައުސްފުލްވެފައިކަމަށް މައުލޫމާތު ލިބެއެވެ. އަދި ފިލްމްގެ ކުރިއަށް ހުރި އިތުރު ޝޯތައްވެސް ހައުސްފުލްވުމާއި ގާތަށް ގޮސްފައިވާކަމަށް މައުލޫމާތު ލިބޭއިރު، "ބަވަތި" މިވަނީ ބެލުންތެރިން ބަލައިގަނެފައެވެ.

ރާއްޖޭގެ ފިލްމްތައް ގެނެސްދޭ ޖޯންރާއާ ތަފާތުކޮށް، އިއްލެ އުފައްދާފައިވާ މި ފިލްމަކީ ސައިކޮލޮޖިކަލް ސަސްޕެންސް ތްރިލާއެކެވެ. އިއްލެ ލިޔެ އަދި ޑައިރެކްޓް ކޮށްފައިވާ މިފިލްމް ހުށައަޅާދީފައިވާ ސްޓައިލްއަކީ މީގެ ކުރިން ދިވެހި ފިލްމަކުން ފެނިފައިނުވާފަދަ މަސައްކަތެކެވެ.

މި ފިލްމްގެ 2 ޝޯ މިހާތަނަށް ސިނަމާގައި ދައްކާފައިވާއިރު، ބެލުންތެރިންގެ ފަރާތުންނާއި، ދާއިރާގެ އުސް ފަންނާނުންގެ ފަރާތުން ފިލްމަށް ދަނީ ތައުރީފުކުރަމުންނެވެ.

ފިލްމްގެ ގާތްގަނޑަކަށް ޖުމްލަ 20 ޝޯ ސިނަމާތަކުގައި އަޅުވަން ނިއްމާފައިވާއިރު، ކުރިއަށް އޮތްތާގައި ފިލްމް އަތޮޅުތަކުގައިވެސް އަޅުވާނެއެވެ.

މި ފިލްމުން ފިލްމީ ދާއިރާއަށް އާ ގިނަ ފަންނާނުންތަކެއް ތައާރަފުވެފައިވާއިރު، ފިލްމްގައި ތަރިން ދައްކުވާދީފައިވާ އެކްޓިންއަށްވެސް ގިނަބަޔަކު ވަނީ ތައުރީފުކޮށްފައެވެ. ފިލްމްގައި މުހިއްމު ރޯލުތަކުން ފެނިގެންގޮސްފައިވަނީ، ކުޅަދާނަ ބަތަލާ ނުޒުހަތު ޝުއައިބުގެ އިތުރުން، މި ދާއިރާއަށް ތައާރަފްވާ، އަހްމަދު އިފްނާޒު އަދި ފާތުމަތި ލަތީފާ އެވެ. މީގެ އިތުރުން މުހައްމަދު ރަޝީދުވެސް ފިލްމްގައި މުހިއްމު ރޯލެއް ކުޅެދީފައިވެއެވެ.

ގިނަ އާ ފަންނާނުންތަކެއް ހިމަނައިގެން، އާ ޕްރޮޑަކްޝަން ޓީމަކުން، އާ ޑައިރެކްޓަރަކު، ތަފާތު ގޮތަކަށް އުފައްދާފައިވާ މި ފިލްމަކީ, ޑައިރެކްޓަރު އިއްލެ ކޮށްފައިވާ މޮޅު މަސައްކަތެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ