ފުލުހުން ހޮސްޕިޓަލްގައި ބާރުގެ ބޭނުން ކުރުމުން އަނިޔާވުން - ފޮޓޯ: ކިޔުންރެރިއެއް

ޔާމީން ހޮސްޕިޓަލަށް ގެނައީ އޮޅުވާލުމެއްގެ ތެރެއިން - އަދުރޭ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އައިޖީއެމް ހޮސްޕިޓަލަށް ގެނެސްފައިވަނީ އޮޅުވާލުމެއްގެ ތެރެއިން ކަމަށް، ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗް ސަރަހައްދުގައި ހުންނަވައިގެން "ޗެނަލް 13" އަށް ދެއްވި އިންޓަވިއުއެއްގައި އަދުރޭ ވިދާޅުވީ މިއީ އޮޅުވާލުމެއްގެ ތެރެއިން ކުރި ކަމެއް ކަމަށާއި މިއީ ގަސްދުގައި ޔާމީންގެ ސަޕޯޓަރުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ކުރާކަމެއް ކަމަށެވެ.

"ރައީސް ޔާމީން ހީފުޅުކުރައްވައިގެން ހުންނެވީ އެމަނިކުފާނުގެ މައްސަލަ އިސްތިއުނާފް ކޮށްފައި އޮތުމުން ކޯޓަށް ގެނައި ގެނައުމެއް ކަމަށް. އެހެން ނަމަވެސް އައިޖީއެމްއެޗާ ހަމައަށް ގެނައުމުން ރައީސް ޔާމީނަށް އެނގިވަޑައިގެންނެވީ ހޮސްޕިޓަލަކަން މި ގެނައީ. އެމަނިކުފާނުގެ ރިކުއެސްޓު ކުރެއްވުމަކާ ނުލާ ގަސްދުގައި ރާވައިގެން އޮޅުވާލުމެއްގެ ތެރެއިން ހޮސްޕިޓަލަށް މި ގެނައީ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ބޭސްފަރުވާގެ ކަންތައްތަކުގައި ބަންދުގައި ހުންނަ މީހަކު ހޮސްޕިޓަލަށް ގެންނައިރު އެމީހާ ގެންނަ ސަބަބު އެނގެންޖެހޭނެ ކަމަށާއި، ނަމަވެސް އޭގެއިން އެއްވެސް ކަމެއް ޔާމީނަށް އަންގަވާފައި ނުވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"މި ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވެގެން މި އުޅެނީ ރައީސް ޔާމީނަކީ ވަރަށް ބޮޑު ކުށްވެރިއެއްކަން ދައްކަން. ރައީސް ޔާމީނަކީ ހަގީގަތުގައި ކުށްވެރިއެއް ނޫން. ރައީސް ޔާމީން ހައްޔަރުކޮށްގެން މި އުޅެނީ ކުށެއް ކޮށްގެނެއް ވެސް ނޫން. ހަމަ ގަސްދުގައި އޮޅުވާލުމެއްގެ ތެރެއިން ސިޔާސީ ބޭނުމެއްގައި މިކަން ކޮށްގެން މި އުޅެނީ" އަދުރޭ ވިދާޅުވިއެވެ.

ޔާމީން އައިޖީއެމްއެޗަށް ގެނައުމާ ގުޅޭ ގޮތުން ކަރެކްޝަންސް އިން އަދި ވަކި އެއްޗެއް ހާމަކޮށްފައި ނުވާއިރު، އަދުރޭ ވަނީ ކަރެކްޝަންސް އިން އަމަލުކޮށްފައިވާ ގޮތް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ރައީސް ޔާމީން ހޮސްޕިޓަލަށް ގެނައުމާ ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން އައިޖީއެމް ހޮސްޕިޓަލަށް ޖަމާވެފައިވާއިރު، ސަޕޯޓަރުންނާ ދެކޮޅަށް ފުލުހުން ވަނީ ހޮސްޕިޓަލްގެ ތެރޭގައި ޕެޕަރ ސްޕްރޭ ބޭނުންކޮށްފައެވެ. ޕެޕަރ ސްޕްރޭގެ ސަބަބުންނާއި އެހެނިހެން ސަބަބުތަކާހުރެ ބައެއް ފަރާތްތަކަށް އަނިޔާވެފައިވާއިރު، ފުލުހުންގެ އެ އަމަލުތައް ޔާމީންގެ ވެރިކަމުގެ ފިޝަރީޒް މިނިސްޓަރު ޝައިނީ ވަނީ ކުށްވެރިވެސް ކޮށްފައެވެ.

ޔާމީން އައިޖީއެމްއެޗަށް ގެނެސްފައިވާއިރު އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ހޯމަ ދުވަހު އަމުރުކޮށްފައެވެ. އެ އަމުރު ޔާމީންގެ ފަރާތްޕުޅުން މިހާރު ވަނީ އިސްތިއުނާފް ކޮށްފައެވެ.

ޔާމީން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރީ ހެއްކަށް ނުފޫޒު ފޯރުވަން ޔާމީން މަސައްކަތް ކުރައްވާފައިވާ ކަމަށް ބުނެ ދައުލަތުން ހުށަހެޅި ކަންކަމަށް ރިއާޔަތް ކުރުމަށްފަހުއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ