މުސްކުޅި ސާރިދޯޅަށް ވުރެ ޒުވާން ފުއްލާގެ ހާލުބޮޑު ކަމަށް ވިދާޅުވެ، ނުސީދާ ގޮތެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް، މައުމޫން ރިފޯމް މޫވްމެންޓުގައި (އެމްއާރްއެމް) ގައި އިސްކޮށް އުޅުއްވާ، ޕީޕީއެމްގެ ކައުންސިލްގެ ކުރީގެ ކައުންސިލް މެންބަރު އާމިނަތު ނާދިރާ ފާޑު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ބަންދުގައި ހުންނަވަނިކޮށް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުންދާ މި ދަނޑިވަޅުގައި ނާދިރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، "މުސްކުޅި ސާރިދޯޅަކަށްވުރެ، ޒުވާން ފުއްލާގެ ހާލު ދެރަ" ކަމަށެވެ.
މުސްކުޅި ސާރިދޯޅާއި ޒުވާން ފުއްލާގެ ވާހަކަ އަކީ 2016 ވަނަ އަހަރުތެރޭ "އަސްލު ރ. އަތޮޅު ބޮޑު ޖަލްސާ" ގެ ނަމުގައި ރ. ދުވާފަރުގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވި ވާހަކައެކެވެ.
"ސާރިދޯޅެއް ނޫނީ އެ ހިނގުމުގެ ނުވަތަ އެ ދުވެލީގެ ލަސްކަން މަތީ ތިބެވޭކަށް އަޅުގަނޑުމެންނަށް ނެތް. އަޅުގަނޑުމެން ޖާގަ ހޯދަން މި ޖެހެނީ ޅަދޮޅު ފުއްލާގެ ބާރު ސްޕީޑުން" ޔާމީން އެ ޖަލްސާގައި ވިދާޅުވެފައިވެއެވެ.
Muskulhi saaridholha ah vure zuvaan fullaa haalu bodu dho.
— Aminath Nadira. (@a_nadraa) February 20, 2019
ޔާމީނަށް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު، ޔާމީންގެ ސަޕޯޓަރުން އައިޖީއެމް ހޮސްޕިޓަލަށް އެއްވުމުން ފުލުހުން ވަނީ ހޮސްޕިޓަލް ތެރޭގައި ޕެޕަރ ސްޕްރޭ ބޭނުންކޮށް ސަޕޯޓަރުން ފަހަތަށް ޖައްސާފައެވެ. އެކަންކަމުގެ ތެރޭގައި ބައެއް ފަރާތްތަކުން ލޭ އޮހެރިފައިވާ ފޮޓޯތައްވެސް އާއްމުވެފައިވެއެވެ.
ރައީސް ޔާމީން ޖަލު ބަންދުގައި ހުންނެވީ އެމަނިކުފާނުގެ މައްޗަށް އެމްއެމްޕީއާރުސީގެ މައްސަލައިގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެނެވެ. ކްރިމިނަލް ކޯޓުން ޔާމީން ބަންދުގައި ބަހައްޓަން އަމުރު ނެރުނީ ހެއްކަން ނުފޫޒު ފޯރުވާކަމަށްބުނެ ދައުލަތުން ހުށަހެޅި ސިއްރު ލިޔުންތަކަކަށް ރިއާޔަތް ކުރެއްވުމަށްފަހުއެވެ.