ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އައިޖީއެމް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފިއެވެ.
ޔާމީން އައިޖީއެމް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާކަން ޕީޕީއެމްގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ހުސައިން މަނިކް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
ނިހާން ވިދާޅުވީ، ރޫޓިން ޗެކަޕެއް ހެދުމުގެ ނަމުގައި ރައީސް ޔާމީން ހޮސްޕިޓަލަށް ގެނެސް އެޑްމިޓް ކުރި ކުރުމަކީ ކަރެކްޝަންސް ސަރވިސް އިން ރާވައިގެން ހިންގި ކަމެއް ކަމަށެވެ.
އައިޖީއެމް ހޮސްޕިޓަލްގައި ހުރި "ފެށުމުގެ" ޖަރނަލިސް ވިދާޅުވީ، ޔާމީން އެޑްމިޓް ކޮށްފައިވަނީ އައިޖީއެމް ހޮސްޕިޓަލްގެ އެގްޒެކެޓިވް ޕަރައިވެޓް ވޯޑުގައި ކަމަށެވެ.
ޔާމީން ހޮސްޕިޓަލަކަށް ގެނައުމާ ގުޅިގެން ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ޕީއެންސީގެ ވަގުތީ ރައީސް ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ، ޔާމީން އައިޖީއެމް ހޮސްޕިޓަލަށް ގެނެސްފައިވަނީ އޮޅުވާލުމެއްގެ ތެރެއިން ކަމަށާއި، އެއީ ޔާމީންގެ ސަޕޯޓަރުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ކުރާކަމެއް ކަމަށެވެ.
"ރައީސް ޔާމީން ހީފުޅުކުރައްވައިގެން ހުންނެވީ އެމަނިކުފާނުގެ މައްސަލަ އިސްތިއުނާފް ކޮށްފައި އޮތުމުން ކޯޓަށް ގެނައި ގެނައުމެއް ކަމަށް. އެހެން ނަމަވެސް އައިޖީއެމްއެޗާ ހަމައަށް ގެނައުމުން ރައީސް ޔާމީނަށް އެނގިވަޑައިގެންނެވީ ހޮސްޕިޓަލަކަން މި ގެނައީ. އެމަނިކުފާނުގެ ރިކުއެސްޓު ކުރެއްވުމަކާ ނުލާ ގަސްދުގައި ރާވައިގެން އޮޅުވާލުމެއްގެ ތެރެއިން ހޮސްޕިޓަލަށް މި ގެނައީ" އަދުރޭ ވިދާޅުވިއެވެ.
ޔާމީން ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދިއުމާ ގުޅިގެން ކަރެކްޝަންސް ސަރވިސް އިން މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ރައީސް ޔާމީން ހޮސްޕިޓަލަށް ގެނައުމާ ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން އައިޖީއެމް ހޮސްޕިޓަލަށް ޖަމާވެފައިވާއިރު، ސަޕޯޓަރުންނާ ދެކޮޅަށް ފުލުހުން ވަނީ ހޮސްޕިޓަލްގެ ތެރޭގައި ޕެޕަރ ސްޕްރޭ ބޭނުންކޮށްފައެވެ. ޕެޕަރ ސްޕްރޭގެ ސަބަބުންނާއި އެހެނިހެން ސަބަބުތަކާހުރެ ބައެއް ފަރާތްތަކަށް އަނިޔާވެފައިވާއިރު، ފުލުހުންގެ އެ އަމަލުތައް ޔާމީންގެ ވެރިކަމުގެ ފިޝަރީޒް މިނިސްޓަރު ޝައިނީ ވަނީ ކުށްވެރިވެސް ކޮށްފައެވެ.
ޔާމީން އައިޖީއެމްއެޗަށް ގެނެސްފައިވާއިރު އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ހޯމަ ދުވަހު އަމުރުކޮށްފައެވެ. އެ އަމުރު ޔާމީންގެ ފަރާތްޕުޅުން މިހާރު ވަނީ އިސްތިއުނާފް ކޮށްފައެވެ.
ޔާމީން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރީ ހެއްކަށް ނުފޫޒު ފޯރުވަން ޔާމީން މަސައްކަތް ކުރައްވާފައިވާ ކަމަށް ބުނެ ދައުލަތުން ހުށަހެޅި ކަންކަމަށް ރިއާޔަތް ކުރުމަށްފަހުއެވެ.