މާނާފުށި (3)

[މާނާފުށި (2) ގުޅޭ]

ތަންކޮޅަކަށް ނުދެވެއެވެ. ކުރިމަތިން ފެނުނު މަންޒަރަކުން އަހަރެންގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ.

ކުރިމަތީގައި ދެ ފޫޓެއްހާ ދުރުގައި އެހުރީ ފުރާވަރަށް އަރާވަރުގެ އަންހެން ކުއްޖެކެވެ. އެކުއްޖާ ލައިގެން ހުރި ހުދު ހެދުމުގެ ތަންކޮޅުކޮޅު ހުރީ ވީދިފައެވެ. ބޮލުގެ އިސްތަށިގަނޑު ހުރީ އެއްވެސް ތަރުތީބެއް ނެތި ހޭވިފައެވެ. މޫނުގެ ތަންތަނުން ހަލާކުވެ، ހިރަފުސް އުނގުޅިފައި ހުއްޓެވެ. އޭނާ ބަލަހައްޓައިގެން ހުރީ ސީދާ އަހަރެމެންނާ ދިމާއަށެވެ. އެކުއްޖާ ފެނުމުން އަހަންނަށް ބިރުން  ކުއްލިއަކަށް ޒީނާގެ އަތުގައި ހިފުނެވެ. އޭރު ޒީނާވެސް ހުރީ އެކުއްޖާ ފެނިގެން ދެލޯ ބޮޑުވެފައެވެ. އަހަރެމެން އެދިމާއަށް ބަލަން ފެށުމުން އެކުއްޖާ މަޑުމަޑުން އަހަރެމެން ކައިރިއަށް އަންނަންފެށިއެވެ.

"ކަލޭމެން ތި ހޯދާ އެކަކުވެސް ނުފެންނާނެ. ތި ކުރަނީ ބޭކާރު ކަމެއް." ކައިރިއަށް އައިސް ހުއްޓިފައި އެކުއްޖާ ބުނެލިއެވެ.

"އެއީ ކީއްވެ؟" ބިރުން ހުރެވެސް އަހަރެން ސުވާލު ކުރީމެވެ.

"ހަހަހަހަހަ... އަހަރެން އެމީހުން މަރާލައިފިން. މިރަށަށް އަރާ އެއްވެސް ފިރިހެނަކަށް ސަލާމަތަކުން ނުދެވޭނެ."  

"އެއީ ކީއްވެ؟" އަނެއްކާވެސް ހަމަ އެ ސުވާލު އަހަރެން ތަކުރާރުކޮށްލީމެވެ.

"ސަބަބަކީ ފިރިހެނުންތަކެއްގެ ނުބައިކަމުން އަހަންނަށް މި ޙާލު ޖެހުނުކަން. އެއީ މީގެ އެތައް އަހަރެއް ކުރި. އަހަރެންގެ ނަމަކީ ސާރާ. އޭރު އަހަރެންގެ އުމުރުން 11 އަހަރު. އަހަންނަކީ މި އަތޮޅު ކާނިދޫއަށް އުފަން ކުއްޖެއް. އަހަރެން އަބަދުވެސް މޫދަށް އެރެން ވަރަށް ފޯރި ހުރޭ. އަހަންނަކީ މަންމައާއި ބައްޕަގެ ހުރި ހަމަ އެކަނި އަންހެން ދަރިފުޅު. އެހެންކަމުން މަންމަމެން އަހަންނަށް ވަރަށް ބަލާނެ. ވަރަށް ލޯބި ވާނެ. އާއިލާ މީހަކު ނުދަންޏާ އަހަރެންގެ މަންމަ އަހަރެން އެއްވެސްތާކަށް ދާކަށް ހުއްދައެއް ނުދޭ. އެއްދުވަހަކު އަހަރެންގެ ދޮށްޓަށް ހުންނަ ބޭބެ މޫދަށް ދާން އަންނަން ބުނެގެން އަހަރެން މަންމަ ކައިރިން ހުއްދަ ހޯދިން. ބޭބެގެ އުމުރުން އޭރު 16 އަހަރު. އަހަރެން ބޭބެއާއެކީ ތުނޑިއަށް ދިޔައިރު އެތާ ބޮއްކުރާއެއްގައި ބޭބެގެ ރައްޓެހި ތިން ފިރިހެން ކުދިން ތިބި. އެހިސާބަށް ދެވުމުން ބޭބެ ބުނީ މިއުޅެނީ ވެލި ބަލާ މާނާފުށްޓަށް ދާށޭ. ބޭބެމެން ވެލި ނަގާ ގަޑީގައި ކޮއްކޮއަށް މޫދަށް އެރެވޭނެއޭ. ވަރަށް އުފަލުން ހުރެ އަހަރެން އެމީހުންނާއެކީ ބޮއްކުރާއަށް އެރިން. އޭރު އަހަންނަކަށް ނޭނގެ މިމީހުންގެ މަޤްޞަދެއް. އަމުދުން އަހަރެން ހިމާޔަތްކުރަން ހުރި އަމިއްލަ ބޭބެ އެހާ ދަށު ދަރަޖައަކަށް ވެއްޓޭނެކަމަށް ހިތަށްވެސް އަރުވާނީ ކިހިނެއް؟ އެރަށަށް ފޭބުމާއެކު ލަހެއް ފަހެއް ނުކޮށް އެމީހުންގެ މަސައްކަތް ފެށި. އެމީހުން ފަހަރަކު މީހަކު ގަދަކަމުން އަހަރެންގެ ކިބައިން އުފާ ހޯދި. އެކަކު ބޭނުން ކަމެއް ކުރާއިރު އަނެއް މީހުން ތިބީ އަހަރެންގެ ދެފަޔާ ދެ އަތުގައި ހިފަހައްޓައިގެން...." އެހިސާބަށް ވާހަކަ ދިޔައިރު ސާރާގެ އަޑަށް ވަނީ މަޑުމޮޅިކަން ވެރިވެފައެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު އަނެއްކާ އޭނާ ވާހަކަ ކުރިއަށްގެންދިޔައެވެ.

"އަހަރެން ވަރަށް ހަޅޭލެވިން.... ވަރަށް ރުއިން..... އާދޭސްވެސް ކުރިން. އެކަމަކު އެކަކުވެސް އަޑެއް ނޭހި. އަހަރެންގެ އަމިއްލަ ބޭބެވެސް އެމީހުންނާ ބައިވެރިވެގެން އެ ހަޑި މުޑުދާރު ޢަމަލުގައި ބައިވެރިވި. އަހަރެން ތެޅިތެޅި ވަރުބަލިވެގެން އަޑު ބޭރު ނުވާވަރުވުމުން ހަޅޭލެވުން ހުއްޓާލިން. ދެލޯވެސް ހުޅުވާލާނެ ވަރު ނެތިގެން އަހަރެންގެ ލޯ މަރައިގެން އެމީހުން ކުރާނެ ކަމެއް ކުރަން ދޫކޮށްލައިގެން އެތައް އިރަކު އޮތިން. އެހެން އޮއްވާ އެމީހުން އަހަރެން ނަގައިގަނެގެން ގެންގޮސް ވަޅުގަނޑަކަށްލި. އަދި މައްޗަށް ފަސް އަޅާ ފޮރުވި. އޭރު އަހަރެންގެ ފުރާނަ ހުރި. އެމީހުންނަށް އެކަން އެނގޭނެ..... ނޭވާ ނުލެވިގެން އެތައް އިރަކު ތެޅުނު ފަހުން އަހަރެންގެ ފުރާނަ ހަށިގަނޑާ ވަކިވެގެން ދިޔައީ."

ސާރާގެ ވާހަކަ ނިމުނުއިރު އަހަންނަށާއި ޒީނާއަށް ތިބީ ރޮވިފައެވެ. އެއީ މަރުވެފައިވާ ކުއްޖެއްގެ ރޫޙުކަން އެނގުމުން ހިތުގައި ބިރުވެރިކަންވެސް އުފެދުނެވެ.

"އަހަންނަށް ވީގޮތް އަދި އަދަށް ދާންދެންވެސް އެ ހަތަރު މީހުން ފިޔަވާ އެއްވެސް މީހަކަށް ނޭނގޭނެ. އޭގެ ތެރެއިން މިހާރު ދުނިޔޭގައި ހުރީ އަހަރެންގެ ބޭބެ އެކަނި. އެ ދުވަހުގެ ފަހުން މިރަށަށް އަރާ ހުރިހާ ފިރިހެނުންގެ ދުވަސް އަހަރެން ދުއްވާލަން.  ކަލޭމެން ޙަޤީޤަތް ހޯދަން ބޭނުންނަމަ ކާނިދޫ ބިލަތްގޭ މޫސާ ފަތުޙީ ކައިރިއަށް ދޭ.... އަދި ބުނަން؟! ކަލޭމެންވެސް ސަލާމަތްވާން ބޭނުންވަންޏާ މާދަމާ އިރު އޮއްސުމުގެ ކުރިން މިރަށުން ފައިބާތި!"

އެހެން ބުނެފައި ދިޔަ ނުދިޔަ ތަނެއް ނޭނގި ކުއްލިއަކަށް ސާރާ ގެއްލުނެވެ. އެވަގުތަށް ނަމަވެސް ސަލާމަތްވިކަމަށްޓަކައި އަހަރެން ﷲ އަށް ޙަމްދު ކުރީމެވެ.

އެރޭ ބާކީ އޮތްބައިގައި އަހަރެމެން ދެމީހުންކުރެ އެކަކަށްވެސް ލޮލުފިޔައެއް ނުޖެހެއެވެ. ދެމީހުންވެސް ނިންމީ ފަތިސް ނަމާދުކޮށްގެން ކުޑަކޮށް އަލިވުމުން ފަތާފައި ކަނޑަށް ނުކުންނާށެވެ. ސަބަބަކީ އެގަޑިއަކީ މަސްވެރިން މަހަށް ފުރާ ގަޑި ކަމުގައިވާތީ، ކޮންމެވެސް ހިސާބަކުން އޭގެން ދޯންޏަކަށް ފެނުމުގެ އުންމީދު އޮތުމުންނެވެ.

ޓެންޓް ތެރޭގައި އޮށޯވެ އޮތްއިރު ޝިޔާނާއި ޒާހިދުގެ ހަނދާންތައް އާވާން ފެށުމުން އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. އެއީ އަހަރެންގެ ޢާއިލާއަށްފަހު ތިބި އެންމެ ގާތް ތިން މީހުންގެ ތެރެއިން ދެމީހުންނެވެ. އެކީގައި ޓްރެއިނިންގ ގައި އުޅުނުއިރު ކޮށްފައި ހުރި މަޖާ ކަންތަކާއި، އެކަކު އަނެކަކަށް އެހީތެރިވެ އުޅުނުގޮތް ހަނދާނަށް އަންނަންފެށިއެވެ. އޭރު ޒީނާވެސް ނޯށް ދަމާ އަޑު އިވެއެވެ. އަހަރެމެން އެންމެން އުޅުނީ ހާދަ އެއްކޮށެވެ. ކޮންމެ ގޮތެއްވިޔަސް އެމީހުން މިރަށަށް އައީ އަހަރެންގެ ސަބަބުންނެވެ. މީހުން ގެއްލޭކަން އެނގޭއިރުވެސް އަހަރެން އެކަމަށް ބީރު ކަންފަތެއް ދިނީމެވެ. އޭގެ ނަތީޖާ މި ލިބުނީ ވަރަށް ހިތިކޮށެވެ.

ފަތިސްވެ އަލި ވިލުމުން ދެމީހުންވެސް ދަބަހަށް ކުޑަ ތިން ފެން ފުޅި ލައިގެން ގޮނޑުދޮށަށް ނުކުތީމެވެ. މޫދަށް ފޭބުމުގެ ކުރިން އަހަރެން ފަސް އެނބުރި އެރަށާއި ދިމާއަށް ބަލާލީމެވެ. އަދި ގެއްލިގެން ދިޔަ ދެ އެކުވެރިންނަށް ހިތުގެ އެންމެ ފުން މިނުން ހެޔޮ ދުޢާ ކުރީމެވެ.

ދުވަހަކީ ކަނޑު މަޑު، އޮއި މަޑު، މޫސުން ރީތި ދުވަހެކެވެ. ކަނޑަށް ނުކުމެ ފަތާތާ އެތައް އިރެއް ވީ ފަހުން އަހަރެމެން ލޮލުގައި ދޯންޏެއް އަޅައިގަތެވެ. ނަސީބަކުން އަހަރެމެން އަތް ހޫރާ ގޮވަން ފެށުމުން، މާ ގިނަ އިރެއް ނުވެ އެ ދޯނީގައި ތިބި މީހުންނަށް އަހަރެމެން ފެނިގެން އައިސް އެހީތެރިވެދިނެވެ. ވީ ހުރިހާ ގޮތެއް އަހަރެމެން އެމީހުންނަށް ކިޔައެއް ނުދެމެވެ. ނަމަވެސް ދަތުރުގޮސްގެން އުޅެނިކޮށް ދޯނި އޮޔާ ދިޔައީކަމުގައި ބުނެ ވާހަކަ ހަމަޖައްސާލުމުން އެމީހުން މާ ގިނަ ސުވާލެއް ނުކުރެއެވެ.

ރަށަށް ގޮސް އެއް ދުވަހު އަރާމުކޮށްލުމަށްފަހު ޖެހިގެން އައި ދުވަހު ކާނިދޫއަށް އަހަރެމެން ދިޔައީމެވެ. ކޮންމެ ގޮތެއް ވިޔަސް ސާރާގެ ޢާއިލާ މީހުންނަށާއި ރަށު ރައްޔިތުންނަށް ސާރާއަށް ދިމާވި ހާދިސާ އެނގުން އެއީ މުހިންމު ކަމެއްކަމުގައި އަހަރެމެން ދެކުނީމެވެ. އެރަށުގައި ހުރި އަހަރެންގެ ދޮންބެގެ ރައްޓެއްސެއްގެ އެހީގައި ބިލަތްގެއަށް އަހަރެމެން ދިޔައީމެވެ. އެގެއިން އަހަރެމެންނާ ފުރަތަމަ ބައްދަލުވީ އަހަރެންގެ މަންމަމެން އުމުރުގެ އަންހެނަކާއެވެ. އެމީހާ ކައިރިން މޫސާ ފަތުޙީ އާ ބައްދަލުކޮށްލެވިދާނެތޯ އެހުމުން ސުވާލުގެ ނަޒަރަކުން ބަލަން ހުރެފައި އެތެރެއަށް އައުމަށް އިޝާރާތްކޮށްލިއެވެ. އެގެއަކީ ބޮޑު ގެއެކެވެ. ނަމަވެސް އެގޭގައި އެއްވެސް ދިރުމެއް ނެތެވެ. އެމީހާ ގޮސް އެގޭ ވަރަށް އެތެރޭގައި ހުރި ކުޑަ ކޮޓަރިއެއްގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނުމަށް ބުންޏެވެ. އަހަރެމެން ކޮޓަރިއަށް ވަތްއިރު ކުޑަ އެނދެއްގައި ވަރަށް މުސްކުޅި ފިރިހެނަކު އޮށޯވެ ދެ ލޯ މަރާލައިގެން އޮތެވެ. ފެންނަ ފެނުމަށް އެމީހާގެ އުމުރު އުޅޭނީ އަށްޑިހައިން މަތީގައެވެ. ކޮޓަރި ތެރޭގައި ހުރި ދެ ގޮނޑި ދައްކާލުމަށްފަހު އިށީނުމަށް ބުނެފައި އެ އަންހެންމީހާ ގޮސް ކޮޓަރި ދޮރު ކައިރީގައި މަޑުކޮށްލިއެވެ. އަހަރެމެން ގޮނޑި ދަމާލި އަޑަށް އެ ފިރިހެން މީހާ މަޑު މަޑުން ލޯ ހުޅުވާލާފައި ބަލާލިއެވެ.

"އައްސަލާމް ޢަލައިކުމް ފަތުޙީބޭ" ވާހަކަ ފެށުމުގެ ގޮތުން އަހަރެން ގޮވާލީމެވެ.

"ވަޢަލައިކުމުއް ސަލާމް.... ތިއީ ކޮން ކުދިންނެއް؟" ސުވާލުގެ ނަޒަރަކުން ބަލަން އޮވެ އުނދަގޫ ގޮތަކަށް ފަތުޙީ ވާހަކަދެއްކިއެވެ.

"ބޭބެއަށް އަހަރެމެންނެއް ނޭނގޭނެ. އެކަމަކު އަހަރެމެން މިއައީ ވަރަށް ބޮޑު ކަމެއް އޮޅުން ފިލުވާލަންވެގެން. މި ގޭ ސާރާއަށް ވީ ގޮތުގެ ތަފްސީލް ހޯދާލަން މިއައީ." އަހަރެން ވަރަށް ސާބިތުކަމާއެކީ ވާހަކަ ދެއްކީމެވެ.

"ސާރާ އޭ؟ ތި ދައްކަނީ ހާދަ ކުރީގެ ވާހަކައެކޭ." ކުޑަކޮށް ސިހިފައި ފަތުޙީ ޖަވާބު ދިނެވެ.

"އޭނަ އެއްދުވަހަކު މޫދަށް ގޮސްގެން އުޅެނިކޮށް އޮޔާ ދިޔައީ. އަހަރެމެން އޭނަ ފެނޭތޯ ވަރަށް މަސައްކަތްކުރިން. އެކަމަކު ނުފެނުނު." އަޑަށް މަޑުމޮޅިކަން ގެންނަމުން ފަތުޙީ އިތުރަށް ކިޔައިދިނެވެ.

އެހިސާބަށް ވާހަކަ ދިއުމުން ޒީނާއަކަށް މަޑަކުން ނީނދެވުނެވެ.

"ތިހަދަނީ ހުސް ދޮގު... މާނާފުށްޓަށް އޭނަ ގެންގޮސްގެން ކަލޭމެން ކުރި ހުރިހާ ކަމެއް އަހަރެމެންނަށް އެނގިއްޖެ. ތެދަށް ކިޔައިދީ!" ޒީނާގެ އަޑު އިރަކަށްވުރެ އިރެއް ބާރުވިއެވެ.

"ކަލޭމެން ކީކޭ ތި ކިޔަނީ؟ އަހަރެން މީ އޭނައާއެކީ މޫދަށް ދިޔަ މީހާ. އަހަންނަކަށްނު އެނގޭނީ ކަން ހިނގާ ދިޔަ ގޮތް." ފަތުޙީ އަދިވެސް މަސައްކަތްކުރީ އޮޅުވާލާށެވެ.

"ބޭބެ މިހާރު ތިއޮތީ މަރުގެ ތުންފަތްމަތީގައި. އަދިވެސް ތައުބާ ވާކަށް ބޭނުމެއް ނުވޭތަ؟ ބޭބެއާ ބޭބެގެ ތިން އެކުވެރިން ސާރާގެ ޢިއްފަތްތެރިކަން ނަގާލާފައި ދިރިހުއްޓާ ވަޅުލިގޮތް އަހަރެމެންނަށް އެނގިގެންނޭ މި އައީ. އަހަރެމެން މިއީ ޕޮލިހުން. ދެންވެސް ތެދަށް ކިޔައިދީ!" ޒީނާގެ ވާހަކަ އެހާ ހިސާބަށް ދިއުމުން ފަތުޙީއަށް އިތުރަށް އެ ވާހަކައާ ދެކޮޅުހަދާކަށް ނުކެރުނެވެ.

"މިހާ ދުވަސްކޮށްފައި ތި ވާހަކަ ހިފައިގެން ތިއައީ ކީއްވެ؟" ފަތުޙީ އިތުރަށް އޮޅުންފިލުވަން ބޭނުންވިއެވެ.

"މިއީ ތެދެއްކަން އިހަށް ކަށަވަރުކޮށްދީ!" ޒީނާ އަނެއްކާވެސް ރުޅިވެރިކަންމަތީގައި ބުނެލިއެވެ.

"އާނ. އެއީ ތެދެއް. އެއީ މިދުނިޔެމައްޗަށް އަހަރެމެން ފޮރުވާ ފަސްއަޅާފައިވާ ޙަޤީޤަތެއް. އޭރު އަހަރެން އުޅުނީ ވަރަށް ގޯސް ރައްޓެހިންތަކަކާއެކު. އަހަރެމެން އޭރު ތިބީ ފުރާވަރުގެ އެންމެ ނާޒުކު އުމުރުގައި. މަންމަމެން އަބަދުވެސް ކޮއްކޮއާ އަހަރެމެން ފިރިހެން ކުދިންނާ ތަފާތުކުރޭ. މީރު ކާ އެއްޗެއް ލިބުނަސް ކޮއްކޮއަށް ގިނައިން ދޭނެ. މިކަހަލަ ކަންކަމާ ހެދި އަހަރެންގެ ހިތުގައި ކޮއްކޮއާމެދު ވަރަށް ކުޑައިރުއްސުރެ އޮތީ ނަފުރަތު އުފެދިފައި. އެހެން ހުއްޓާ އަހަރެންގެ ރައްޓެހިން ރޭވި ދަތުރެއް އެއީ. އެމީހުން ބުނީ ހަމައެކަނި ބޭނުން ފުދުނީމައި ކޮއްކޮއަށް ބިރު ދައްކާފައި ގެންނާނީ ކަމުގައި. އޭނަ ވަޅުގަނޑަށްލާން ނިންމީ އެންމެ ފަހު ވަގުތު. ކޮއްކޮ ވަރުބަލިވެގެން ހެޔަށް ގޮތްވުމުން އެމީހުން ބުނީ އޭނަ ގެންދާނެކަމެއް ނެތޭ. ކޮންމެ ގޮތެއް ވިޔަސް ކޮއްކޮ ގަދަ ހެދުމުގެ ސަބަބުން މޫނާއި ހަށިގަނޑުން ހަލާކުވެފައި ހުރި ތަންތަން ފެނުމުން، އަހަރެމެން ކޮންމެ ވާހަކައެއް ދެއްކިޔަސް މީހުން ގަބޫލު ނުކުރާނެކަމަށް ބުނި. އެކަމަކު އަހަރެން އެއްގޮތަކަށްވެސް އެގޮތް ބޭނުމެއް ނުވި. ނަމަވެސް އެމީހުން ބުނީ ބެދޭއިރު ބެދޭނީ އެންމެން އެއްކޮށްނޭ. އަހަރެންގެ އަނގަ ބަންދު ނުކޮށްފިނަމަ އަހަރެންވެސް ވަޅުލާފައި ގޮސްދާނަމޭ. ފަހުންވެސް މީހަކަށް ކިޔައިދީފިއްޔާ އަހަރެން މަރާލާކަށް ފަހަކަށް ނުޖެހޭނަމޭ.... އަހަރެން އޭރު މަރުވާކަށް ބޭނުމެއް ނުވި. އަދި އެމީހުންގެ ގޮތް ރަނގަޅަށް އެނގޭތީ އަހަރެންވެސް އެމީހުންނާ އެކީ އެކަމުގައި ބައިވެރިވީ..... ފަހުން އަހަރެން އެކަމާ ވަރަށް ދެރަވެ ހިތާމަކުރިން. ކޮއްކޮ ގެއްލިގެން އެކަމުގެ ހިތާމައިގައި މަންމަވެސް މިދުނިޔެ ދޫކޮށް ދިޔައީ. މިހާރު ބައްޕަވެސް އަދި އެއްބަނޑު އެއްބަފާ އެއްވެސް މީހަކުވެސް މި ދުނިޔެއަކު ނެތް. އަހަރެން ކުރި ކުށުގެ އަދަބުވެސް އަހަންނަށް ލިބިއްޖެ. އަހަރެން ބަލިވި ދުވަހު އަހަރެންގެ ހުރިހާ ދަރިން އަހަރެން އެއްލާލާފައި ގޮސްފި. އެހެރީ މިތާ ކައިރި އަވަށްޓެރިއެއް. އަހަރެންނަށް ކާންދީ ފެންވަރުވާދީ ހަދަނީ އޭނައާ އޭނާގެ ފިރިމީހާ."

ލޮލުގެ ކަނުން ވެއްޓުނު ކަރުނަ ތިއްކެއް ފުހެލަމުން ފަތުޙީ ވާހަކަ މެދުކަނޑާލިއެވެ.

"ބޭބެމެން ތިކުރި ކަމަކުން ގެއްލިގެން އެދިޔައީ އެއްވެސް ކުށެއް ނެތް ފުރާނައެއް. އިންސާނަކަށްވީތީ ކުށެއް ކުރެވިދާނެ. އެކަމަކު އެކަން ފޮރުވާ، ދޮގު ހެދުން އެއީ އަދި މާ ބޮޑު ކުށެއް. މާނާފުށިން މީހުން ގެއްލޭ ވާހަކަ ކިޔާތީ އަހަރެމެން ބޭނުންވީ އެކަމުގެ ޙަޤީޤަތް ހޯދަން. އެރަށުގައި ސާރާގެ ރޫޙު އަދިވެސް އެބައުޅޭ. އެރަށަށް އަރާ ހުރިހާ ފިރިހެނުން އޭނަ އެދަނީ މަރަމުން. އެރަށަށް ދާ މީހުން ގެއްލެނީ އެހެންވެ. އަހަރެމެންނަށް މި ހުރިހާ ވާހަކައެއް ކިޔައިދިނީ ސާރާގެ ރޫޙު" އަހަރެން އޮޅުންފިލުވައިދިނީމެވެ.

އެތައް އަހަރެއް ވެފައިވީ ކަމެއް ނަމަވެސް އެ ހާދިސާގައި ކަންތައްވީގޮތް މީހުންނަށް އަންގަން އަހަރެން ބޭނުންވިއެވެ. އެހެންކަމުން އަހަރެންގެ ރައްޓެހި ނޫސްވެރިއެއްގެ އެހީގައި ރާއްޖޭގެ އެންމެ މަޝްހޫރު ނޫސްތަކުގައި އެވާހަކަ ޖެހީމެވެ. ބައެއް ނޫސްތަކުގައި ފަތުޙީގެ އިންޓަވިއުވެސް ގެނައެވެ. މީހުން ގަބޫލު ކުރިޔަސް ނުކުރިޔަސް ސާރާގެ ރޫޙާ ބައްދަލުވުމަކީ އަހަރެންނާއި ޒީނާއަށް ދިމާ ނުވާ ކަމަކަށް ނުވާނެއެވެ. ބައެއް މީހުން އެކަމާ ޖޯކުވެސް ޖެހިއެވެ. ނަމަވެސް އެއީ އަހަންނަށާއި ޒީނާއަށް ޖޯކެއް ނޫނެވެ. އެއީ އެ ހާދިސާއެއްގައި އަހަރެމެންގެ އެންމެ ގާތް ދެ އެކުވެރިންނާ އަލްވަދާޢުކިޔަން ޖެހުނު ހާދިސާއެވެ. މީހުންނަށް އެ މަރުގެ ޙަޤީޤަތް އެނގުމުން ސާރާގެ ރޫޙަށް ފިނިކަމެއް ލިބޭނެކަމުގައި އަހަރެމެން އުންމީދުކުރަމެވެ.

ނިމުނީ   

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް

3 Responses

  1. ިއިކާން

    ރީތި. ޢާ ސްޓޯރީ އަކަށް އިންތިޒާރުކުރަން

  2. Thoo

    Hama varah reethi. Waiting for the next story ??

  3. ♥️ DhonKanbulow ♥️

    ސަމާ… އެމަންޖެއް އެހެން ހަދަން ހެޔޮނުވާނެ… ?

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ