ސައުދީ ރަސްކަމުގެ ވަޒީފައިގައި 6 ލައްކައަށް ވުރެ ގިނަ އަންހެނުން!

"އަންހެނުން ބާރުވެރިކުރުން" މި މައުޞޫއަކީ މިއަދު ވަރަށް ގިނަ ބައެއްގެ ސަމާލުކަމަށް އައިސް ވާހަކަދެކެވެމުންދާ ކަމެކެވެ. އަންހެނުން ހަމައެކަނި ގޭގައި ތިބެގެން ދަރިން ބަލާ، ފިރިމީހާ ވަޒީފާއިން އައުމުން ކައްކާފަ ކާންދިން ޒަމާން މިވަނީ މާޒީވެގެން ގޮސް ނިމިފައެވެ.

ވަޒީފާގެ މައިދާނުގައި އަންހެނުން މިއަދު އަންނަނީ ފިރިހެނުންނެކޭ އެއްހަމައެއްގައި ފައިތިލަ ސާބިތުކުރަމުންނެވެ. އެގޮތުން ފާއިތުވެދިޔަ މަސްތަކަކީ، ސައުދީ އަރަބިއްޔާގައި ރިކޯޑު އަދަދަކަށް އަންހެނުން ސައުދީ ރަސްކަމުގެ ވަޒީފާގެ މައިދާނާ ގުޅުނު ދުވަސްތަކެކެވެ.

ފަނަރަ މިލިއަނަށްވުރެ ގިނަ އަންހެނުން އާބާދީގައި ހިމެނޭ ސައުދީ އަރައްބިއްޔާގައި، މިހާރުވެސް ހަ ލައްކައަށްވުރެ ގިނަ އަންހެނުން ގައުމުގެ ވަޒީފާގެ މައިދާނުގައި ވަޒީފާއަދާކުރަމުން އެބަދެއެވެ. މި ރިކޯޑު އަދަދު ހާމަކޮށްފައިވަނީ "އެމްޕަވަރމެންޓް އޮފް ސައުދީ ވޮމެން އިން ލައިޓް އޮފް ދަ ކިންގްޑޮމްސް ވިޝަން 2030"ގެ ނަމުގައި ސައުދީގެ ލޭބާ މިނިސްޓްރީން ބޭއްވި ކޮންފަރެންސެއްގައެވެ.

އަންހެނުންނަކީ، މަސައްކަތްތެރި ބައެކެވެ. ނަމަވެސް އާއިލީ ޒިންމާގެ ސަބަބުން ވަޒީފާ އަދާކުރުމުގައި އެކިކަހަލަ ގޮންޖެހުންތައް ދިމާވެފައިވާ އަންހެނުންވެސް މަދެއްނޫނެވެ. އެހެންނަމަވެސް އަންހެނުންނަށް ވަޒީފާގެ ފުރުސަތުތައް ފަސޭހަކަމާއެކު ފަހިކޮށްދިނުމަށްޓަކައި، މިހާރު ސައުދީގެ ލޭބަރ މިނިސްޓްރީން ވަނީ 68 ސްކީމެއް ތައާރަފްކޮށްފައެވެ.

އޭގެތެރެއިން "ގާރާ" ޕްރޮގްރާމަކީ، އާއިލާ ބެލެހެއްޓުމުގައި ބިޒީ އަންހެނުންނަށް އެމީހުންގެ ދަރިން މަސައްކަތުގެ މައިދާނުގައި ބެލެހެއްޓޭނެ ގޮތްތައް ފަހިވެފައިވާ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމުގެ ދަށުން ސައުދީގައި މަސައްކަތްކުރާ 13,516 އަންހެން މުވައްޒަފުން ފައިދާ ހޯދައިފައިވެއެވެ.

އަންހެނުންނަކީ ހަމައެކަނި އުފެއްދުންތެރި ބައެއްނޫނެވެ. އަންހެނުންނަކީ އެމީހުން ކުރާމަސައްކަތަކަށް ކިތަންމެ ބޮޑު ހުރަހެއް އަދި ގޮންޖެހުމެއް ކުރިމަތިވިޔަސް އެކަމެއް އެންމެ ފުރިހަމަކަންމަތީ ހުރަސްކުރާ ކުޅަދާނަ ބައެއްވެސްމެއެވެ.

ސައުދީ ރަސްކަމުގެ ވަޒީފައިގައި 6 ލައްކައަށް ވުރެ ގިނަ އަންހެނުން މަސައްކަތްކުރާކަމަށް އެޤައުމުގެ ރަސްމީ ފަރާތްތަކުން ހާމަކުރެއްވިިއިރު، ރާއްޖެއަކީވެސް ނިސްބަތުން އަންހެނުން މަސައްކަތްކުރާ މިންވަރު މަދު ޤައުމެއް ނޫނެވެ. ނަމަވެސް ރަސްމީ ތަފާސްހިސާބުތަކުން އެ އަދަދު މިހާތަނަށް އެނގޭކަށް ނެތެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ